މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމަށް ސައުދީން ހުޅުވާލައިފިއެވެ. ސައުދީން ހުޅުވާލާފައިވަނީ މިހާރު ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ރަޖިސްޓްރީ ކުރުމަށެވެ.

ސަލާމަތީ ގޮތުން ވަރު ގަދަ ފިޔަވަޅުތަކާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ކަންކަން ހަމަޖެއްސުމަށް ސައުދީން ތައްޔާރުވަމުން އަންނައިރު އެގައުމުން ވަނީ މިއަހަރު ހައްޖު ހުޅުވާލަނީ ހަމައެކަނި ސައުދީގައި ތިބި މީހުންނަށް ކަމަށް ބުނެފައެވެ.

ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދެވޭ 70 ޕަސެންޓު މީހުންނަކީ އެގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ކަމަށް ބުނެފައެވެ. އަދި އަނެއް 30 ޕަސެންޓު ހާއްސަ ކުރެވިފައި ވަނީ އެގައުމުގެ ރައްޔިތުންނަށް ކަމަށް ވަނީ ބުނެފައެވެ.

ސައުދީގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ދޭ ހުރިހާ މީހުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭއިރު އިސްކަން ދޭނީ ދިގު މުއްދަތަކަށް ފަރުވާ ދޭން ޖެހޭ ބަލި ނުހުންނަ މީހުންނަށް ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ވަނީ ބުނެފައެވެ.

ސައުދީގައި އުޅޭ އެހެން ގައުމުތަކުގެ މީހުންތެރެއިން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 10ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ނަންނޯޓު ކުރާ ތަރުތީބުން ފުރުސަތު ދިނުމަށްވެސް ހައްޖު އެންޑް އުމްރާ މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ.