އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ނޯރިޗް ސިޓީ ބައްދަލު ކުރި މެޗް 1-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށް ޗެލްސީން ތާވަލުގެ ތިންވަނައިގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ޗެލްސީ ތިންވަނައިގައި އޮތީ 63 ޕޮއިންޓާއި އެކުއެވެ.

ނަމަވެސް ހަތަރުވަނައިގައި 59 ޕޮއިންޓާއި އެކު އޮތް ލެސްޓާ ސިޓީ މާދަމާރޭ ރާއްޖެ ގަޑިން 22:00 ގައި ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުން ލެސްޓާ މޮޅު ވެއްޖެ ނަމަ ޗެލްސީ އާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ. އަދި ފަސްވަނައިގައި 59 ޕޮއިންޓާއި އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް މި މަހުގެ 17 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ އެޓީމަށް ވެސް ޗެލްސީއާ ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުސަތު އެބައޮތެވެ. ލެސްޓާއަށް ތާވަލުގެ ހަތަރުވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.

ރޭގެ މެޗުގައި މެޗް ޗެލްސީން ޑޮމިނޭޓް ކުރި ނަމަވެސް ލަނޑު ޖަހަން ލިބުނު އެންމެ ފުރުސަތެއް ނޫނީ ހުރިހާ ފުރުސަތެއް އެޓީމަށް ވަނީ ބޭނުން ކުރެވޭ ގޮތް ނުވެފައެވެ. ތާވަލުގެ ފުލުގައި ރެލިގޭޓު ވެފައި އޮތް ނޯރިޗް ސިޓީ އަތުން ޗެލްސީ ސަލާމަތް ވި ލަނޑު މެޗްގެ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓްގައި މެޗްގެ 45 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޗެލްސީގެ އޮލީވިއާ ޖިރޫޑް އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ކްރިސްޓިއަން ޕަލިސިކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ފުރަތަމަ ހާފް މިނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހާފުގައި ޗެލްސީން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލަށް ނުރައްކާވާ ވަރުގެ ހަމަލާތަކެއް އެޓީމަށް އުފެއްދިފައެއް ނުވެއެވެ. ރޭގެ ކުޅުމަށް ބަލާއިރު ޗެލްސީގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. ނޯރިޗް ސިޓީގެ ކުޅުންތެރިން ވަނީ ދެވަނަ ހާފުގެ ބައެއް ވަގުތުތަކުގައި ޗެލްސީ ހާސް ކޮށްލައި އެޓީމަށް ޕްރެޝަރު ކޮށްފައެވެ. ރޭގެ މެޗް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.