ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވުމަށްފަހު، މުސާރަ ނުދީގެން އެމީހުން ހަމަނުޖެހުން ހިންގައި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެ ބިދޭސީން ރަށުން ބޭލުމަށް (ރިޒް) ކުންފުނީގެ މައްޗަށް ކޯޓު އަމުުރު ނެރުނު މެޖިސްޓްރޭޓުގެ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މިކަން އާންމުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ، ބުނީ ރިޒާގެ ކުންފުނީގެ ނަމަކީ "އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑް" ކަމަށާއި، ނަމަވެސް ބޮޑުފިނޮޅު މައްސަލާގައި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައި ވަނީ ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކަމަށެވެ.

އެ އަމުރު ނެރެފައިވަނީ ރިޒާގެ ކުންފުނީގެ މައްޗަށް ނޫން ކަމަށާއި އެފަދަ އަމުރެއް ރިޒާގެ، އާރުއައިއެކްސް ކުންފުނީގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ވަނީ ދައުވާއަކާ ގުޅިގެން އެދައުވާއެއްގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ޝަރީއަތުން ހުކުމެއް ކުރުމަކީ ޝަރީއަތުގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ދައުވާތަކާ ގުޅިގެން ޝަރީއަތުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކަކީ ތަންފީޒުކުރުން ގާނޫނީ ގޮތުން ލާޒިމު އެއްޗަކަށް ވާއިރު، ވުޖޫދުގައި ނެތް ފަރާތެއްގެ މައްޗަށް ރައްދު ކުރެވޭ ދައުވާއެއްގައި އެފަރާތެއްގެ މައްޗަށް ހުކުމް ކުރުމަކީ އެކަމުގައި ޝަރީއަތުގެ އަމުރު ތަންފީޒު ކުރުމުގައި އިޖުރާއީ ގޮތުން ކުރިމަތިވާ ސަބަބަކާ ހުރެ އެ އަމުރުވެރިކަމުގެ ބާރު ކެނޑިދާނެ ކަމެއްކަމަށް ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ބުނެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބޮޑުފިނޮޅުން މީހުން ބޭލުމަށް ވަގުތީ އަމުރު ނެރުނު ޝަރީއަތުގެ މަޖިލީސް ވީީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ކަމަށާއި އެ މަޖިލިސް ކުރިޔަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ވީޑިއޯ މެދުކެނޑުނު ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަމާބެހޭ ޝަރީއަތުގެ މަޖިލިސް ފެށީވެސް ރިޒާގެ ކުންފުނިން ހުށަހެޅި ހަ ނުކުތާގެ މައްޗަށް އެކުލެވޭ އިޖުރާއީ ބަޔާނުގައި ހިމެނޭ އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ބޮޑުފިނޮޅުން ބިދޭސީން ބޭލުމަށް ވަގުތީ އަމުރު ނެރުނީ ނުފޫޒުގެ ތެރެއިން ކަމަށެވެ. އެއީ ވަކި ބަޔަކަށް މަންފާ ވާގޮތަށް، ގާނޫނާ ހިލާފަށް ނެރުނު އަމުރެއް ކަމަށާއި، އެ މައްސަލާގައި ވަގުތީ އަމުރު ނެރުނު ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފްގެ ސުލޫކީ މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހު ޖޭއެސްސީ އަށް ހުށަހަޅާފައިވާނެ ކަމަށް ބުންޏެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބޭލުމަށް އާރުއައިއެކްސް (ރިޒް) ކުންފުނީގެ މައްޗަށް އަމުރެއް ނެރުނީ އިއްޔެއެވެ.

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެގެން ހުންނެވި، ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސޮއިކުރައްވައި ނެރުއްވާފައިވާ ވަގުތީ އަމުރުގައި ވަނީ ސީލް މޯލްޑިވްސް އާއި ރިޒް ކުންފުންޏާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރިޒް ކުންފުނީގެ މުއައްޒަފުން ސީލް އިން މަސައްކަތްކުރުވުމަށް ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި މި މުވައްޒަފުން ރަށުން ބޭރުވުމަށް ރިޒް ކުންފުންޏަށް އެންގުމުގެ ބާރު، އެއްބަސްވުމުގެ 6.2 ވަނަ މާއްދާގެ ދަށުން ސީލް މޯލްޑިވްސްއަށް ލބިގެންވާ ކަމަށް އަމުރުގައި ވެއެވެ.

އަމުރުގައި ވަނީ މެއި 23ގައި ސީލް މޯލްޑިވްސް އިން ފޮނުވާފައިވާ ސިޓީގައި ރިޒްގެ މުވައްޒަފުން ރަށުން ބޭލުމަށް އަންގާފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ރިޒްގެ މުވައްޒަފުން 16 މެއިގައި އެރަށުގައި މާރާމާރީ ހިންގައި ސީލްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށާއި އެފަރާތްތައް އެރަށުގައި އިތުރަށް ބައިތިއްބައިފިނަމަ، ސީލްގެ މުދަލަށާއި ރަށުގައި ތިބި އެހެން ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފާނޭކަމަށް އަންދާޒާކޮށް، އެ އެންމެން 31 މެއިގެ ނިޔަލަށް ރަށުން ބޭލުވުމަށް ރިޒް ކުންފުނިން އަންގާފައިވާ ކަމަށްވެސް އަމުރުގައި ވެއެވެ.