ބްރެޒިލްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި ރިޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހާމަކުރައްވައިފައެވެ. ރައީސްގެ ވާހަކަފުޅު ވަގުތުން ޓީވީ މެދުވެރިކޮށް ދިޔައީ ދައްކަމުންނެވެ.

ރައީސް ބޮލްސޮނާރޯ ވަނީ މިއީ ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ހަޔާތުގައި މިކަހަލަ ކަންކަމާ ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.

އުމުރުފުޅުން 65 އަހަރުގެ ބޮލްސޮނާރޯ ފާހަގަކުރެވިފައިވަނީ ކޮވިޑުގެ ނުރައްކާ ހާލަތުގައިވެސް އެކަމާ އެހާ ބޮޑަށް ކަންބޮޑުވެވަޑައިނުގަންނަވާ ރައީސެއްގެ ގޮތުގައެވެ. އަދި ރައީސް ބޮލްސޮނާރޯ ވަނީ ކޮވިޑުން ރައްކާތެރިވުމަށް ގައިދުރުކަމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ބޮލްސޮނާރޯ ވަނީ އެގައުމުގައި ކުރިއަށްދިޔަ ސިޔާސީ އެކި އެއްވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި މިފަދަ އެއްވުންތަކުގައި ބައިވެރިވާ އިރު ގިނަފަހަރު މާސްކު ނާޅުއްވާކަން ވަނީ ފާހަގަކުރެވިފައެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ބްރެޒިލުން މިހާތަނަށް 1.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 65000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.