ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި އެތައް މަހެއް ވަންދެން މުސާރަ ނުލިބި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ހާލު ސަރުކާރު ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ބިދޭސީން ފަށައިފިއެވެ.
އެރަށުގައި މަސައްކަތް ކުރާ ބިދޭސީން އިނގިރޭސި ބަހުން ގަނޑެއްގައި އަތުން ލިޔެފައިވާ ސިޓީގެ ފޮޓޯއެއް "ވަން" އާ ހިއްސާކޮށްފައި ވާއިރު ބިދޭސީން ބުނީ އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރުގެ އިސް ފަރާތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެހެނިހެން އިދާރާތަކަށް ފޮނުވަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ގޮތް ނޭނގޭ ކަމަށް ބިދޭސީން ބުނެއެވެ.
ބިދޭސީންގެ ސިޓީގައި ބުނެފައި ވަނީ އެމީހުނަކީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް މޯލްޑިވްސް ކުންފުނީގެ މުވައްޒަފުން ކަމަށާއި އެގޮތުން ރިޒް ކުންފުނީގެ 204 މުވައްޒަފުން އެރަށުގައި މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފާއިިތުވި ހަ މަސް ދުވަހުގެ މުސާރަ އެމީހުންނަށް ދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
އެ ސިޓީގައި ބުނީ ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ވަރަށް ބަލި ކަމަށާއި ނަމަވެސް ފަރުވާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި ބަލި މީހުން ޑޮކްޓަރަށް ދައްކައިދިނުމަށް އެރަށުގައި ހަރަކާތްތެރިވާ ފުލުހުން ގާތު އެދުމުން ފުލުހުންނަކީ ހަމައެކަނި އެރަށުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަން ތިބި ބައެއް ކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
"ބަލި މީހުން ޑޮކްޓަރަށް ދައްކައިދިނުމަށް ފުލުހުން ގާތު އެދުމުން ފުލުހުން ބުނީ އެމީހުން ރަށުގައި ތިބީ ހަމައެކަނި ސެކިއުރިޓީ ބަހަލައްޓަން ކަމަށް،" ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިހާރު ގިނަ މީހުން ނިދާ އަދި ކައިބޮއެ ހަދަނީވެސް ކެންޓީނުގައި ކަމަށާއި ކުރިން ބަލި މީހުން ތުޅާދުއަށް ގޮސް ޑޮކްޓަރަށް ދެއްކި ނަމަވެސް، މިހާރު އަތުގައި ފައިސާ ވެސް ނެތް ކަމަށް އެ ސިޓީގައިވެއެވެ.
އެރަށުގައި އުޅޭ ބިދޭސީންގެ ފަރާތުން "ވަން" އާ ވާހަކަ ދެއްވި ބިދޭސީއަކު ބުނީ އެރަށުގައި ތިން ބިދޭސީއަކު ވަރަށް ބޮޑަށް ބަލިވެ ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ނެތިފައި އެބަތިބި ކަމަށެވެ.
ބޮޑުފިނޮޅުގައި މިހާރު ތިބީ 179 ބިދޭސީންނެވެ.
މިމަހުގެ ދެވަނަ ދުވަހު އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި އެރަށުގައި ތިބި ބައެއް ދިވެހި މުވައްޒަފުން ރަހީނުކޮށްފައިވެއެވެ. ހަމަނުޖެހުންތައް ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވުމުންނެވެ. އެ ހަމަނުޖެހުންތަކުގައި އެރަށުގެ ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ދީފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު