ދުނިޔެ

ބުރުނާއީގައި ކޮވިޑް ކޭސްއެއް ނުފެންނަތާ 68 ދުވަސް

މުހައްމަދު އައުޒަމް

1

ބުރުނާއީގައި ކޮވިޑް ކޭސްއެއް ނުފެންނަތާ 68 ދުވަސް ވެއްޖެއެވެ.

ދުނިޔޭގޭ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ބުރުނާއީ އިން ވެސް ވަނީ އެގައުމު ކޮވިޑުން ސަލާމަތްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ކޮވިޑުގެ މައްޗަށް ކާމިޔާބު ހޯދައިފައެވެ.

ބުރުނާއީ އިން މިހާތަނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 141 ކޭސްއެވެ. އަދި މެއި މަހުގެ ހަތްވަނަ ދުވަހުގެ ފަހުން އެގައުމުން ކޮވިޑުގެ އެއްވެސް ކޭސްއެއް ނުފެންނަ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެހެން ގައުމުތަކުން އެގައުމަށް އެތެރެވި 399 މީހުން ބުރުނާއީގެ ހެލްތު މިނިސްޓްރީން މޮނިޓަރިން ސެންޓަރުތަކުގައި އައިސޮލޭޓް ކޮށްފައިވާ އިރު، މިހާތަނަށް އެއްވެސް ކޭސްއެއް އެ ސެންޓަަރުން ފެނިފައެއް ނުވެއެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުން ކޮވިޑް ޖެހި މަރުވެފައިވަނީ ތިން މީހުންނެވެ.

ބުރޫނައީގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އައިސޮލޭޓް ކުރާ މީހުން އައިސޮލޭޝަނުގެ އުސޫލާ ހިލާފުވެއްޖެ ނަމަ ހަމަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. ޖަލު ހުކުމުގެ އިތުރުން 10،000 ޑޮލަރުގެ ޖޫރިމަނާއެއް ވެސް ކުރަން ނިންމާފައިވެއެވެ.