އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޓީމުތަކުގެ ގްރޫޕް މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ނިންމައިފިއެވެ.
ކޮވިޑް 19 އާ ގުޅިގެން މެދުކަނޑާލި އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލައިފައެވެ. އަދި މި މަހުގެ ނިޔަލަށް ބެލުމަށް ފަހު މެޗުތައް ބާއްވާ ގައުމެއް އިއުލާން ކުރާނެ ކަމަށް އޭއެފްސީން ބުނެފައި ވެއެވެ.
މިދިޔަ މަހު ކްލަބުތަކާއެކު އޭއެފްސީން ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވަނީ މުބާރާތް ކުރިޔަށް ގެންދިއުމަށް ދެ ޕްރޮޕޯސަލެއް ހުށަހަޅައިފައެވެ. އެގޮތުން ހުށަހަޅާފައިވަނީ ހޯމް އެންޑް އަވޭ އުސޫލުކުން ކުރިޔަށް ދިއުން ނުވަތަ އެއް ގައުމަކަށް ހުރިހާ ޓީމުތަކެއް ގޮސްގެން އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ ވާދަ ކުރެއެވެ.
ގްރޫޕް ސްޓޭޖް ޝެޑިއުލް ހަމަޖެހިފައިވާ ގޮތް:
- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)
- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)
- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)
- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)
އޭއެފްސީ ކަޕްގެ މެޗުތައް ދެން ފަށާއިރު ޓީމުތަކަށް ބަދަލު އައުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން އަލުން ކުޅުންތެރިން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ދޭން އޭއެފްސީން ނިންމާފައިވާއިރު، ގިނަ ޓީމުތަކެއްގެ ބިދޭސީ ކުޅުންތެރިންނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު