ލަންކާގެ އާންމު އިންތިހާބުގެ ޕޯސްޓަލް ވޯޓުލުން ފެށިއްޖެއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހޮވާ އާންމު އިންތިހާބުގެ ޕޯސްޓަލް ވޯޓުލުން މިއަދު ފަށާފައިވާއިރު މި އިންތިހާބު ވަނީ މަރުހަލާތަކަކަށް ބަހާލައިފައެވެ.

އިންތިހާބުގައި މިއަދު ވޯޓު ލުމަށް ހަމަޖެހިފައިވަނީ ޕޯސްޓަލް ވޯޓިންގެ ޒަރިއްޔާއިން އެގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކަމަށް ލަންކާގެ ނެޝަނަލް އިލެކްޝަން ކޮމިޝަންގެ ޗެއާމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވެފައި ވެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މެޑިކަލް އޮފިސަރުންނާއި ޕަބްލިކް ހެލްތު އިންސްޕެކްޓަރުންގެ އިތުރުން މިޑްވައިފުން އަދި ސިއްހީ ދާއިރާގެ އެހެން އޮފިޝަލުންނަށް މިއަދު ވޯޓު ލެވޭނެ ކަމަށް ޗެއާމަން ވަނީ ވިދާޅުވެފައެވެ.

ޗެއާމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވީ ވޯޓުލުން މިއަދު ފެށިފައި ވީނަމަވެސް އެގައުމުގެ ރާޖަންގަނަޔާ ސަރަހައްދުގެ ވޯޓު ލުން ލަސްކޮށްފައިވާ ކަމަށެވެ. ރާޖަންގަނަޔާ ސަރަހައްދަކީ ލަންކާގައި ކޮވިޑް ކޭސްތައް މިހާރު އެންމެ ގިނަ ވެފައިވާ ސަރަހައްދެވެ.

ލަންކާގެ ނެޝަނަލް އިލެކްޝަން ކޮމިޝަން އިން ބުނެފައިވާ ގޮތުން މާދަމާ އަދި އޭގެ އަނެއްދުވަހު ޕޯސްޓަލް ވޯޓިން ލުމުގެ ފުރުސަތު އޮންނާނީ ސަރުކާރުގެ އޮފީސްތަކުގެ އޮފިޝަލުންނަށެވެ. އެގޮތުން ސަރުކާރުގެ ދާއިރާތަކުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް މި ދެދުވަހު ވޯޓު ލެވޭނެ އެވެ.

އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ވޯޓު ލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ފުލުހުންނާއި އާމީގެ އިތުރުން އެއާފޯސް އާއި ނޭވީގެ ފަރާތްތަކަށެވެ.

މިފަހަރު ހުޅުވާލައިފައިވާ ޕޯސްޓަލް އިންތިހާބު މޮނިޓާ ކުރުމަށް ލަންކާގައި 1000 އެއްހާ މޮނިޓަރުން ހަރަކާތްތެރިވާނެ ކަމަށް ލަންކާގެ ނެޝަނަލް އިލެކްޝަން ކޮމިޝަން އިން ހާމަކުރެއެވެ.