ޕާކިސްތާނުގެ ހެލްތު މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ޕާކިސްތާނުގެ ހެލްތު މިނިސްޓަރު ޒަފަރު މިރުޒާ ވަނީ ކޮވިޑަަށް ޕޮސިޓިވް ވެފައިވާކަން ހާމަކޮށް ޓުވީޓު ކުރައްވައިފައެވެ.

ކުދި އަލާމަތްތަކެއް ފެނި ސާމްޕަލް ނަގައި ޓެސްޓުކުރުމުން ޕޮޒިޓިވްވުމާއެކު ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށާއި ސަލާމަތީ ގޮތުން ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ޓުވީޓުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން އެގައުމުގެ ފޮރިން މިނިސްޓަރު ޝާހް މަހުމޫދު ގުރައިޝީއަށް ވެސް ކޮވިޑް ޖެހި، އައިސޮލޭޓް ކޮށްފައިވާއިރު އެގައުމުގެ ގިނަ އަދަދެއްގެ އިސްފަރާތްތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. އެގޮތުން ޕާކިސްތާނުގެ ކުރީގެ ދެ ބޮޑުވަޒީރަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަން ފަށައިފައެވެ.

ޕާކިސްތާނުގައި ކޮވިޑް ޖެހޭ މިންވަރު އިތުރުވަމުން ދާއިރު އެގައުމުން މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. ޕާކިސްތާނުގައި ކޮވިޑް ޖެހިގެން މިހާތަނަށް 4762 މީހުން މަރުވެފައިވެއެވެ.