އާ އާއްމު ހާލަތުގައި ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެކުލަވާލައި އާއްމުކޮށްފިއެވެ.

ޑީޖޭއޭ އިން އާއްމުކޮށްފައިވާ އުސޫލުގައި، ތިން ބައެއް ހިމަނާފައިވެއެވެ. އެއީ ކޯޓު ނުވަތަ އިދާރާއިން އަމަލު ކުރަންޖެހޭގޮތާއި، މުުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތުގެ އިތުރުން އެހެނިހެން ކަންތައްތައް ހިމެނޭ ބައެވެ.

މި އުސޫލު ބުނާގޮތުން ކޯޓު ނުވަތަ އިދާރާގެ މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ، ނުވަތަ ބަލީގެ އަލާމާތްތައް ފެންނަ ނަމަ އަމަލު ކުރަންޖެހޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށެވެ.

މީގެ އިތުރުން މުވައްޒަފަކު ދިރިއުޅޭ ތަނެއް ބަންދުގެ ހާލަތަށް ގެނަސްފިނަމަ އެ މުވައްޒަފަކަށް ގެއިން މަސައްކަތް ކުރެވޭނެގޮތް، ނުވަތަ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދިނުމާއި، ކޮވިޑްގެ ހާލަތުގައި ނުވަތަ މޮނިޓަރިންގެ ހާލަތިގައި ވާ ރަށެއްގައި އާއްމު ވެފައިވާ ކޯޓު ނުވަތަ އިދާރާއަށް ހާޒިރުވާ މުވައްޒަފުންގެ ގައިގައި ހުން ހުރިތޯ ބެލޭނެ ގޮތް ގާއިމު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

އޮފީހަށް ހާޒިރުވެ މުވައްޒަފުންގެ ޖަގަހައަށް ދިއުމުގެ ކުރިން އަތް ދޮވެވޭނެ ނުވަތަ ސެނިޓައިސް ކުރެވޭނެ ގޮތް ހަމަޖެއްސުމާއި، އިނގިލީގެ ނިޝާން ނަގައިގެން ދެމުންގެންދިޔަ ހިދުމަތްތައް އެނޫން ގޮތަކަށް ބަދަލުކުރުމަށްވެސް އުސޫލުގައި ހިމެނާފައިވެއެވެ.

އޮފީހަށް ހާޒިރުވާ ފަރާތްތައް ބޭނުން ކުރާ ތަކެއްޗާއި، މުވައްޒިފުން ބޭނުންކުރާ ތަންތަނާއި، ތަކެތި ޑިސްއިންފެކްޓް ކުވޭނެ ގޮތް ހަމަޖެއްސުމާއި، ޝަރީއަތަށް މީހުން ހާޒިރު ކުރުމާއި، ޝަރީއަތް ތާވަލު ކުރުމުގައި ކޯޓުތެރޭގެ ތޮއްޖެހުމާއި ގައިގޯޅިކަން ކުޑަވާނޭގޮތަށް ރޭވުމަށްވެސް ހިމަނާފައިވެއެވެ.

އޮފީސް މާހައުލުގައި ތޮއްޖެހުން ބޮޑުވެ، އޮފީސް މާހައުލުގެ ރައްކާތެރިކަން ކުޑަވާނަަމަ ގައިގޯޅިކަން ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ މެދުގައި ފްލެކްސިބަލް އުސޫލުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ނުވަތަ ދަންފަޅި ބަހައިގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްވެސް ހަވީރު 4:00 ގެ ފަހުން ކޯޓު ހުޅުވަން ނުޖެހޭގޮތަށް އިންތިޒާމު ކުރުމާއި، 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު މުވައްޒިފުންނާއި ބޮޑެތި ބަލިތަކަށް ބޭސްކުރާ މުވައްޒިފުން، އޮފީހަށް ނެރުން މަދުކުރުމަށާއި ވީ ވަރަކުން އެ މުވައްޒިފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ހިމަނާފައިވެއެވެ.

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި އޮންލައިންކޮށް ބަލައިގަތުން، ނުވަތަ އީމެއިލް މެދުވެރިކޮށް ބަަލައިގަތުމާއި ރިސެޕްޝަން މުވައްޒަފާއި އޮފީހަށް ހާޒިރުވާ ފަރާތްތަކާ ދެމެދު ގައިދުރުކަން ގާއިމުކުރުމާއި، ލިޔެކިޔުންތައް ޕްރިންޓްކޮށްގެން ދައުރު ކުރުމުގެ ބަދަލުގައި ޑިޖިޓަލައިޒް ކުރުމާއި އޮންލައިންކޮށް ސޮއިކުރެވޭނެ ގޮތް ގާއިމުކުރުމަށްވެސް އެ އުސޫލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ބަލައިގަންނަންޖެހޭ ފައިސާ ވެސް ބަނޑޭރި ޕޭ މެދުވެރިކޮށް ބަލައިގަތުމާއި، މުވައްޒިފުން އެއްވަންޖެހޭ ފަދަ ބައްދަލުވުންތައް ނުބޭއްވުމާއި، އޮފީހުގައި ބާއްވަންޖެހޭ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބޭއްވުމަށް ހިމަނާފައިވެއެވެ.

ސާފު ކުރުމުގެ މަސައްކަތްކުރާ މުވައްޒިފުންނަށް ޑިސްއިންފެކްޝަން ޕްރޮސެސްގެ މައުލޫމާތު ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެގޮތް ބުނެދިނުމާއި، ކޯޓު ނުވަތަ އިދާރާގެ ތެރެއަށް އެއްފަހަރާ ވަދެވޭނީ ކިތައް މީހުންނަށްކަމާއި، މާސްކު އަޅައިގެން މެނުވީ އިދާރާގެ ތެރެއަށް ނުވަދެވޭނެ ކަމާއި، އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އަޅަންޖެހޭ ގޮތުގެ ނޯޓިސްއެއް އިދާރާގެ ބޭރުގައި ބެހެއްޓުމަށްވެސް ހިމަނާފައިވެއެވެ.

މި އުސޫލުތަކާ ހިލާފުވާ މުވައްޒިފުންނަށް ޝަރުއީ ދާއިރާގެ މުވައްޒިފުންގެ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.