އިނގިރޭސި ޕްރިމިއަ ލީގްގައި ރޭ މެންޗެސްޓަ ޔުނައިޓެޑާ ބޯންމައުތު ބައްދަލު ކުރި މެޗް 5-2 ގެ ނަތީޖާއަކުން މެންޗެސްޓަ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ބޯންމައުތުންނެވެ. މެޗްގެ 15 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ޖޫނިއަ ސްޓަނިސްލަސް އެވެ. ނަމަވެސް ބޯން މައުތު އިން ލީޑް ނެގިތާ 29 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާއެކު ޒުވާން ފޯވަޑް މޭސަން ގްރީންވުޑް ޖެހި ގޯލުން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ދެ ގޯލް ޖަހައި ލީޑް ނަގައިފައެވެ. 35 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ މާކަސް ރަޝްފޯޑެވެ. އެގޯލަކީ އޭރިއާ ތެރެއިން ބޯންމައުތުގެ އެޑަމް ސްމިތު އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ޔުނައިޓެޑްގް ލީޑް ފުޅާކޮށްދިން ގޯލް އެންތޮނީ މާޝަލް ޖެހީ އަނެއްކާވެސް ހުނަރުވެރި ޕްލޭމޭކަރު ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރޭގެ މެޗްގެ ދެވަނަ ހާފް ފަށައިގެން ހަތަރުވަނަ މިނެޓުގައި ޔުނައިޓެޑްގެ އޭރިއާ ތެރެއިން އެޓީމްގެ އެރިކް ބައިލީ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ބޯންމައުތަށް ދިން ޕެނަލްޓީ ކާމިޔާބުކޮށްގެން ކެޕްޓަން ޖޯޝުއާ ކިންގް ވަނީ އެޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ގްރީންވުޑް ވަނީ ޔުނައިޓެޑްގެ ލީޑް އަނެއްކާވެސް ދެ ގޯލަށް ފުޅާކޮށްފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ފަސްވަނަ ގޯލް 59 ވަނަ މިނެޓުގައި ޖެހީ އެމެޗްގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސް އެވެ.
ރެލިގޭޓް ވުމުގެ ބިރު ކުރިމަތިވެފައިވާ ބޯންމައުތު އަތުން މޮޅެއް ހޯދާފައިވާއިރު، މިއީ ހުރިހާ މުބާރާތެއް އެއްކޮށްގެން ޔުނައިޓެޑުން ބަލި ނުވެ ހަމަކުރި 16 ވަނަ މެޗެވެ. ޔުނައިޓެޑް މި މެޗުން މޮޅުވި ނަމަވެސް އެޓީމު އަދި އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު