އެންމެ ގަދީމީ ޒަމާނުއްސުރެ ވިހި ވަނަ ގަރުނުގެ ކުރީކޮޅާ ހަމަޔަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އެކުލެވިފައި އޮތީ ޖަޒީރާ ރަށްތަކަކާއި އެންމެ އެކަށޭނޭ ގޮތުގެ މަތީންކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޚަބަރު ފިލާންއޮތް އެންމެ ދުރު ޒަމާނުން ފެށިގެން ދާދި އިހަށް ދުވަހާ ހަމަޔަށް ދައުލަތުގެ ކަންކަން ރޭވިފައި ވަނީ ލާމަރުކަޒީ ނިޒާމަކަށެވެ. ކެލައައްޑޫ ދެމެދުގައިވާ ހުރިހާ ޖަޒީރާތަކެއް އަބަދުވެސް ހިންގަމުން އައިސްފައިވަނީ ވަކި އަދަދެއްގެ އަތޮޅުތަކަކަށް ނުވަތަ އެހެން އިބާރާތަކުން ދަންނަވަނީނަމަ ޕްރޮވިންސުތަކެއްގެ މައްޗަށް ބައިކޮށްގެންނެވެ. ޒަމާނާއި އެކު އަންނަ ބަދަލުތަކުގެ ތެރެއިން ރާއްޖެ ބަހައިފައިވާ އަތޮޅުތަކުގެ އަދަދަށްވެސް ދިޔައީ ބަދަލުތައް އަންނަމުންނެވެ. މިގޮތުން އެންމެ ގަދީމީ ޒަމާނުގައި ތޭރަ އަތޮޅެއްގެ މައްޗަށް ރާއްޖެ ހިންގާފައިވާއިރު އަނެއް ޒަމާނެއްގައި ސަތާރަ އަދި އަނެއް ޒަމާނެއްގައި އޮނަވިހި އަތޮޅެއްގެ މައްޗަށްވެސް ރާއްޖެ ހިންގަމުން އައިސްފައިވެއެވެ. އަދި އެންމެ ފަހަށް ރާއްޖެ ހިންގަމުން އައިސްފައިވަނީ މާލެޔާއެކު އެކާވީސް އަތޮޅެއްގެ މައްޗަށެވެ. އެކި އަޞްރުތަކުގައި ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އަދަދަށް ބަދަލު ގެންނަވައިފައިވަނީ ވެރިކަން ހިންގުމަށް ފަސޭހަކުރުމުގެ ގޮތުންނެވެ. އަދި ވެރިކަމުގެ ތެރޭގައި ގިނަ ބައެއްގެ އަޑު ޝާމިލުކުރުމުގެ ގޮތުންކަމުގައިވެސް ބެލެވެއެވެ. ދިވެހި ތާރީޚުގެ އެނގެން އޮތް ދިގު ޒަމާންތަކުގެ މައްޗަށް ޖުމްލަކޮށް ބަލާލާއިރު މި ހުރިހާ ޒަމާންތަކެއްގައިވެސް ވެރިކަމުގެ ހުރިހާ ބާރުތަކެއް އެއް ރަށަކަށް ނުވަތަ އެއް އަތޮޅަކަށް ޖަމާކޮށްގެން މުޅި ދައުލަތް ހިންގަމުން އައިސްފައިވާކަމެއް ފެންނާކަށް ނެތެވެ. މިއީ ތާރީޚު އަޅުގަނޑުމެންނަށް ދައްކައިދިން ހަގީގަތެވެ.
ރާއްޖެ ދައުލަތެއްގެ ގޮތުގައި ހިންގުމަށްޓަކައި ބައިކޮށްފައިވާ ކޮންމެ އަތޮޅެއް ނުވަތަ ޕުރޮވިންސެއްގައިމެ ރަސްކަމުގެ ފަރާތްޕުޅުން ކަނޑައަޅުއްވައިފައި ހުންނަވާ ވެރިޔެއް ހުންނަވައެވެ. މިއީ ދުނިޔޭގެ އެހެނިހެން ބޮޑެތި ބައްރުތަކުގެ ގައުމުތަކުންވެސް ފެންނަ ގަވަރުނަރުން ފަދަ މަގާމެއްކަމުގައި ފެނެއެވެ. އަތޮޅުތަކުގައި އަމުރުމައުރޫފު ހިންގެވުމަށް އެކި އިރު އެކި ނަންނަމުގައި މިފަދަ ވެރީން ކަނޑައަޅުއްވައިފައި ތިއްބަވައެވެ. އެއް އިރެއްގައި ވާރުވެރިޔާގެ ނަމުގައެވެ. އަނެއް އިރެއްގައި އަތޮޅުވެރިޔާގެ ނަމުގައެވެ. ނޫނީ ކާރުދަވެރިޔާގެ ނަމުގައެވެ. އަދި ބައެއް ނާދިރު ހާތްތަކުގައި ކިލެގެއެއްގެ ނަންފުޅުގައެވެ. އަތޮޅުގެ މައްޗަށް ރަސްކަމުގެ ފަރާތްޕުޅުން ހުންނަވާ ވެރިޔަކީ ކޮންމެ ނަމެއްގައި ހުންނެވި ވެރިޔެއްކަމުގައި ވިޔަސް އެބޭފުޅަކު އެ ހުންނަވާ އަތޮޅެއްގެ ދާޚިލީ އެންމެހައި ކަންކަން އަމިއްލަފުޅަށް ނިންމުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރު ލިބިގެންވެއެވެ.
