ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމަށް އެކަމާ ގުޅޭ ކަންކަމަށް ހާއްސަ ބޯޑެއް އުފައްދަން ޖެހޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފިއެވެ.

އެ އިސްލާހު ގެނެސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10 ވަނަ ބާބު (ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު)ގެ 10.06 މާއްދާއަށެވެ. އެ މާއްދާގައި ކުރިން ބުނެފައިވަނީ ޕްރޮކިއުމަންޓާ ބެހޭ ކަންތައްތައް ރާވައި ހިންގައި އަދި އެ ގަވާއިދާ ބެހޭގޮތުން ނެރެން ޖެހޭ އެންމެހައި ސާކިއުލާތަކާއި ދެންނެވުންތައް ނެރޭނީ މިނިސްޓަރު ނުވަތަ މިނިސްޓަރު އެކަން ލިޔުމުން ހަވާލުކުރުމުން ފައިނޭންޝަލް ކޮންޓްރޯލާ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، މާލިއްޔަތު ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓާ ގުޅޭގޮތުން ނެރެން ޖެހޭ އުސޫލުތަކާއި ސާކިއުލާތައް ނެރުމާއި ދައުލަތުގެ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާނީ "ޕްރޮކިއުމަންޓް ޕޮލިސީ ބޯޑު" އިން ކަމަށެވެ.

އެ ބޯޑު އެކުލެވިގެންވަނީ ޗެއަޕާސަނާއެކު ހަތް މެންބަރުންގެ މައްޗަށެވެ. އެ ބޯޑަށް އައްޔަން ކުރަން ބޭނުންވާ މީހުން ކަނޑައަޅައި މެންބަރުން އައްޔަން ކުރާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ބޯޑުގެ ހިންގާ ގަވާއިދު އެ ބޯޑުން އެކުލަވާލައި ފާސްކުރަންވާނެ ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ބޯޑަށް އައްޔަން ކުރަން ވާނީ ފައިނޭންސް، ޕްލޭނިން، އިންޖިނިއަރިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ލޯ، ކޮމާސް ފަދަ ޕްރޮފެޝަނަލް ދާއިރާއަކުން ތައުލީމު ލިބިފައިވާ އަދި އެފަދަ ދާއިރާއަކުން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށާއި ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ، މިނިސްޓްރީން ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ.