އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުން 2-2 އަކުން އެއްވަރު ވެ ތާވަލުގެ ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑުން ނަގާލައިފިއެވެ.

ރޭގެ މެޗުން މޮޅުވި ނަމަ އޮތް ޔުނައިޓެޑަށް ތިންވަނައިގައި އޮތް ޗެލްސީއަށްވުރެ އެއް ޕޮއިންޓް އިތުރަށް ލިބޭނެއެވެ. ނަމަވެސް މިނަތީޖާގެ ސަބަބުން ތާވަލަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ތާވަލަށް ބަލައިލާއިރު ޗެމްޕިއަން ލިވަޕޫލް އެއް ވަނައިގައި އޮތް އިރު ދެވަނައިގައި އޮތީ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ އެވެ. އެޓީމު އޮތީ 35 މެޗުން ލިބުނު 72 ޕޮއިންޓާއި އެކު އެވެ. ޗެލްސީ އަށް ތިންވަނަ ލިބެނީ އެޓީމު ކުޅުނު 35 މެޗުން ހޯދި 60 ޕޮއިންޓާއި އެކުއެވެ. ތިންވަނައިގައި ލެސްޓާ ސިޓީ ހަމަ އެއަދަދަށް މެޗް ކުޅެގެން 59 ޕޮއިންޓާއި އެކު ހަތަރުވަނައިގައި އޮތް އިރު، ޔުނައިޓެޑުންވެސް ވަނީ 59 ޕޮއިންޓް ހޯދާފައެވެ.

ރޭގެ މެޗް ފަށައިގެން 12 ވަނަ މި ނެޓުގައި ސައުތުހެމްޓަން އިން ވަނީ މެޗްގެ ލީޑު ނަގައިފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓްއާޓް އާމްސްޓރޯންގ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ނަތަން ރެޑްމޮންޑް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ސައުތުހެމްޓަނަށް އެ ލީޑުގައި އޮވެވުނީ މެޗްގެ 20 ވަނަ މިނެޓާއި ހަމަ އަށެވެ. މެޗްގެ 20 ވަނަ މިނެޓިގައި ޔުނައިޓެޑްގެ އެންތޮނީ މާޝިއަލްގެ އެހީތެރިކަމާއި އެކު ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ ހަމަ ހަމަ ކޮށްދީފައެވެ. އޭގެ ތިން މިނެޓުފަހުން މެޗްގެ 23 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖެހުމުގައި މެދުވެރިއަކަށްވި އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑަށް މެޗްގެ ލީޑު ނަގައިދީފައެވެ. މިލަނޑު ކާމިޔާބު ކުރުމުގައި އެހީތެރިވީ ބުރޫނޯ ފެނާންޑޭޒް އެވެ.

މެޗްގެ ދެވަނަ ހާފް ދެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަނެއް ފޮނޮވާލި ނަމަވެސް ގޯލަށް ވައްދާލެވޭވަރެއް ނުވިއެވެ. ސައުތުހެމްޓަން ބަލިވާން ދަނިކޮށް މެޗްގެ 90 ވަނަ މިނެޓުގައި އެޓީމު ބަލި ނުވެ ސަލާމަތް ކޮށްދިނީ މައިކަލް އޮބަފެމީ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ޖެން ބެޑްނާރކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗް ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މިދެޓީމު މީގެ ކުރިން ބައްދަލު ކުރި މެޗްވެސް ނިމުނީ ދެޓީމް އެއްވަރު ވެގެންނެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ.