ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވުމާއި ގުޅިގެން ގިނަ އާއްމުން ދަނީ ޝޯޝަލު މީޑިއާގައި އިންޑަސްޓްރީގެ މަޝްހޫރު އާއިލާތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން އާއްމުންގެ އެންމެ ބޮޑު ނަފުރަތެއް އަމާޒުވި އެއް އާއިލާއަކީ މަހޭޝް ބަޓްގެ އާއިލާއެވެ.

މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓަށްވެސް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒު ވެފައެވެ. އެންމެ ފަހުން ޕޫޖާ މިވަނީ ސޯޝަލް މީޑިއާގައި މީހުން ކިޔަމުން ގެންދިޔަ ފާޑުކިޔުންތަކަށް ރައްދުވެސް ދީފައެވެ. ޕޫޖާ ކުރި ޓްވީޓެއްގައި ބުނީ ކަމަކަށް ފާޑުކިޔުމާއި، ސޯޝަލް މީޑިއާގައި މީހަކު އެބިއުސް ކުރުމަކީ ތަފާތު ދެކަންތައް ކަމަށެވެ.

ޕޫޖާ އިތުރަށް ބުނީ ބަޔަކު ސޯޝަލް މީޑިއާގައި އެބިއުސް ކުރާނަމަ، އެކަމާ އަޅައިނުލައި ހުރުމުން އެބައެއްގެ އަމާޒަކަށް ދެން ހަދާނީ އެހެން މީހުން ކަމަށެވެ. ސޯޝަލް މީޑިއާގައި މީހުންނަށް ބިރުދައްކައި އެބިއުސް ކުރުމަކީ ހުއްޓުވަން ޖެހޭ ކަމެއް ކަން ޕޫޖާ ފާހަގަކުރިއެވެ.

ޕޫޖާ ބަޓް އެހެން ބުނެފައިވާއިރު، ޝަހީން ބަަޓް ވަނީ ސޯޝަލް މީޑިއާގައި އާލިއާ ބަޓް ހިމެނޭ ގޮތަށް އެމީހުންގެ އާއިލާގެ މީހުންނަށް ބިރުދައްކައި ރޭޕް ކުރާނެ ކަމަަށް ބުނެ ބައެއް މީހުން ކޮށްފައި ހުރި މެސެޖްތަކުގެ ސްކްރީންޝޮޓް ވެސް ހިއްސާ ކޮށްފައެވެ. މީގެ އިތުރުން އެގޮތަށް ބިރުދައްކާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ޝަހީން ވަނީ ބުނެފައެވެ.