މިދިޔަ 24 ގަޑިއިރުތެރޭ އިންޑިއާއިން 28،637 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރުތެރޭ ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސް ފެނި، އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އަށް ލައްކަ އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

އިންޑިއާގައި މިހާރުވެސް އެކްޓިވް ކޭސްގެ ގޮތުގައި ތިން ލައްކައެއްހާ މީހުންނަށް ފަރުވާދެމުން އަންނަ އިރު، އެގައުމަށް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވެ ސިއްހީ ކާރިސާއެއް ކުރިމަތިވެފައެވެ.

އިންޑިއާގައި ފާއިތުވެދިޔަ ތިން ދުވަހުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދުވާލަކު 26،000 ވުރެ މައްޗަށް އަރައިފައެވެ.

އިންޑިއާގައި މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. އިއްޔެ އެކަނިވެސް އެގައުމުން ދެ ލައްކައަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވެއެވެ.

ކޮވިޑް ޖެހިގެން އިންޑިއާގައި 22،674 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެންމެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އިންނެވެ. ދިއްލީ އިން އެކަނިވެސް 3،334 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އިންޑިއާއަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމެވެ.