ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅާފައިވާ މައްސަލައަކީ މަޖިލީހަށް ބެލޭނެ މައްސަލައެއް ނޫންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކޮންގްރެސްއަށް ފަހު މީޑިއާތަކާ ބައްދަލުކުރައްވައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައްސާމް ވިދާޅުވީ އެކަމުގައި ފީފާ އާއި އޭއެފްސީގެ މަޝްވަރާ ހޯއްދެވި ކަމަށާއި، އެކަމަކީ މަޖިލީހުން ބެލޭނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ފީފާ އާއި އޭއެފްސީ އަދި އަޅުގަނޑުމެންގެ ލީގަލް ޓީމުގެ މަޝްވަރާ ވެސް ހޯދިން، އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް އެމައްސަލަ ބެލޭނެ ކަމަކަށް،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ބޭނުންވީމަ މަޖިލީހުގައި ކުރިޔަށް ގެންދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެފްއޭއެމްގެ ކަންކަން ބެލުމުގެ ބާރު ލިބިގެންވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ކަމަށެވެ. އެގޮތުން މީގެ ދެދުވަހެއްވަރުކުރިން މި މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ކޮމިޝަނަރުގެ ސިޓީއެއް ލިބިވަޑައިގެންފައވާ ކަމަށާއި އެސީޓީގެ ޖަވާބު ވެސް އެފްއޭއެމް އިން ވާނީ ކޮމިޝަނަރާ ހިއްސާކުރައްވާފައި ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު މިނިސްޓަރަށްވެސް އެރުވިފައި ވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލީހުން ސާފުކުރައްވަން ބޭނުންވާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށާއި އަދި މަޖިލީހަށް އެއްބާރުލުންވެސް ދެއްވާނެ ކަމަށާއި ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ހަގީގަތަކީ އަޅުގަނޑުމެން މަޖިލީހަށް ހާޒިރުވާން މަޖުބޫރެއް ނޫން، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން މީ މާ ގަދަ ބައެއް ކަމަށް ދެކި ގަދަ ބަސް ބުނެފަ ނުދާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެބޭފުޅުން ސާފު ކުރަންވަން ބޭނުންވާ ކަމެއް އޮތިއްޔާ އެ މައުލޫމާތެއް އަރުވައި އެންމެންނަށް އެއްބާރުލުން ދީގެން ކުރިޔަށް ގެންދަން."

ބައްސާމް އިތުރަށް ވިދާޅުވީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަން ކަން ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށެވެ. މި މައްސަލައިގައި ސްޕޯޓްސް މިނިސްޓަރު ވެސް އަމަލު ކުރައްވާފައިވަނީ އޮންނަ އުސޫލުން ކަމަށެވެ.