ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހުޅުވުމުގައި އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ސަލާމަަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މިންގަނޑެއް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެކުލަވާލައިފިއެވެ.

ޓީމުން ބުނީ ކޮވިޑާއި ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވުމުގައި އެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރުކަމާއި ސިއްހީގޮތުން ގެންގުޅެން ޖެހޭނެ ކަމަށް އެ ޖަމިއްޔާއާއި އަދި އެ ޖަމިއްޔާގައި ބައިވެރިވާ ބައިނަލްއަގުވާމީ އެފަދަ އެހެން ޖަމިއްޔާތަކާއި ގުޅިގެން ޓޫރިސްޓް ރިސޯޓް އަދި ހޮޓާތަކުގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ މިންގަނޑުތަކެއް ނުވަތަ ގައިޑްލައިނެއް އެކުލަވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ޓީމުން ބުނީ ޓޫރިޒަމް ސިނާއަތް އަލުން ފެއްޓުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން އުސޫލުތަކާއި ގައިޑްލައިންތައް އެކުލަވާލައިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަސައްކަތްތެރީންގެ ބަހެއް ފުރިހަމައަށް ހޯދުމަކާއި ނުލައި ކަމަށެވެ. އެހެންކަމުން މަސައްކަތްތެރީން ސީދާ ޝާމިލު ނުވާނެ ގޮތަކަށް އެބައިމީހުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަން ތަންފީޒު ނުވާނެ ގޮތަކަށް އެކުލަވާލެވިފައިވާ އުސޫލުތަކަށް އަމަލު ކުރެވިގެން ހިނގައިދާނެ ކަމަށް ނުފެންނާތީ، އެ ޖަމިއްޔާގެ ފަރާތުން އެކުލަވާލައިފައިވާ މިންގަނޑާއި އެއްގޮތަށް ޓޫރިސްޓް ރިސޯޓު އަދި ހޮޓާ ހިންގާ ފަރާތްތަކުން ފުރިހަމައަށް އަމަލު ކުރުމަށް ގޮވާލާ ކަމަށެވެ.

ޓީމުން ބުނީ، އެ ޖަމިއްޔާގެ ފަރާތުން އެކުލަވާލައިފައިވާ ގައިޑްލައިން މިމަހުގެ 9 ވަނަ ދުވަހު އީމެއިލްގެ ޒަރިއްޔާއިން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް މިހާތަނަށްވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމުގައެވެ.