ނުރައްކާތެރި ކޮވިޑް 19 ބައްޔަށް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލު އަބީޝެކް ބަޗަން އަދި އޭނާގެ ބައްޕަ އަމީތާބު ބަޗަން ޕޮޒިޓިވްވެފައިވާއިރު، މިއަދުގެ ވަގުތެއްގައި ވަނީ އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދުޔާ ބަޗަން ވެސް ޕޮޒިޓިވްވެފައެވެ.

އެގޮތުން އަބީޝެކް އަދި އަމީތާބު ހުން އައިސް ހުރުމުން ރޭގެ ވަގުތެއްގައި ވަނީ ހޮސްޕިޓަލުގައި އެޑްމިޓްވެފައެވެ. އެހެންނަމަވެސް އައިޝްވާރިޔާ އަދި އަރާދުޔާ ގައިން ކޮވިޑުގެ އަލާމާތެއް ނުފެންނާތީ އެ ދެމީހުން ތިބީ ގޭގައި ކަރަންޓީނު ވެގެންނެވެ.

އަބީޝެކް ބަޗަން ކުރި ޓުވީޓެއްގައި ބުނީ، އޭނާގެ އަންހެނުން އައިޝްވާރިޔާ އަދި އަންހެން ދަރިފުޅު އަރާދުޔާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންނަމަވެސް، އެދެމީހުން ތިބޭނީ ގޭގައި ކަރަންޓީނު ވެގެން ކަމަށެވެ. އަބީޝެކް ވަނީ ޓުވީޓުގައި އޭނާގެ މަންމަ ޖަޔާ ބަޗަން ކޮވިޑަށް ނެގެޓިވްވެފައިވާ ކަންވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަބީޝެކް ވަނީ ބައްޕަ އަމީތާބާއި އޭނާ ޑޮކްޓަރުން ވަކި އެއްޗެއް ބުނަންދެން ތިބޭނީ ހޮސްޕިޓަލުގައި ކަމަށްވެސް ބުނެފައެވެ. އަބީޝެކް އަދި އަމީތާބު އެޑްމިޓްކޮށްފައިވާ ނަނަވަތީ ހޮސްޕިޓަލުން ވަނީ އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

ބަޗަން އާއިލާގެ ގިނަ މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމީހުން ދިރިއުޅޭ ޖަލްސާ ރެސިޑެންސް ހުންނަ ސަރަހައްދު ވަނީ ބަންދުކޮށް ޑިސްއިންފެކްޓް ކުރަން ފަށައިފައެވެ.