އިންޑިއާގެ ހޮސްޕިޓަލަކުން ކޮވިޑުގެ ނެގެޓިވް ޓެސްޓު ރިޕޯޓު ވިއްކާކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.

އިންޑިއާގެ އުއްތަރްޕްރަދޭޝްގެ މީރުތުގެ ޕްރައިވެޓް ހޮސްޕިޓަލަކުން ފަރުވާ ހޯދަންދާ ބަލިމީހުންނަށް އެމީހުންގެ ކޮވިޑް ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް 2500 ރުޕީސް ދިނުމުން ކޮވިޑަށް ނެެގެޓިވް ވި ކަމުގެ ރިޕޯޓު ވިއްކާނެ ކަމަށް ބުނާ ވީޑިއޯއެއް ވަނީ ލީކުވެފައެވެ.

ވީޑިއޯގައި ވާހަކަދައްކާ އެ ހޮސްޕިޓަލުގެ އޮފިޝަލަކުވަނީ ޓެސްޓު ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަމަށް އަންގައިދިނުމަށް ސަރުކާރުގެ ދެ ހޮސްޕިޓަލެއްގެ ތައްގަނޑުވެސް ޖަހާނެ ކަމަށް ބުނެފައެވެ. ވީޑިއޯގައި އެހެން މީހަކު ބަލިމީހާގެ އަތުން ފައިސާ ނަގައި ހޮސްޕިޓަލަށް ދިއުމުގެ ކުރިން ގުޅާފައި ދިއުމަށް އަންގައެވެ. އަދި ރިޕޯޓު ބަލައި ދާއިރު ބަލިމީހާ ކޮންމެހެން ދާން ނުޖެހޭނެ ކަމަށް ވެސް އެމީހާ ބުނެއެެވެ.

ވީޑިއޯ ވައިރަލް ވުމާއެކު ބޮޑެތި ފާޑު ކިޔުންތަކެއް އަންނަން ފެށުމުން އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ މީރުތު ޔުނިޓުގެ ސެކްރެޓަރީ އަނިލް ނައުސްރަން ވަނީ ސަރުކާރުން މިކަން ބަލަން ޖެހޭނެ ކަމަށާއި ދަށް ފެންވަރުގެ މީހުން ހޮސްޕިޓަލުތަކާއި ނާސިން ހޯމްތައް ހިންގުމުން މިފަދަ ކަންކަން ފެންމަތިވާނެކަމަށް ބުނެފައެވެ.

މީރުތުގެ ފުލުހުން މިވީޑިއޯގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.