ޚަބަރު

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރަކަށް ރައީސް ނަޝީދު

ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ރައީސް ނަޝީދު އައްޔަންކުރެއްވިކަން އެންގެވީ ސީވީއެފްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ. އަބްދުލްމޯމެން، ރައީސް ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.

އެމަނިކުފާނު މި މަގާމަށް އައްޔަނުކޮށްފައިވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް މަޖިލީހުން ބުންޏެވެ.

ރައީސް ނަޝީދަށް އަރުވާފައިވާ ތީމެޓިކް އެމްބެސެޑަރު އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަންގެ މަސްއޫލިއްޔަތަކީ އެމަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށް މަޖިލީހުން ބުންޏެވެ.

މަޖިލީހުން ބުނީ ސީވީއެފްގެ މަސައްކަތް ކުރިއަރުވައި ގުޅުން ވަރުގަދަކުރުމުގެ ގޮތުން ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތަ އާއި ވަލްނަރަބިލިޓީ ހިމެނޭ ކަމަށް މަޖިލީހުން ބުންޏެވެ.

ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުން ގާތް 48 ގައުމު ބައިވެރިވާ ބައިނަލްއަގުވާމީ ފޯރަމްއެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރު ރާއްޖޭގައެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް ތިމާވެށްޓާ ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.