ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ވޯޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއު ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މެއި 17 ގައެވެ. ނަމަވެސް މަޝްރޫއުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ، ވޯޑް އިމާރާތުގެ ފުރަތަމަ ޝީޓު އެޅުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ފެށޭނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވައިލުމުގެ އިތުރުން ލެބޯޓަރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ، 30.3 މިލިއަން ރުފިޔާއަށް ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއާއެކު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިދިޔަ މަހު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެމްޓީސީސީން 35 ރަށެއްގައި 42 ޕްރޮޖެކްޓެއް މިހާރުވެސް ކުރިއަށްގެންދާ ކަމަށާއި ފަށަން ޖެހޭ 28 ޕްރޮޖެކްޓެއް އުޅޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް މިހާރު ވަނީ ފަށައިފައެވެ.