ލަންކާގައި މިއަދު 300 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެއް ދުވަސްތެރޭ އެގައުމުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަށް ވެއްޖެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރި ކަމަށް އިއުލާންކޮށްފައިވާ ލަންކާގައި ކޭސްތައް އިތުރުވަމުންދާ އިރު، އެގައުމުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނުގައިވާގޮތުން އެގައުމުގެ ޑްރަގް ރިހެބިލިޓޭޝަންގެ ކްލަސްޓާގައި މިއަދު 286 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު ލަންކާއިން ހާމަކޮށްފައި މައުލޫމާތުތަކަށް ބަލާއިރު އެގައުމަށް އެހެން ގައުމުތަކުން އެތެރެވެފައިވާ މީހުންގެ ތެރެއިން 13 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ވެލިކަޑަ ޖަލުން އެކަކު ޕޮޒިޓިވެފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

ލަންކާއިން ފެންނަމުންދާ އިތުރު ކޭސްތަކަކީ އެގައުމުގައި ކޮވިޑްގެ ދެވަނަ ރާޅުގެ ފެށުން ކަމުގައި ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ލަންކާގައި މިހާތަނަށް 2350 މީހުން ޕޮޒިޓިވް ވެފައިވާ އިރު، މިހާތަނަށް 90 ޕަސެންޓު މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާތަނަށް އެގައުމުން ބަލީގައި މަރުވެފައިވަނީ 11 މީހުންނެވެ.