އާދެ އިހުޒަމާނަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ބަޔަކުހެން އެ އަތޮޅަކުން ނަފަޔާއި މަންފާ ނެރެ ވިޔަފާރިކޮށް އަމިއްލަ އޮޑިފަހަރުގައި ބޭރު ދަތުރުކޮށް އުޅުނު ޒަމާނެކެވެ. ކޮންމެ އަތޮޅަކީވެސް އޭގެ ޒާތުން އިގްތިސާދީ މިނިވަންކަން ލިބިގެންވާ ކުޑަ ގައުމެއް ފަދަ ތަނެކެވެ. އެ އަތޮޅަކުން މައި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ނުވަތަ ވާރު ނެގުމާއި ހަވާލުވެ ހުންނަވާނީ އަތޮޅުގެ ވެރިޔާއެވެ. އަދި މީގެ އިތުރުން އަތޮޅުގައި އަދުލުއިންސާފު ގާއިމުކުރުމާއި އިންޕޯޓު އެކްސްޕޯޓުގެ ހިސާބު ކިތާބު ބެލެހެއްޓުމާއި މި ނޫންވެސް އެންމެހައި ކަންކަން ހިންގަމުން އަންނަނީ އަތޮޅުގެ ވެރިޔާގެ ބެއްލެވުމުގެ ދަށުގައި އެކަމާއި މަތިވެގެން ތިއްބަވާ ބޭބޭކަލުންނެވެ. އަދުލުއިންސާފުގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ ރަށެއްގައިމެ ނާއިބެއް ހުރެއެވެ. މިޒަމާނުގެ ބަހުރުވައިން ދަންނަވަނީނަމަ އެއީ ރަށު މެޖިސްޓްރޭޓެވެ. ކޮންމެ ރަށެއްގައިމެ ވެރިޔެއް ހުރެއެވެ. ސާޅީސް ފިރިހެނުންނަށްވުރެ ގިނަ ފިރިހެނުން ތިބޭ ރަށެއް ނަމަ ރަށުގެ ހުކުރު/އީދު ފަދަ ނަމާދުތައް އިމާމުވެ ކުޅައުމަށާއި އިދާރީ ކަންކަން ބެލެހެއްޓުމަށް އިސްކޮށް ހުންނަނީ ކަތީބެވެ. އޭގެ އިތުރުން ދީނީ ކަންކަން ބެލެއްޓުމަށް މުދިމުން ތިބެއެވެ. އަތޮޅެއްގެ ހައިސިއްޔަތުން އެ އަތޮޅެއްގެ އެންމެ މަތީ ވެރީންގެ ގޮތުގައި އަތޮޅުވެރިޔާގެ ދަށުން ނާއިބުންނާއި ކަތީބުންނާއި މުދިމުން ތިއްބަވަތެވެ. މިގޮތަށް ދައުލަތް ހިންގަވަމުން އައިސްފައިވާއިރު ފާހަގަކުރެވޭ އެންމެ ޚާއްސަ ކަމަކީ އެތައް އަތޮޅެއްގެ ވެރިކަން އެއް ބޭފުޅެއްގެ އަތްމައްޗަށް ވަރަށް މަދުން ނޫނީ ޖަމާކުރެވިފައި ނުވާކަމެވެ. ވީމާ ތިން ހަތަރު އަތޮޅެއްގެ ވެރިކަން އެއް ބޭފުޅަކާ މަތިކުރެއްވުމީ ނާދިރު ހާލަތެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދުގެ މައުލޫއަކީ ވެސް މި ދެންނެވި ފަދަ ނާދިރު ހާލަތަކުން ތިން އަތޮޅެއްގެ މައްޗަށް ވެރިިކަން ކުރެއްވި ޝަޚުސިއްޔަތެއްގެ ވާހަކައެވެ. އާދެ ކުރީންވެސް ދަންނަވާލެވުނު ފަދައިން އެކެއްގެ އަތްޕުޅުމަތީގައި އެތައް އަތޮޅެއްގެ ވެރިކަން ހަވާލުވެ އޮތުމަކީ މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. އެބޭފުޅަކީ ސުވާދީބުގެ ވެރިކަން އެބޭފުޅެއްގެ ކޮނޑުފުޅުގައި ދިވެހި ވެރިކަމުގެ ފަރާތްޕުޅުން އެޅުއްވި އައްޝައިޚުލް މަރުހޫމް ހުސައިން ޝަރަފުއްދީނުލް އަޒްހަރީއެވެ. އާދެ މުޅި ރާއްޖެޔަށް އައްޑޫ ހުސައިން ރަހާގެ ގޮތުގައި މަޝްހޫރު ޝައިޚު ހުސައިން ރަހާއެވެ. މިއީ އައްޑު އަތޮޅާއި ފުވައްމުލަކާއި އަދި ހުވަދު އަތޮޅުގެ މައްޗަށް އެއް ވެރިޔެއް ހުންނަވައިގެން ވެރިކަން ހިންގެވި އެންމެ ފަހުގެ ވެރިޔާވެސްމެއެވެ.
ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނު މިސްރުން ތައުލީމު ހާސިލުކުރެއްވުމަށް ފަހު މާލެ ވަޑައިގެންނެވި އިރު، ދިވެހި ދައުލަތުގެ ވެރިކަމުގެ އެންމެހައި ބާރުތައް ހިއްޕަވައިފައިވަނީ ހަސަން ފަރީދު ދީދީއެވެ. އެދުވަސްވަރަކީ ސިޔާސީ ގޮތުން ހިނގި ގަޑުބަޑުތަކެއް ނިމި އަތިރީގޭ ޕާޓީއަށް ސިޔާސީގޮތުން ނަސްރު ލިބިފައިވާ ދުވަސްވަރެވެ. އަޒްހަރު ނިންމަވައިފައި ހުންނެވި ދަންނަބޭކަލަކު މާލެ ވަޑައިގެންނެވުމުން ދައުލަތް ހިންގަވަން ހުންނެވި ހަސަން ފަރީދު ދީދީ ހުންނެވީ ގަދަކަމުންވެސް ހުސައިން ރަހާޔާ ފަނޑިޔާރުކަން މަތިކުރައްވާށެވެ. ޝައިޚު ހުންނެވީ އެކަމަށް ގަދަޔަށް އިންކާރު ކުރައްވައިގެންނެވެ. މި ކުރެއްވި އިންކާރާ އެއްގޮތަށް ކުށްވެރިވެވަޑައިގަންނަވަން ނުޖެހި މައްސަލަ ނިމިގެން ދިޔައީ އެކަމުގައި އަލްއަމީރު މުހައްމަދު ފަރީދު ދީދީ (ފަހުން ޖަލާލަތުލްމަލިކް މުޙައްމަދު ފަރީދުލް އައްވަލް) ޝައިޚާ އެއްކޮޅަށް ހުންނެވީމާ ކަމުގައި ފެނެއެވެ. ފަނޑިޔާރުކަމުގެ މަގާމާއި ޙަވާލުވެވަޑައި ނުގެންނެވުމުން ޝައިޚުގެ އާއިލީ ބަޔެއް ބޭބޭފުޅުން އެކަމާ ހިތްޕުޅާ ނުވިއެވެ. އަދި އެކަމާ ގުޅިގެން ޝައިޚު އެއިރު މާލޭގައި ހުންނެވި ގޭގައި ކުރެވުނު ބަހުސެއްގައި ޝައިޚު ވިދާޅުވިކަމަށް ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވައިފައިވަނީ :
" އަޅުގަނޑު ފަނޑިޔާރުކަން ގަބޫލުކުރާނީ ކީރިތި ޤުރުއާނުގައި ޞަރީޙަ ބަހުން ދެމާނަ ނުވެވޭ ހުކުމްތަކާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ހުކުމްތަކުގެ މައްޗަށް ހުކުމްކުރެވި އެގޮތަށް ހުކުމްތައް ތަންފީޒު ކުރެވޭނެ ނަމައެވެ. އަލިބެއްޔާ (ހުސައިން ރަހާގެ ބޭބެ ސިއްކަގޭ އަލިމަނިކުފާނު) ބޭނުންވަނިީ އަޅުގަނޑު ޖަހަންނަމައިގެ ދަރުގަނޑަކަށް ހެދުމަށް ހެއްޔެވެ. ފަޅު ރަށެއްގައި ހުންނަން ޖެހުނަސް ވަރިހަމައެވެ. އެ ޝަރުތުތަކުގެ މައްޗަށް ނޫނީ ގަބޫލެއް ނުކުރާނަމެވެ."
ފަޟީލަތުއްޝައިޚުލް މަރުހޫމް ހުސައިން ޝަރަފުއްދީނުލްއަޒްހަރީ ނުވަތަ އާއްމު ނަމުންނަމަ ހުސައިން ރަހާޔަކީ ދިވެހިރާއްޖޭގައި ދީނީ ތައުލީމު ފެތުރުއްވުމާއި ދީނީ ރޫޙު އާލާކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ އަގުހުރި ޝަޚުސިއްޔަތެކެވެ. ގައުމަށް ޚިދުމަތްތެރި ޚާދިމެކެވެ. އެތައް ބައެއްގެ އުސްތާޒެކެވެ. ގަދަރާއި އިހުތިރާމު ލިބިހުންނެވި ވެރިޔެކެވެ. ތެދުވެރި ޒާހިދު ބޭފުޅެކެވެ. އިސްލާމީ ތައުލީމުގެ އެންމެ އަލިގަދަ ދަންމަރުކަމުގައި ބުނެވޭ ޖާމިއުލްއަޒްހަރުގެ ގްރެޖުއޭޓެކެވެ. މޮޅު ދަންނަބޭކަލެކެވެ. މުޅި ސުވާދީބުގެ މައްޗަށް ވެރިކަން ކުރެއްވި އެންމެ ފަހުގެ ވެރިޔާވެސްމެއެވެ. ޝައިޚު ޙުސައިން ރަހާގެ މުޅި ހަޔާތްޕުޅުގައި ޚިދުމަތްކުރައްވާފައިވަނީ ތައުލީމީ މުޖުތަމައެއް ބިނާކުރެއްވުމަށެވެ. އަމިއްލަ މަސައްކަތްޕުޅުން މީހުންނަށް ކިޔަވައިދެއްވާ ތައުލީމު ފެތުރުއްވުމަށެވެ. އަދި އަވަހާރަވުމުގެ އާލާސްކަންފުޅުގައި ޝައިޚުގެ ހުރިހާ ފޮތެއްވެސް ވަނީ އިލްމު އެދިގެން އައި ކޮންމެ ބޭފުޅަކަށްމެ ބަލާ މުތާލިއާ ކުރެވޭނޭ މަގުން އިލްމަށްޓަކައި ވަގުފުކުރައްވާފައެވެ.
އައްޝައިޚު ހުސައިން ރަހާޔާ ތިން އަތޮޅު ވެރިކަން މަތިކުރެއްވީ އެއްވެސް ހާލެއްގައި އެކަމަށް އެމަނިކުފާނު އެދިވަޑައިގެން ހުންނަވަނިކޮށެއް ނޫނެވެ. އެއީ އެމަނިކުފާނުންގެ ކޮނޑުފުޅުގައި "މަޖުބޫރުން" އެޅުވުނު ޒިންމާއެކެވެ. އެކަން ގަބޫލުފުޅު ނުކުރެއްވިނަމަ ވީހީ ދައުލަތަށް ނުކިޔަމަންތެރިވީކަމުގައެވެ. ވީމާ ދައުލަތުގެ ކުރިމަތީގައި ކުށްވެރިޔަކަށް ވެވަޑައިގަންނަވަން ޖެހިދާނެކަމަށް ބައްލަވައި އަމިއްލަ ޒަމީރުގެ ނުގަބޫލުގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވިީއެވެ. ޒަމީރުގެ ނުގަބޫލާއެކު ހަވާލުވެވަޑައިގެންނެވި މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ދުވަސްގަނޑެެއްވަންދެން ހުންނަވާން ޖެހިވަޑައިގަތީ ކުށްވެރިޔެއްގެ ގޮތުގައި އަމިއްލަ އަތޮޅާއި ފަސްގަނޑާ ދުރުގައެވެ. މި ވާހަކަތައް އަދި ފަހުން ބަޔާންކުރާނަމަވެ. ޝައްކެއްވެސް ނެތެވެ! ވެރިކަން ކުރެއްވުމާއި ވެރިކަމުގެ ޖާހަކީ އެއްވެސް ވަރަކަށް ޝައިޚު އެދިވަޑައިގެން ހުންނެވި ކަމެއް ނޫނެވެ. އެކަމަށް އެދިވަޑައިގެން ހުންނެވި ބޭފުޅެއްކަމުގައި ވެވަޑައިގެންނެވިނަމަ ޝައިޚަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން މަތިކުރެއްވި ދުވަހު އެކަން ބޮލައިލާ ޖައްސަވައިފައި ނިކުމެވަޑައިނުގަތީސްކަން ޔަގީނެވެ.
ފަނޑިޔާރުކަން ދޫކޮށްލެއްވުމަށްފަހު ޝައިޚު ހުސައިން ރަހާ ވަޑައިގެންނެވީ އަމިއްލަފުޅު ރަށަށެވެ. އައްޑު އަތޮޅު ހިތަދޫއަށެވެ. ރަށަށް ވަޑައިގެންނެވީ ކިޔަވައިދެއްވުމާއި ހުކުރު ކުރެއްވުމާއި އަދި ދީނީ ވައުޒު ބުނުމުގެ ހުއްދަވެސް ލިޔުމުން ހޯއްދަވައިގެންނެވެ. ރަށަށް ހަމަ ވަޑައިގެންނެވުމާއެކު އަތޮޅާއި ރަށުގައި ދީނީ ރޫހު އާލާކުރެއްވުމުގެ މަސައްކަތްޕުޅުތައް ފެއްޓެވިއެވެ. މިގޮތުން ކޮންމެ ހުކުރުނަމާދަކަށް ފަހު ދީނީ ވައުޒު ބުނުން އިންތިޒާމުކުރައްވާ ހިންގެވިއެވެ. ހިތަދޫ ތަކުރުފާނު މިސްކިތުގައި އިލްމު އުނގަންނައިދެއްވަން ފެއްޓެވިއެވެ. ކިޔަވައިދެއްވީ އުމުރުން ފަނަރަ އަހަރުން މަތީގެ މީހުންނަށެވެ. ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި ފިޤްހު، ޢަރަބި ، ނަޙޫ ޞަރްފު، ޢިލްމުލް މީރާޘް އަދި އިސްލާމީ ތާރީޚު ހިމެނެއެވެ. ޝައިޚު ރަށަށް ވަޑައިގެން އިލްމު އުނގަނަވައިދެއްވަން ފެއްޓެވި ޚަބަރު ފެތުރި ފުވައްމުލަކާއި ހުވަދު އަތޮޅާއި އަދި އައްޑު އަތޮޅުގެ އެހެނިހެން ރަށްރަށުންވެސް މީހުން ޝައިޚު އަރިހަށް ކިޔަވާން އަންނަން ފެށިއެވެ. މިގޮތުން އަންނަ މީހުންގެ އަދަދު ގިނަވެ މިސްކިތުގެ ޖާގަ އެކަމަށް ދަތިވުމުން ކިޔަވައިދޭނެ މަދަރުސާއެއްގެ ބޭނުން ބޮޑުވިއެވެ. އަދި މިކަމާ މަޝްވަރާތަކެއް ކުރުމަށްފަހު އެޅެދީދީގެ ޢަލިދީދީގެ އެހީފުޅުގައި ކިޔަވާން އައިސްތިބި ދަރިވަރުންގެ މަސައްކަތުން 6 ކުލާހުގެ މަދަރުސާއެއް ބިނާކޮށް "އަލްމަދަރުސަތުލް ޖާމިޢަތުއް ސަޢާދާގެ" ނަމުގައި ހުޅުވުނެވެ. ޝައިޚުގެ އުމުރުގެ ދުވަސްތައް މަދަރުސާގައި ތައުލީމު ދެއްވުމާއި ތައުލީމު ފެތުރުއްވުމުގައި ހޭދަކުރައްވަމުން ގެންދެވިއެވެ. ޢިލްމީ ދިރާސާކުރެއްވުމާއި ޢިލްމީ ފޮތްފޮތް ލިޔުއްވުމުގައެވެ.
ގައުމުގެ ސިޔާސަތާއި ދުރުގައި އެފަދަ ކަމަކާއި ވިސްނުންފުޅެއްވެސް ނުގެންގުޅުއްވާ ޝައިޚުގެ ދުވަސްވަތއް ހޭދަކުރައްވަމުން ގެންދަވަނިކޮށް ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު ކަކާގޭ ހުސައިން ހިލްމީ ދީދީ އައްޑު އަތޮޅަށް ވަޑައިގެން ޝައިޚުގެ ގެޔަށް ފައިބައިވަޑައިގެންނެވިއެވެ. ހުސައިން ހިލްމީ ދީދީ އައްޑު އަތޮޅަށް ވަޑައިގެންނެވީ އިނގިރޭސީން އައްޑު އަތޮޅަށް ފޭބުމާ ވިދިގެން އެކަމާ ގުޅޭ ކަމެއްގައެވެ. އެއިރު އައްޑު އަތޮޅުގެ އަތޮޅުވެރިކަމުގެ މަގާމުގައި ހުންނެވީ ދީދީގެ ޢަބްދުﷲ ދީދީއެވެ. ސަފީރު ހުސައިން ހިލްމީ ދީދީ އައްޑު އަތޮޅުން ފުރާވަޑައިގެންނެވީ ދީދީގެ ޢަބްދުﷲ ދީދީ ކިބައިން އަތޮޅުވެރިކަން ނަންގަވާ އައްޝައިޚު ހުސައިން ރަހާޔާއި އެކަން މަތިކޮށްފިކަމުގެ ޚަބަރު އެންގެވުމަށް ފަހުގައެވެ.
އާދެ! ހުސައިން ރަހާގެ ކޮނޑުފުޅުގައި އެޅިގެން ދިޔައީ ހަމައެކަނި އައްޑުއަތޮޅުގެ ވެރިކަމެއް ނޫނެވެ. ހުވަދު އަތޮޅާއި ފުވައްމުލަކުގެވެސް ވެރިކަމެވެ. ސުވާދީބުގެ ވެރިކަމެވެ. ވެރިކަން ހިންގެވުމުގެ އެހީތެރިއެއްގެ ގޮތުގައި އެޅެދީދީގެ އަލިދީދީ ހަމަޖެއްސެވިއެވެ. ވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ރަށްރަށަށް ދަތުރުކޮށް ކަންކަން ބަލައި އަތޮޅުވެރީންނަށް ޚަބަރު ކުރެއްވުން ބުޗާ ހަސަން ކަލޭގެފާނާ ހަވާލުކުރެއްވިއެވެ. މި ހަސަން ކަލޭގެފާނަކީ އައްޑު އަތޮޅުގައި އިނގިރޭސީންގެ އިމާރާތްތަކެއް ރާނަން ފޮނުވާފައި ހުރި ސަރުދާރެކެވެ. ސުވާދީބުގެ ވެރިކަން ޝައިޚު ހުސައިން ރަހާޔާއި މަތިކުރެއްވުމަށްފަހު ހުވަދު އަތޮޅާއި ފުވައްމުލަކުގެ ކަންކަން ޙުސައިން ރަހާގެ ފަރާތްޕުޅުން ހިންގެވުމަށް އިހު އެ އަތޮޅުތަކުގައި ތިއްބެވި އަތޮޅުވެރީންނާއި ޙަވާލުކުރެއްވިކަންވެސް އެންގެވިއެވެ.މިފަދަ ބޮޑު ޒިންމާއެއް އަދާކުރެއްވޭވަރުގެ ސިއްހަތެއް ނެތްކަމަށް ދެންނެވުމުންވެސް ހުސައިން ރަހާޔަށް ޖެހިވަޑައިގެންނެވީ އެބޮޑު އެހާމެ ބުރަ މަސްޢޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާށެވެ. ކުރީންވެސް ދެންނެވިހެން އެބަލި ހާލުގައި ހުންނަވައިގެން ކުށްވެރިޔަކަށް ވެވަޑައިގަންނަވަން ޖެހިދާނެކަމުގެ ބިރަށްޓަކައެވެ. ފަޟީލަތުއްޝައިޚު ޙުސައިން ޝަރަފުއްދީނުލް އަޒްހަރީ އާއި ސުވާދީބުގެ ވެރިކަމާ މަތިކުރެވުނީ 13 ރަޖަބު 1359 ގައެެވެ. އަދި މި ވެރިކަން ނިމުނީ 1364 ވަނަ އަހަރުގެ ތެރޭގައެވެ. މުޅި ސުވާދީބުގެ ވެރިޔެެއްގެ ހައިސިއްޔަތުން 4 އަހަރާއި ދުވަސްކޮޅަކު ޝައިޚު ހުންނެވިއެވެ.
ތިން އަތޮޅު އަތޮޅުވެރިކަމުގައި ޝައިޚު ހުންނެވި ދުވަސްވަރު ހުވަދު އަތޮޅާއި ފުވައްމުލަކަށް ދަތުރު ކުރައްވާ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރަށު އޮފީސްތައް ބައްލަވައި އެތަންތަން އިސްލާހުކުރައްވާ ހެއްދެވިއެވެ. އަދި އައްޑު އަތޮޅުގައިވެސް ކުރެވޭ ޝަރީއަތްތަކުގައި ދެއްވަން ޖެހޭ ފަތުވާތައް ދެއްވުންފަދަ އެތައް ކަމެއް ގެންދެވީ ކުރައްވަމުންނެވެ. އަދި އަތޮޅުވެރިޔާގެ ފަރާތްޕުޅުން އަބަދުވެސް މަންދޫބުން ހުވަދު އަތޮޅާއި ފުވައްމުލަކަށް އެކި ކަންކަމުގައި ފޮނުއްވަމުން ގެންދެވިއެވެ. ވެރިކަމުގެ ކުރީކޮޅުގައި އެންމެހައި ކަންތައްތަކެއްވެސް ދިޔައީ ވަރަށް އަމާން އޮމާންކަންމަތީއެވެ. ވެރިޔެއްގެ ހައިސިއްޔަތުން ފޮނުވާންޖެހޭ ލިޔެކިޔުންތައް އަތޮޅުތަކަށް ފޮނުއްވުމާއި މައްސަލަތަކުގައި ލަފާ އެރުއްވުމާއި އިނގިރޭސީންނާ ދިވެހި ސަރުކާރާ ދެމެދު ބަދަލު ކުރެވޭ މުއާމަލާތްތައް އިންތިޒާމުކުރެއްވުން ފަދަ އެތައްކަމެއް ކުރައްވަމުން ގެންދަވަމުންވެސް ކުރިޔެކޭ އެެއްފަދައިން ކިޔަވައި ދެއްވަމުން ގެންދެވިއެވެ.
މި ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. މުޅި ރާއްޖޭގެ އިގްތިސާދު އޮތީ ހީނަރުވާން ފަށައިފައެވެ. އެހެނިހެން އަތޮޅުތަކެކޭ އެއްގޮތަށް ދެކުނުގެ ތިން އަތޮޅުގައިވެސް ތަދުމަޑުކަން އޮތީ އާއްމުވާން ފަށައިފައެވެ. ތަދުމަޑުކަން އާއްމުވެ އަތްމަތި ދަތިވާން ފެށުމަކީ މުޖުތަމައެއްގެ ތެރޭގައި ހިފެހެއްޓިފައި ހުންނަ ހަމަޔާއި ލަމަ މުޅީން ފިލައިދާން ފަށާކަމެކެވެ. ކޮންމެ މީހަކުމެ ބަލާނީ އެމީހަކަށް ކައިބޮއެ އުޅެވޭނެ މަގެއް ހޯދުމަށެވެ. އެއީ ދައުލަތުން މަނާކޮށްފައި ހުންނަ ކަންކަން ކޮށްގެންވިޔަސްހެވެ. މިއީ އިންސާނީ ތަބީއަތް އަބަދުވެސް ދައްކައިދީފައިވާ ހަގީގަތެވެ. ޝައިޚުގެ ވެރިކަމުގައި އައްޑު އަތޮޅުގައިވެސް ކާޑުގެ ދަތިކަން ކުރިމަތިވެ މީހުންގެ އަތްމަތި ދަތިވާން ފެށިއެވެ. މިކަމަށް އެންމެބޮޑު ހައްލެއް ލިބެން އަންނަނީ އެދުވަސްވަރު އަތޮޅުގައި ތިބި އިނގިރޭސީންނާއި ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތުންނެވެ. އިނގިރޭސީންގެ ބޯޓުފަހަރުދޮށަށް ގޮސް ވިޔަފާރިކުރުމުން ކާޑުގެ ބާވަތްތަށް ލިބެމުންދެއެވެ. މިފަދަ އެއްވެސް ގުޅުމެއް އިނގިރޭސީންނާ ދެމެދު ބޭއްވުމަކީ ދިވެހި ދައުލަތުން މަނާކުރައްވައިފައި އޮތްކަމެކެވެ. ޝައްކެއްނެތެވެ! މަނާކަންކަމާއި ގާނޫނާއި ގަވާއިދަކީ އިންސާނުން ހަމަބުއްދީގައި ތިބޭއިރު ނޫނީ ބަލައިގެން އުޅެވޭނެކަންކަމެއްނޫނެވެ. ބަނޑަށްޖެހި މަރުވަމުންދާ ބަޔަކުގެ ސިކުނޑިޔަށް އަންނާނީ އެމީހަކަށް ކައިގެން ބޮއެގެން އުޅެވޭނެ މަގެއް ހޯދުމެވެ. ވީމާ ކިތަންމެ ބޮޑު މަނާކަމެއްކަމުގައިވިޔަސް އެކަން އެމަގުން ކުރަމުން ގެންދިޔައެވެ.
މިފަދަ ތަދުމަޑުކަމެއް އާއްމުވެ އަތޮޅުތެރެ ގަޑުބަޑުވަމުން ދިޔަ ދުވަސްވަރު ހުސައިން ރަހާ އޮންނެވީ ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން އިނގިރޭސިން އައްޑޫގައި އެއިރު ހިންގި ހަސްފަތާލެއްގައި އެނދުމަތި ކުރައްވައިފައެވެ. ވެރިކަމުގެ ކަންކަން ހިންގަވަމުން ގެންދެވީ އެޅެދީދީގެ އަލިދީދީއެވެ. މިފަދަ ގޮތަކަށް ކަންކަން ހިނގަމުން ދަނިކޮށް މުޅި އައްޑު އަތޮޅު ސިއްސުވާލި ޚަބަރަކީ ޖަޕާނުގެ ހަމަލާއެއްގައި އެޅެދީދީގެ އަލިދީދީގެ މަޝްހޫރު ޔާހުންބަރާސް އޮޑި ފެތުނު ޚަބަރެވެ. މި ޚަބަރުގެ ބޮޑުކަމާއި ހިތާމައިގެ ކޮޅުނެތްކޮޅުގައި މުޅި އަތޮޅުގެ ރައްޔިތުން ތިބީ ސިހިފައެވެ. މަރުވެގެންދިޔަ ފިރީންނާއި ދަރީންގެ ހަނދާނުގެ ތެރެޔަށް މުޅި އަތޮޅުހެން އޮތީ ޣަރަގުވެފައެވެ. މި ހިތާމަވެެރި ވަގުތުގައި ވެރިކަމުގެ ކަންކަން ހިންގަވަމުން ގެންދެވި އެޅެދީދީގެ އަލިދީދީއަށްވެސް އޭނާގެ ހުރިހާ މަސްއޫލިއްޔަތެއްގެ ލަގަން ބުޗާ ހަސަން ކަލޭގެފާނުގެ އަތްމައްޗަށް ދޫކޮށްލެވުނެވެ. ރަށާއި އަތޮޅުތެރޭގެ އެންމެހައި ކަންކަން ފާލުން ނެއްޓި ބޮޑު ފިތުނަވެރިކަމެއްގެ ހުޅުގަނޑު ރޯވެގެންދިޔައީ މިހިސާބުންނެވެ. ބުޗާ ހަސަން ކަލޭގެފާނު ގެންދެވީ އިނގިރޭސި ބޯޓުފަހަރުދޮށަށް ގޮސް ވިޔަފާރިކޮށް ކައިބޮއެ އުޅޭނޭ މަގެއް ހޯދަމުންދިޔަ މީހުން އަނދަގޮނޑި ޖަހައި ދެއަތް ފުރަގަހަށްލައި ބަނދެ، ހިކިމިރުހުން ދުން އަޅައި ބޮޑެތި އަދަބުތައް ދެމުންނެވެ. ލާއިންސާނީ އެތައް އަނިޔާއެއް ކުރަމުންނެވެ. އެބޯޓުތައް ދޮށަށް ގޮސް ވިޔަފާރި ކުރުމުގެ ފުރުސަތު އޮތީ ހަމައެކަނި ބުޗާ ހަސަން ކަލޭގެފާނު ގާތުގައި އެނބުރޭ ކުދީންނަށެވެ. މީނާގެ އަނިޔާ އާއި އުނދަގޫ އާއްމުނަށް ބޮޑުވެ ރަށުގެ އެންމެންމެ ތިބީ މިކަމުން މިންޖުވާނޭ މަގެއް ބަލަބަލައެވެ.
ބުޗާ ހަސަން ކަލޭގެފާނުގެ މައްޗަށް އޮތް ރުޅިވެރިކަން ފަޅައިގެން ދިޔައީ ބޯޓުދޮށަށް ގޮސް ވިޔަފާރިކުރަން އުޅުނު އެޅެދީދީގެ އަހުމަދުދީދީ ހިފައި ހައްޔަރުކޮށް ހަސަން ކަލޭގެފާނު އޭނާޔަށް ކުޅަ އަނިޔާގެ ބޮޑުކަމުން ނޭފަތުންނާ ކަންފަތުން ލޭއޮހޮރި މަރުވެއްޖެކަމަށް ހިތަދޫމީހުންނަށް ޚަބަރު ލިބުނު ދުވަހުގައެވެ. މި ދުވަހު އެކަމުގެ ބަދަލު ހިފުމަށް ހިތަދޫ ރައްޔިތުން ނިކުމެ ބުޗާ ހަސަންކަލޭގެފާނު ހުންނަވާ ގެ ހަލާކުކޮށްލައި އޭނާގެ މުދާތައް އަންދާލާ ހަސަން ކަލޭގެފާނު ފަހައި ދުއްވައިގަތީއެވެ. އޭނާއަށް އަނިޔާއެއްނުވެ ސަލާމަތްވެވުނީ އިނގިރޭސީންގެ ހިމާޔަތް ހޯއްދެވުމުންނެވެ.
މި މައްސަލަ ހުޅުފަޅައިގެން ދިޔަ ދުވަހުގެ ޚަބަރުތައް މާލެޔަށް ފޯރުމުން މައްސަލަ ބެއްލެވުމަށް އައްޑު އަތޮޅަށް ވަޑައިގެންނެވީ ރާއްޖޭގެ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައި ހުންނެވި އަލްއަމީރު ހަސަން ފަރީދުދީދީއެވެ. މި މައްސަލަޔަކީ އެދީދީ ވަޒީރުއްދާޚިލިއްޔާގެ ހައިސިއްޔަތުން ތަހުގީގުކޮށް ބެއްލެވި އެންމެ ފަހުގެ މައްސަލައެވެ. މިކަމެއް ހިނގިގޮތުގެ ޚަބަރުތައް އޮޅުންފިލުއްވައި ތަހުގީގުކޮށް ނިންމެވުމަށްފަހު ދެފަރާތުގައިވެސް މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި މައްސަލައިގެ ދެފަރާތުގައި ތިބި މީހުންނަށް ދީލަތި މާފެއް ދެއްވައި މައްސަލަ ނިންމެވީއެވެ. މިޔަށްފަހު ފުރާވަޑައިގަތުމުގެ ކުރީން ބަލިވެ ހަސްފަތާލުގައި އޮންނެވި ތިން އަތޮޅުގެ ވެރިޔާ އައްޝައިޚު ހުސައިން ރަހާގެ ކިބައިން ވެރިކަންވެސް ނެންގެވިއެވެ. އާދެ މުޅި ސުވާދީބުގެ މައްޗަށް އެއްވެރިއެއް ހުރެގެން ހިނގަމުން އައި އައުން ނިމިގެން ދިޔައީއެވެ. ދެން އެޔަށްފަހު އައްޑު އަތޮޅުގެ ވެރިކަމާ މަތިކުރެއްވީ ސިއްކަގޭ އަލި މަނިކުފާނާއެވެ.
އަލްއަމީރު ހަސަން ފަރީދު ދީދީ މި މައްސަލަ ބެއްލުވަމަށްފަހު ދެން ވަޑައިގަތީ ކޮޅުމަޑުލަށެވެ. އެތަނުން ސީދާ ފުރާވަޑައިގެންނެވީ ކޮޅުނބަށެވެ. މިއީ އެމަނިކުފާނުގެ އެންމެ ފަހު ދަތުރުފުޅެވެ. އެޗް އެމް އެސް މާލޮއިއޭ ކިޔުނު އިނގިރޭސި ވޭލަރެއްގައި ދަތުރުކުރައްވަމުން ދަނިކޮށް އެބޯޓަށް ޖަރުމަނުގެ ޔޫބޯޓަކުން ހަމަލާ ދިނީއެވެ. ބޯޓުގައި ތިބި އެންމެންވެސް ކަނޑަށް ގެއްލި މަރުވެ ދިޔައީއެވެ. ދެން ރާއްޖޭގެ ވެރިކަން ހިންގުމާ ހަވާލުވެވަޑައިގަތީ އަތިރީގޭ މުހައްމަދު އަމީން ދީދީއެވެ. ހަސަން ފަރީދު ދީދީ އައްޑޫ މައްސަލަ ނިންމެވުމަށްފަހު ފުރާވަޑައިގަތުމުން އެމަނިކުފާނު އަވަހާރަކޮށްލުމަށް އެދި ހިތަދޫ އަޝްރާފުންގެ ތެރެއިން ބަޔަކު އިސްވެ ނަދުރު ގަނެގެން މާލޫދުފުޅެއް ކިޔުއްވިކަމަށާއި އަދި ފަރީދުގެ ހަލާކަށް އެދި ސިހުރުވެސް ހެދިކަމަށް ބުނެ ރާއްޖޭގެ ވެރިކަމުގެ ވަލީޔާ ހަވާލުވެވަޑައިގެންނެވި އަމީން ދީދީއަށް އައްޑު އަތޮޅުގެ ފިތުނަވެރި ބަޔަކު ޚަބަރުކުރިއެވެ. ހަސަދަވެރީންނާއި ވާހަކަ އުފައްދާ މީހުންނަކީ އަބަދުވެސް ދުނިޔޭގައި އުޅޭ މީހުންނެވެ. އެޔަކީ ބަޔަކު މާ އަޖާއިބެއްވާންޖެހޭ ފަދަ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް އަޖާއިބުވެ އަންތަރީސް ވާންޖެހޭ ކަމަކީ މުހައްމަދު އަމީން ދީދީ ފަދަ ތައުލީމީ ބޭފުޅަކު، ދުނިޔޭގެ އާޖުފާޖު ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ބޭފުޅަކު، ހަސަން ފަރީދު ދީދީ ދަތުރުފުޅު ކުރެއްވި ބޯޓަށް ނާޒީންގެ ޔޫބޯޓަކުން ހަމަލާދިނީ ބަޔަކު މީހުން ކުޅަ ސިހުރަކުންކަމަށް ގަބޫލުކުރެއްވުމެވެ. އަޖާއިބުވާންޖެހޭ ކަމަކީ ހަސަން ފަރީދު ގެއްލިވަޑައިގަތީ ބަޔަކު ކުޅަ ސިހުރަކުންކަމަށް އަމީން ގަބޫލުފުޅު ކުރައްވައިގެން އަތޮޅަށް ވަޑައިގެން ތަހުގީގުތަކެއް ހިންގެވީމައެވެ. ހައިރާންވަނީ އަތޮޅުގެ ގިނަ ބަޔެއްގެ މެދުގައި ގަދަރާއި އިހުތިރާމު ލިބިގެންވާ ބޭފުޅުންތަކެއް އެކަމުގައި ކުށްވެރިވެއްޖެކަމަށް ނިންމަވައި އެބޭފުޅުން މާލެ ގެންނަވައިގެން ބޮޑެތި އަދަބުތައް ދެއްވީމައެވެ. ހަސަން ފަރީދު އަވަހާރަވީ ނާޒީ ޔޫބޯޓަކުން ދިން ހަމަލާއެއްގައެވެ. އޯޑަރާއި ޕްލޭން ކުރީ އެޑޮލް ހެޓިލަރުގެ ކޮމާންޑަރުންނެވެ. އެކަމުގައި ޒިންމާވެ އަދަބު ލިބެން ޖެހުނީ އައްޑު އަތޮޅުގެ އަޝްރާފުންނަށެވެ. އެފަދަ މޮޅެތި ސިހުރުވެރީން ތިބިނަމަ އައްޑުއަތޮޅު މީހުން ތިބީހީ ދުނިޔޭގެ އެންމެމަތީ ދަރަޖައިގެ އާރާއިބާރު ހޯދައިގެން ނިއުކިލަޔަރ ބާރަކަށްވެސް ވެގެންނޫންތޯއެވެ.
މުހައްމަދު އަމީން ދީދީ އަތޮޅަށް ވަޑައިގެން ކުރެއްވި ތަހުގީގުތަކަށްފަހު ކުށްވެރިވީ މީސްމީހުން މާލެ ފޮނުއްވަން އެންގެވިއެވެ. އަދި ހަމައެޔާއެކު އައްޝައިޚު ހުސައިން ރަހާވެސް ނުލާހިކު ބަލިވެ އުޅުއްވާތީ ސިލޯނަށް ގޮސް ބޭސްކޮށްލާ ހަދާލަން ދާން މާލެ އަންނާން ސިޓީއަކުން އެންގެވިއެވެ. އަދި އޭގެ އިތުރުން އެވަގުތައް ދީނީ ކަންކަމުގައި ލަފާދޭނޭ ބޭފުޅަކު މާލޭގައި ހުރުން ވަރަށް ބޮޑަށް ބޭނުންވެލައްވާކަމަށްވެސް ދެންނެވިއެވެ. ޝައިޚަކީ ދީނީ އިލްމުވެރިޔެއްކަމުން ގައުމެއްގެ އެންމެމަތީ ވަލީޔާ ހަވާލުވެގެން ހުރި އިސްލާމަކު އޭގެ އަނެއް އިސްލާމް އަޚާއަށް ދޮގު ވައުދެއް ކުރައްވަފާނެކަން ހިތަށްވެސް ނާރާނެތާއެވެ. އަމީންދީދީ އަމިއްލަފުޅަށް ސޮއިކުރައްވާ ސިޓީއެއް ފޮނުއްވާ މާލޭގައި އަރާމުކޮށްލަން ހުންނަވަން އަންނާން އެންގީ އޭގެ އަޑީގައި ޣަދަރުވެރި ނިޔަތެެއް އޮވެގެންކަމަށް ޝައިޚު ގަބޫލުފުޅުވެސް ނުކުރައްވާނެއެވެ. ފަހަރުގައި އަމީންދީދީމެން ފަދަ ބޭބޭފުޅުންގެ ސިޔާސީ ހިކުމަތް ޝައިޚުމެންފަދަ "ގަމާރުންނަށް" ވިސްނިވަޑައިނުގަންނަވަނީ ކަމަށްވެދާނެއެވެ.
ކޮޅުނބަށް ގޮސް ހުސައިން ރަހާގެ ބައްޔަށް ބޭސްކޮށްލުމުގެ ދޮގު ހުވަފެންފުޅެއް ދައްކަވައި ދޮގު ވައުދުފުޅެއް ވެވަޑައިގެން މާލެ ގެންނަވައި ކުރެއްވި ވައުދާއި ހުވާ އުވާލައްވައި ބޮޑު ކުށްވެރިޔަކަށް ހެއްދެވީއެވެ. ހަސްފަތާލުގައި އެނދުމަތިކޮށްފައި އޮތް ބަލިމީހަކަށް ކޮޅުނބަށް ގޮސް ބޭސްކޮށްލުމުގެ ހުވަފެންފުޅެއް ދައްކަވައިގެން މާލެ ގެންނަވައި 10 އެތި ފަހަރުން ތައުޒީރު ކުރައްވައިފައި ދެ އަހަރު ދުވަހުގެ މުއްދަތަށް އަރުވާލެއްވުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއީ ކުރެވޭ މަރުގެ ހުކުމެކެވެ. މިއީ އަމީންދީދީ ފަދަ ބޭފުޅުން ކިބައިގައި ހުރުން އެއްގޮތަކަށްވެސް އެކަށީގެންނުވާ ފަދަ ސިފަފުޅުތަކެއް ކަމުގައި ވިޔަސް ކަން ކުރެއްވިފައިވަނީ މިގޮތަށެވެ. މިއީ މިފަދަ ގޮތަކަށް އަމީންދީދީ އަމަލުކުރެއްވި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މި ހާދިސާގެ އަހަރުތަކެއް ކުރީން ބޮޑު ތިލަދުންމަތި މާލެ އެރި ދުވަހުގައިވެސް ދޮގު ހުވާފުޅެއް ކުރެއްވި ކަމީ އެންމެން ދެނެތިބި ހަގީގަތެކެވެ.
މުޙައްމަދު އަމީންދީދީ އެބެއްލެވި މައްސަލައިގެ ހުކުމް ކުރެއްވި އުއްތަމަ ފަނޑިޔާރަކީ މިސުރުގައި ޝައިޚު ހުސައިން ރަހާޔާއެކު ކިޔަވައިވިދާޅުވާން އުޅުއްވި އައްޝައިޚު ޢަބްދުﷲ ޖަލާލުއްދީނެވެ. އިސްވެ މަތީގައި ބަޔާންކުރެވުނު ފަދައިން އެތައްހާސް ރައްޔިތުންނެއް ކުރިމަތީގައި މާފުދެއްވާފައި އޮތް މައްސަލައެއް އަލުން އަމީންދީދީ ނަންގަވައި އަދި އޭގެ އިތުރަށް ހަސަން ފަރީދުގެ ހަލާކަށް އެދިގެން ބަޔަކު ސިހުރު ހެދިކަމަށް ބުނެ އަމީންދީދީ އުފެއްދި ދެކޮޅު ނުޖެހޭ މައްސަލަޔާއި މި ދެ މައްސަލައިގެ މައްޗަށް ޖަލާލުއްދީނު ހުކުމް ކުރެެއްވި އިރު މާދަމާގެ ދޫތަކުން އެކަމަށް މަލާމަތް ރައްދު ކުރާނެކަމަށް ހީނުކުރަނީބާއެވެ؟ "ދުނިޔޭގެ ދޮށިކަމާއި އިހު މީހުންގެ މޮޅުކަން ދެނެހުންނެވި، ބާރޭސު ލަންޑަން" ފަދަ އެތައް ތަނެއްގެ ޚަބަރެއް ދެނެހުންނެވި މޮޅު އާލިމަކަށް މިއީ ކުރެއްވުނު ހެއްވާ ހުކުމެކެވެ. އެކުގައި ކިޔަވާން އުޅުއްވި އެކުވެރިޔަކަށް ވީތީ ކުރެއްވޭ ކަމުގެ ބޮޑުކަން ބަޔާންކުރެއްވުމަށް ހުސައިން ރަހާ ޝަރީއަތުގެ މަޖިލީހުގައި ޤުރުއާނުގެ އާޔަތެއް ކިޔަވާވިދާޅުވިކަމުގައި ބުނެއެވެ. އެހެންނަމަވެސް ހުކޫމަތުގެ ބާރުގަދަ ގޮޑީގައި ޖަލާލުއްދީނު އިންނަވައި އިއްވީ "އަނގަގަދަނުކޮށް" ހުންނެވުމަށްކަމުގައިވެސް ބުނެވެއެވެ. ޝައިޚު ހުސައިން ރަހާގެ މައްޗަށް އިއްވީ ދިހަ ފަހަރުން ތައުޒީރުކޮށް ދެ އަހަރު ދުވަހުގެ މުއްދަތަށް ތޮއްޑުއަށް އަރުވާލުމަށެވެ. އެވަގުތު ތަގުދީރު ދުރުގައި ހުރީ ހީލަހީލައެވެ. ޖަލާލުއްދީންގެ މިބާވަތުގެ ހުކުމްތަކުގެ ސަބަބުން މާދަމާ ރައްޔިތުން އޭނާގެ އަތްކަނޑަން ނިކުންނާނެކަން ތަގުދީރަށް ފެންނާތީއެވެ. އަދި ހުސައިން ރަހާޔަށް އިއްވިފަދަ ހުކުމެއް ހަމަ ޖަލާލުއްދީނުގެ އިސްތަށިފުޅުގައިވެސް އެޅި އެބީދައިން ތޮއްޑޫއަށް ވަޑައިގަންނަވާންޖެހޭ ދުވަސް އޮތީ މާދުރެއްގައި ނޫންކަން އެ ތަގުދީރަށް ފެންނާތީއެވެ.
ބަލިވެ ހަސްފަތާލުގައި އޮއްވާ މާލެ ދޮގު ވައުދެއް ކުރައްވައިގެން މާލެ ގެންނަވައި ތޮއްޑޫއަށް އަރުއްވާލެއްވުމުން ޝައިޚުގެ ސިއްހީ ހާލަތު އިހުނަށްވުރެ ގޯސްވިއެވެ. މިނިވަންވެ އެނބުރި ރަށަށް ވަޑައިގެންނެވުމަށްފަހުވެސް ޝައިޚު އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅުގައެވެ. ބައްޔަކީ ކާހިތް ނުވުމާއި ނުކެވުމެވެ. މިގޮތުގައި ދުވަހަކަށްވުރެ ދުވަހެއް ޝައިޚުގެ ހަށިކޮޅު ދިޔައީ އަނަރޫފަވަމުންނެވެ. އެއީ އަވަހާރަވުމުގެ އާލާސްކަންފުޅުވެސްމެއެވެ. ޝައިޚު އަވަހާރަވުމުގެ ކުރީން އެތައް ބަޔެއްގެ ހާޒިރުގައި ދިގު ވަސިއްޔަތްޕުޅެއް ކުރެއްވިއެވެ. އެވަސިއްޔަތްޕުޅު ކުރެއްވި އިރު އެތަނުގައި އަނބިކަނބަލުން އެޅެދީދީގެ އަލިދީދީގެ މަރިޔަމްދީދީއާއި ދަރިކަނބަލުން ފަތުމާ ދީދީއާއި ދަަނބިދަރިކަލުން މާވަޑިބެއްޔާގެ މޫސާ މަނިކު (އައްޝައިޚް މޫސަލްމުސްޠަފާ) އާއި އުވަގޭ ދޮންމަނިކުފާނާއި އައްބެއްޔާގެ އިބްރާހީމް ދީދީއާއި ކަތީބު ތުއްތުބެއްޔާއާއި މި ބޭބޭފުޅުން ހާޒިރުވެ ތިއްބެވިއެވެ.
އެވަސިއްޔަތްޕުޅައި ހުސައިން ރަހާ ވިދާޅުވިކަމަށް އޭނާގެ އަޚުގެ ދަރިކަލުން ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވާފައިވެއެވެ. ކޮންމެ ނަފްސަކަށްވެސް މަރުގެ ރަހަ ލިބޭނެއެވެ. ވީމާ، އަހަރެންވެސް އަބަދަކު ނުހުންނާނެެއެވެ. އަހަރެން މަރުވީމާ، ހިނަވާނީ ކަލޭމެންނެވެ. ހިނެވުމުގެ އިސްމީހަކަށް މަރިޔަމް ދީދީ ހަދާށެވެ. އަހަރެން ވަޅުލާފައި ތަލްޤީނުކިޔާނީ އަހަރެން ދިން ގޮތަށެވެ. އަހަރެން އެދެނީ އަހަރެންނަށް އިމާމުވެ ކަށުނަމާދުކުރުމާއި ވަޅުލުމާއި ތަލްޤީނުކިޔުން ތުއްތުބެއްޔާއާ ހަވާލުކުރުމަށެވެ. އަހަރެންގެ މަހާނައިގައި އެއްވެސް ކަހަލަ ބިނާއެއް ކޮށްގެންނުވާނެއެވެ. އަހަރެންގެ މަދަރުސާ މަންފާކުރަނިވި ގޮތަކަށް ދަރިންނަށް ތައުލީމުދޭ ތަނަކަށް ހަދައި ކޮންމެވެސް މިންވަރެއްގައި އެކަން ކުރިޔަށް ގެންދާށެވެ. އަހަރެންގެ މަހާނަދޮށުގައި ގެއަޅައިގެން ކިޔަވަން ނުތިބޭށެވެ. ކިޔަވާ ބަޔަކު މިސްކިތުގައި ތިބުން މާރަނގަޅެވެ. ﷲ ބައްލަވައި ވޮޑިގެންވަނީ ހިތުގެ އަމަލަށެވެ. އަހަރެންގެ ހުރިހާ ފޮތްތަކެއް ވަނީ ވަގުފުކޮށްފައެވެ. އެފޮތްތަކުން މައުލޫމާތު ހޯދަން އަންނަ މީހުންނަށް އެކަމުގެ މަގުފަހިކޮށްދޭށެވެ. އަހަރެން ވަޅުލާނީ ތަކުރުފާނު މިސްކިތްދޮށުގައެވެ.
އާދެ! ދުނިޔަވީ ބޭއިންސާފަށް އަލްވަދާއު ވިދާޅުވުމަށްފަހު އާޚިރަތުގެ އިންސާފަށް ޝައިޚުވެސް ދަތުރުކުރައްވާ ވަގުތު އައިސް ބައްދަލުކުރީއެވެ. ހުކުރު ވިލޭރޭ ގޭގައި ތިއްބެވި މީހުންނަށް ގޮވާލައްވައިފައި ތިމަންނާއަށް ފަތިސްވީމާ ގޮވާން ވިދާޅުވެފައި އަދި ތިމަންނާއަށް އުނދަގޫވާނޭ އެއްވެސްކަމެއް ނުކުރުމަށް ވިދާޅުވެ އަވަހާރަފުޅު ލެއްޕެވިއެވެ. ފަތިސްވުމުން އަނބިކަނބަލުން މަރިޔަމްދީދީ ޝައިޚުގެ ކޮޓަރިކޮޅަށް ވަންނަވާ ގޮވާލެއްވުމުންވެސް ހޭފުޅު ނުލެއްވުނީމާ އެނދުގައިހުރި މަދިރިގެ ނެންގެވުމަށްފަހު ކޮނޑުގައި ހިފައި ތަޅުވައިގަތުމުން އެއޮންނެވީ އަވަހާރަވެފައިކަން އެނގުނެވެ. އޮންނެވީ ހަރަމަށްވެސް އަތްއަރުވައިގެންނެވެ. އަނބިކަނބަލުން މަރިޔަމްދީދީއަށް ވަރަށް ބާރަށް އިންނާލިއްލާހި.....އޭ ވިދާޅުވެވުނު އަޑަށް ގޭތެރޭގައި ތިބި އެހެން މީހުންވެސް އެތަނަށް އައެވެ. ކަށުކަމާކެމީގެ ކަންކަމާއި ވަޅުލުމުގެ ހުރިހާ ކަމެއް ކުރިޔަށް ގެންދެވީ ޝައިޚުގެ ވަސިއްޔަތާ އެއްގޮތަށެވެ. އަވަހާރަވީ 1367 ވަނަ އަހަރުގެ ރަޖަބު މަހުގެ 11 ވީ ހުކުރު ދުވަހު ފަތިހު 4:15ގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ ހިޖުރީ ގޮތުން 54 އަހަރެވެ.
އާދެ! މިއީ ގައުމީ ފެންވަރުގައި އެބޭފުޅެއްގެ ނަން ފާހަގަކުރެވޭންޖެހޭ ފަދަ ޚިދުމަތްތެރި ޚާދިމެކެވެ. އަދި މިއަދު ސިޓީއެެއްގެ ދަރަޖަ ލިބިފައިވާ އައްޑޫ ސިޓީގެ ނިސްބަތުންވެސް ފާހަގަކުރެވެންޖެހޭ ފަދަ ނަންފުޅެއްކަމަށް ދެކެމެވެ. ތައުލީމީ އެވޯޑުތަކާ ކޮލެޖުފަދަ ތަންތަން އެނަންފުޅުގައި ހުންނަންވާނެކަމަށްވެސް ދެކެމެވެ. އައްޝައިޚުލް މަރުހޫމު ހުސައިން ރަހާގެ ޒިކުރާ އަޅުގަނޑުމެން އާ ކުރަން ޖެހެއެވެ. އެމަނިކުފާނު ދެއްކެވި ރީތި ނަމޫނާއިން މިސާލު ނަގަންޖެހެއެވެ. ވެވަޑައިގެންނެވި ގުރުބާނީތަކުގެ މަތީން ހަނދާންކުރަންޖެހެއެވެ. މަދަރުސާއެއް އަޅުއްވައިގެން ޝައިޚު ކިޔަވައިދެއްވަން ފައްޓަވައިފައިވަނީ ކިޔަވައިދިނުމަކީ މުޅީން މަނާކަމެއްކަމުގައި އޮތް ދުވަސްވަރެއްގައެވެ. އެއީވެސް ކުރެއްވި ކޮންފަދަ ބޮޑު ޖިހާދެއްތޯއެވެ. ބޭރުން ތައުލީމު ހާސިލުކުރެއްވުމަށްފަހު ސަރުކާރުގެ މަތީ މަގާމުތަށް އެދިވަޑައިގެން މާލޭގައި ހުންނެވުމުގެ ބަދަލުގައި ވަޑައިގަތީ އަމިއްލަ ރަށާއި އަތޮޅަށް ޚިދުމަތްކުރައްވާށެވެ. ހޭލުންތެރި ބަޔަކު އުފައްދައި އިލްމީ ގާބިލު މުޖުތަމައެއް ބިނާކުރުމުގެ އެދުންފުޅުގައެވެ. މާތް ﷲ ޝައިޚަށް ހެޔޮ ރަހުމަތް ލައްވާށިއެވެ! އާމީން!
އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު