އިނގެރޭސި އެފްއޭ ކަޕްގެ ފަހު ސެމީގައި ގަދަފަދަ މެންޗެސްޓަ ޔުނައިޓެޑް 3-1 ގެ ނަތީޖާއިން ބަލިކޮށް ޗެލްސީ އިން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.
ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުން މޮޅުވި ޗެލްސީ ފައިނަލުގައި ނުކުންނާނީ ފުރަތަމަ ސެމީގައި މެންޗެސްޓާ ސިޓީ 2-0 ބަލިކުރި އާސެނަލާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. ރޭ ކުޅުނު މެޗުން ޔުނައިޓެޑް ބަލިވެފައިވާއިރު، މިއީ ކޮވިޑް 19 އަށް ކުޅުން މެދުކަނޑާލައި އޮތުމަށްފަހު އަލުން ފެށި ފަހުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޔުނައިޓެޑުގެ އެރިކް ބާއީގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި އެންތަނީ މާޝިއާލް ވަނީ ކުޅެން އަރުވައިފަ އެވެ. ރޭގެ މެޗްގައި ޗެލްސީ ލީޑް ނެގި ލަނޑަކީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗްގެ ފުރަތަމަ ހާފުގައި ދެއްކި އިތުރު ވަގުތުގެ 11 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ޖަހައިދިން ލަނޑެކެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ޗެލްސީގެ ދެވަނަ ގޯލަކީވެސް މެޗުގެ ދެ ވަނަ ހާފުގައި ޑެހެއާ އަށް ހެދުނު ގޯހަކުން ޖެހި ލަނޑެކެވެ. އޭރިޔާ ބޭރުން ޗެލްސީގެ މޭސަން މައުންޓް ވަރަށް ތިރިން ފޮނުވާލި ހަމަލާއެއް ޑެހެއާގެ އަތުގައި ޖެހިފައި ވަން ލަނޑެކެވެ. އެލަނޑަށް ފަހު ޗެލްސީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ޗެލްސީގެ ތިން ވަނަ ގޯލަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަރިމަތިން މާކަސް އަލޮންސޯ ނަގައިދިން ހުރަސް މެގުއާ ފައިގައި ޖެހިފައި ބައިކޮޅަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައެވެ. ޗެލްސީން ތިން ލަނޑުގެ ލީޑެއް ނަގައިފައި ވަނިކޮށް މެޗުގެ ފަހުކޮޅު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ.
ޔުނައިޓެޑްގެ މި ބައްޔަކީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި 2-0 އިން ބާންލީ އަތުން ލީގުގައި ބަލިވި ފަހުން އެޓީމުން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެޓީމުން ވަނީ ބަލި ނުވެ 19 މެޗް ހަމަކޮށްފައެވެ. ރޭގެ މޮޅާ އެކު މިއީ މި މުބާރާތުގެ ފައިނަލުން ޗެލްސީ ފުރުސަތު ހޯދި 14 ވަނަ ފަހަރެވެ. ފައިނަލުގެ އަނެއް ޖާގަ ހޯދި އާސެނަލް ފައިނަލަށް ގޮސްފައިވަނީ މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. ނަމަވެސް ޗެލްސީން ވަނީ މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި އާސެނަލް ބަލިކޮށްފައެވެ. އެހެންކަމުން މި ފައިނަލް މެޗް ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު