ލައިފް ސްޓައިލް

ޗޮކްލެޓް ކެއުމުން ވާގޮތް އެނގޭތަ؟

އީމާ މުހައްމަދު ވަހީދު

2

ޗޮކްލެޓަކީ ހުރިހާ އުމުރެއްގެ އަދި ދެ ޖިންސުގެ މީހުންގެ މެދުގައިވެސް ވަރަށް ހިނގާ ކެއުމުގެ ބާވަތެކެވެ. އެހެންނަމަވެސް ގިނަ ބައެއްގެ މެދުގައި ޗޮކްލެޓް ލޭބަލް ވެފައި އޮންނަނީ އެ ކެއުމުން ހަށިގަނޑުގެ ބަރުދަން ބަރުވެ، ދަތްފަނި ކެއުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިވާ އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން ޗޮކްލެޓަކީ ކިތަންމެ މީރު ފޮނި ކާއެއްޗަކަށް ވީނަމަވެސް ގިނަ ބަޔަކު މަސައްކަތް ކުރަނީ ވީވަރަކުން ޗޮކްލެޓް ނުކައި އުޅެވޭތޯއެވެ. ފަހަރުގައި އެ ވާހަކަތަކަކީ ތެދަކަށް ވެދާނެއެވެ. އެހެންނަމަވެސް ބަލައިގެން ވަކި މިންވަރަކަށް ޗޮކްލެޓް ކާނަމަ އެވާހަކަތަކަކީ ދޮގެއްކަންވެސް ސާބިތު ކޮށްދެވިދާނެއެވެ.

ޗޮކްލެޓަކީ އޭގައި ވަރަށް ގިނަ އަދަދަކަށް ކެލޮރީސް ހިމެނޭ ފޮނި ކެއުމުގެ ބާވަތެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ޗޮކްލެޓް ކެއުމާއި މުޅިން ދުރުވުމެއް ނޫނެވެ. ބަލައިގެން މަދު މިންވަރަކަށް ޗޮކްލެޓް ކެއުމަކީ އަހަރެމެންގެ ސިއްހަތަށް ފައިދާ ހުރި ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް ކުޑަ ކުޑަ ޗޮކްލެޓް ކޮޅެއް ކާނަމަ، އަހަރެމެން މާބޮޑަށް ސްޓްރެސް ވެގެން ފަލަވާ ފަލަވުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން ޗޮކްލެޓް ކާނަމަ ކަސްރަތު ކުރަންވެސް ހަށިގަނޑަށް ހިތްވަރު ލިބޭނެއެވެ.

ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޑާކް ޗޮކްލެޓް ކެއުމަކީ ބޮޑީ މާސް އިންޑެކްސް ދަށް ކޮށްދޭ ކަމެކެވެ. ސަބަބަކީ ޑާކް ޗޮކްލެޓްގައި އެހެން ބާވަތްތަކުގެ ޗޮކްލެޓްތަކުގައި ހުންނަ މިންވަރަށް ވުރެ މަދުން ހަކުރު ހުންނާތީއެވެ. ޗޮކްލެޓް ކައިގެން އަހަރެމެންނަށް ހަށިގަނޑުގެ ބަރުދަންވެސް ލުއިކުރެވިދާނެއެވެ. ކެއުމުގެ 20 މިނެޓު ކުރިން ޗޮކްލެޓް ކޮޅެއް ކެއުމުން، ވަކިވަރަކަށް ކާ އެއްޗެހި ކެއުމަށްފަހު ބަނޑު ފުރިއްޖެ ކަމުގެ އިހްސާސް ސިކުނޑިއަށް ކޮށްދީ ގިނައިން ކެއުން ހުއްޓުވުމަށް ބާރު އަޅާ ކަމަށް ބައެއް ދިރާސާތަކުން އެނގިފައި ވެއެވެ.

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ކާން އެންމެން ރަނގަޅީ ކޮންކަހަލަ ޗޮކްލެޓެއްކަން އެނގޭ ހެއްޔެވެ؟ ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ކެއުން އެންމެން ރަނގަޅީ، 70 އިންސައްތަ ކޮކޯ ހިމެނޭ ޗޮކްލެޓެވެ. އޭރުން އަހަރެމެންގެ ހަަށިގަނޑުގެ މެޓަބޮލިޒަމް ލެވެލް އަވަސްކޮށްދޭނެއެވެ. ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ދުވަސްވަރު، ޗޮކްލެޓް ކާއިރު ވިސްނަން ޖެހޭ ކަންކަން ވެސް އެބަ ހުއްޓެވެ. އެގޮތުން، ޗޮކެލެޓަކުން ދެތިން އެތިކޮޅު ކައިލިޔަސް މާބޮޑު މައްސަލައެއް ނެތެވެ. އެހެންނަމަވެސް ދުވާލަކު ޗޮކްލެޓެއް ކެއުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. އޭރުން ހުރިހާ ކަމެއް ހުންނާނީ އިދިކޮޅަށް ޖެހިފަ އެވެ. ފަލަވެސް ވާނެ އެވެ. ދަތްފަނިވެސް ކާނެ އެވެ. ހަކުރުގެ މައްސަލަޔަށްވެސް ރަނގަޅެއް ނުވާނެ އެވެ.