ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ނައިބު ރައީސްކަމަށް މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފިއެވެ.

އެލްޖީއޭ އިން ބުނީ އެލްޖީއޭ ބޯޑުގެ ނައިބު ރައީސްކަމަށް މާހިރު އީސާ އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ 10 ވަނަ ބައްދަލުވުމުގައެވެ.

މުހައްމަދު މާހިރު އީސާއަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައި އެ ބޯޑަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަތް ބޭފުޅަކު އައްޔަން ކުރައްވައިފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ.

އެލްޖީއޭގެ ބޯޑު އަލުން އެކަލަވައިލެއްވި އިރު އެ ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތުމަތު އަފްޝަން ލަތީފްއެވެ.

އެގޮތުން އައްޔަން ކުރެއްވި ބޭފުޅުންނަކީ ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ އާއި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފާއި މުހައްމަދު މާހިރު އީސާ އާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.

މި ބޭފުޅުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާނަކީ ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރެވެ. އަދި އަފްޝަން އައްޔަން ކުރައްވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައިވަނީ އެލްޖީއޭގެ ކަންކަން ދުވަހުން ދުވަހަށް ހިންގާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފަޔައި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށެވެ. އަދި އެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަންކުރެއްވީ ކޮވިޑް 19އާ ގުޅިގެން އިންތިހާބު ފަސްކުރުމާ ގުޅިގެން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު އިތުރު ކުރުމާއެކު، އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން އަމަލުކުރާނެ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެގާނޫނުގެ ދަށުންނެވެ. މި ބަދަލާއެކު ކުރީގެ ބޯޑު ވަނީ އުވިފައެވެ.