ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމި ހަތަރު މެމްބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެންއައިސީގެ ނައިބު ރައީސް ހައްސާން ހަމީދާއި ކޮމިޝަނު މެމްބަރުން އަހްމަދު އަމީން އަދި ހަދީޖާ އަބްދުﷲ ބުރާސްފަތި ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މި ތިން މެމްބަރުން އިސްތިއުފާ ދެއްވި އިރު، މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ މި ތިން މެމްބަރުން ހިމެނޭހެން އެންއައިސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ސުލައިމާން މަގާމުން ވަކިކުރުމަށް ރައީސަށް ލަފާ ދިނުމަށް މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން އިންނަވަނީ އެ ކޮމިޝަނަށް މި ސަރުކާރުން އައްޔަން ކުރެއްވި، ކާނަލް ރިޓަޔާޑް އަހްމަދު ޖިހާދެވެ.

އެންއައިސީއަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނާނީ ރައީސަށެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.