އޭޝިއަން ޗެސް ފެޑެރޭޝަން (ފިޑޭ) އާއި ޗެސް ޑޮޑްކޮމް ގުޅިގެން ބާއްވާ އޭޝިއަން ސީނިއާސް އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 އިއްޔެ ފަށައިފިއެވެ.
މި މުބާރަތަކީ 50 އަހަރާއި 65 އަހަރުން މަތީގެ މީހުންނަށް ހައްސަކޮށްގެން ބާއްވާ އޮންލައިން ފުރަތަމަ މުބާރާތެވެ. ޒޯންތަކަކަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ޒޯން 3.2 ގައެވެ. ރާއްޖޭގެ އިތުރުން މި ޒޯނުގައި ދެން ހިމެނިފައިވަނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.
ދެ އުމުރުފުރާއަކަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެއިން ޖުމްލަ ހަތަރު ކުޅުންތެރިން ބައިވެރިވެއެވެ. އެއީ 50 އަހަރުން މަތީގެ ތިން ކުޅުންތެރިންނާއި 65 އަހަރުންމަތީގެ ކުޅުންތެރިއެކެވެ.
މި މުބާރާތުގައި މުޅި ޖުމްލަ 141 ކުޅުންތެރިން 50 އަހަރުން މަތީގައި ބައިވެރިވެފައިވާ އިރު، 65 އަހަރުން މަތީގެ 44 ކުޅުންތެރިން ބައިވެރިވެއެވެ.
އިއްޔެ ބޭއްވި ޒޯން 3.2 ގެ މެޗުތަކުގައި ބައިވެރިވެ ރާއްޖޭގެ 50 އަހަރުން މަތީގެ އަބްދުއް ރަހުމާން އަލީ ގަދަ ހައެއްގައި ހިމެނުނު އިރު، ގައުމުތަކުގެ ތެރެއިން ރާއްޖެ ވަނީ ތިންވަނައިގައި ހިމެނިފައެވެ.
މި މަހުގެ 21ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 އަދި 21 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އަދި މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޑިވެލޮޕްމަންޓް ޕާޓްނާސްގެ ގޮތުގައި ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން މިފަދަ މުބާރާތްތަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވޭކަން މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
ޗެސް
ޗެސް
ޗެސް
ޗެސް