ވައިގެ ޒަރިއްޔާއިން ކޮވިޑް ފެތުރުން އެކަށީގެންވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކޮވިޑް ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ކަނޑައަޅުއްވާފައި ހުންނަ ޓެކްނިކަލް އިސްފަރާތުން ވަނީ ވައިގެ ޒަރިއްޔާއިން ކޮވިޑް ވައިރަސް ފެތުރޭ ކަމަށް ހޯދައިފައިވާ ދިރާސާތަކާމެދު އިތުރަށް މަޝްވަރާ ކުރަމުން ކަމަށެވެ. ވައިގެ ތެރޭގައި ފެތުރޭތޯ ޔަގީންކަމާއެކު ނިންމޭނީ އިތުރު ދިރާސާތަކަށް ފަހުގައި ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮވިޑް ފެތުރެނީ ހަމައެކަނި ކެއްސައި ކިނބިހި އެޅުމުން އޭގެން ބޭރުވާ ތިކިތަކުގެ ސަބަބުންނެވެ. މި ތިކިތައް ވައިގެ ތެރޭގައި މާގިނަ އިރު ނުހުންނަ ކަމަށްވެސް ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް ދުނިޔޭގެ 32 ގައުމަކުން 239 ސައިސްވެރިޔަކު ވަނީ އެމީހުން ކޮށްފައިވާ ތަހުލީލުތަކުން ވައިގެ ތެރެއިންވެސް ކޮވިޑް ފެތުރޭކަން ފާހަގަވެ އެކަން ޑަބްލިއުއެޗްއޯއަށް ހުށަހަޅައި ސިޓީއެއް ފޮނުވައިފައެވެ. އަދި ވައިގެ ތެރެއިން ކޮވިޑް ނުފެތުރޭ ކަމަށް ޑަބްލިޔުއެޗްއޯއިން ކުރީން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް މި ސައިންސްވެރީން ވަނީ ޑަބްލިޔުއެޗްއޯ އަށް ގޮވާލައިފަ އެވެ.

ކޮވިޑް ގެ ދާއިމީ ހައްލަކީ ވެކްސިން އެއް ލިބުން ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ އިރު، ވެކްސިން ޓެސްޓު ކުރުމުގެ މަރުހަލާތައް އެކި ގައުމުތަކުގައި މިހާރު ކުރިޔަށް އެބަ ދެއެވެ.