ރާއްޖޭގެ ގައުމީ ޓީމަށް 109 މެޗު ކުޅެ ފީފާ ސެންޗަރީ ކުލަބްގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔަކަށް، ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު(އިންމަ) ވެއްޖެއެވެ.
ފީފާ އިން އާންމު ކުރި މި ލިސްޓުގައި އިމްރާން އަކީ ފީފާ ސެންޗަރީ ކުލަބްގައި މިހާތަނަށް ހިމެނުނު ރާއްޖޭގެ ފުރަތަމަ އަދި ހަމަ އެކަނި ކުޅުން ތެރިޔާ ވެސް މެއެވެ.
ފީފާ ސެންޗްރީ ކުލަބް އަކީ ފީފާ ގައި ރަޖިސްޓްރީ ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ކުޅުންތެރިންގެ ތެރެއިން އެ ގައުމެއްގެ ގައުމީ ޓީމަށް މަދުވެގެން 100 މެޗު ކުޅެދީފައިވާ ކުޅުންތެރިން ހިމަނަގެން ފީފާއިން ތައްޔާރުކުރާ ލިސްޓެކެވެ.
ފީފާ ސެންޗަރީ ކުލަބްގައި ހިމެނުމުގެ ޝަރަފު ލިބުމުން އިންމަ ކުރި ޓުވީޓެއްގައި ބުނީ މި ލިސްޓުގައި ހިމެނުމަކީ ދިވެހި ފުޓުބޯޅައަށާއި އަދި އޭނާ އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެކަމަށް ޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އަށް އިންމަ ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެންޕިއަންޝިޕް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރި ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރަކީ އިމްރާން އެވެ. އިންމަ އަކީ ގައުމީޓީމުގެ ގޯލު މިހާތަނަށް އެންމެ ގިނަ ދުވަހު ބެލެހެއްޓި ކުޅުންތެރިޔާ ވެސް މެއެވެ. އަދި މިހާރު އިންމަ މަސައްކަތް ކުރަމުން އަންނަނީ އެފްއޭއެމްގެ ކޯޗިން ޑިޕާޓުމަންޓުގައި ޒުވާން ގޯލް ކީޕަރުން ތަމްރީން ކޮށްދިނުމުގައެވެ. ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ގޯލްކީޕާ ޓްރެއިނަރެއްގެ ގޮތުންވެސް އިންމަ އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު