އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިިފި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިގެން ތިއްބެވި 61 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، އެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

ޖުޑީޝަރީ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވާފައިވާ އެ ބިލުގައި ބުނެފައިވާ ގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ގަރާރަށް ބަދަލު ގެނައުމުގެ ބާރުވެސް މަޖިލީހަށް ދީފައިވެ އެވެ.

އެގޮތުން އެ ގަރާރުގެ ވަކިބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސްކުރުމާއި، މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުމުގެ ގަރާރާއި، ގަރާރު ބާތިލުކުރުމާއި، މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުން ހިމެނެ އެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް ބިލުގައި ބުުނެފައިވެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަސް ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސް ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުުނެފައިވެ އެވެ.

މިހާރު ގާނޫނުގައި އޮންނަގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ.