ޖަމާއަތުގައި ނަމާދު ކުރާއިރު އަމަލު ކުރަން މިނިސްޓްރީން އެކުލަވާލައި އާންމު ކުރި ގައިޑްލައިނާ ހިލާފަށް މިސްކިތަށް ދާއިރު މާސްކު ނޭޅުމާއި، ގެއިން މުސައްލަ ނުގެންދާކަން ފާހަގަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވީ މާލޭ ސިޓީގެ މިސްކިތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއެކު ބޭއްވި ބައްދަލުވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާކަހަދައްކަވަމުން މިނިސްޓަރު ޒާހިރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައިވަނީ މިސްކިތަށް ނަމާދަށް ދާ މީހުންގެ އިތުރުން ކައުންސިލުތަކުން ކަންތައްތައް ބަހައްޓަންޖެހޭ ގޮތުގެ ގައިޑުލައިނެއް އާންމުކުރުމަށްފަހު ކަމަށް ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ. ނަމަވެސް މިސްކިތްތަކަށް ނަމާދު ކުރުމަށްދާ މީހުން މި ގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާކަން މިނިސްޓަރު ޒާހިރު ފާހަގަކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެގޮތުން މިސްކިތަށް ދާއިރު މާސްކު ނޭޅުމާއި، ގެއިން މުސައްލަ ނުގެންދިއުމުގެ އިތުރުން ނަމާދު ކުރާއިރު މާ ގާތްގާތުގައި ތިބޭކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އެޗްޕީއޭގެ އިތުރުން މިނިސްޓްރީން ކަނޑައަޅާފައިވާ ކަންކަމަށް އަމަލު ނުކުރާނަމަ މުޖުތަމައުގައި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި މޭޔަރު ޝިފާ ވަނީ މިސްކިތްތަކުގެ ކަންކަން ރަނގަޅު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމަށް އެކަމާ ހަވާލުވެ ތިބި މީހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މޭޔަރު ޝިފާ ވިދާޅުވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މިހާރު މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީގެ މުވައްޒަފުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.