ފާޑުކިޔުންތައް އިތުރުވުމުން ނިއުޒިލެންޑުގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފިއެވެ.

ނިއުޒިލެންޑްގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް ވަނީ އޭނާގެ އިސްތިއުފާ އެގައުމުގެ ބޮޑުވަޒީރު ބަލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

ނިއުޒިލެންޑުން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް ޑޭވިޑް ކްލާކްގެ އެހީތެރިކަން ނުލިބޭ ކަމަަށް ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. އަދި ދާދިފަހުން އެގައުމުގައި ކޮށްފައިވާ ލޮކްޑައުންއާ ހިލާފަށް ޑޭވިޑް ކްލާކް އޭނާގެ އާއިލާއާ އެކު ބީޗަށް ދިޔަ މައްސަލަ ބޮޑުވެ މަގާމަށް ކުފޫ ހަމަނުވާކަމަށް ބުނެ ގިނަ ޕްރެޝަރުތަކެއް ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޑޭވިޑް ވެސް ވަނީ އޭނާ މަގާމުގައި ހުރުމުގެ ސަބަބުން ނިއުޒިލެންޑުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ބުރޫ އަރާނެކަމަށް ބެލެވޭތީ އިސްތިއުފާ ދއްވުމަށް ނިންމެވީ ކަމަށް ވިދާޅުވެފަ އެވެ.

ނިއުޒިލެންޑުން ކޮވިޑާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވުމަށްފަހު އެގައުމު އާންމު ހާލަތަކަށް ގެނައިކަން ބޮޑު ވަޒީރު އިއުލާންކުރެއްވި ފަހުން އައިސޮލޭޓް ކޮށްފައި ތިބި ދެމީހަކު ޖަނާޒާއަކަށް ދިއުމަށް ހުއްދަދިން މައްސަލައާއެކު އެގައުމުގެ ސިއްހީ ވުޒާރާއަށް ފާޑު ކިޔުން އިތުރު ވިއެވެ. މިދެމީހުން ފަހުން ވަނީ ކޮވިޑަށް ޕޮސިޓިވް ވެފައެވެ.

ޑޭވިޑް ވަނީ އޭނާގެ ޒައާމަތުގައި ސިއްހީ ދާއިރާގައި އެގައުމުގައި ހިނގައިދިޔަ ހުރިހާ ކަންކަމެއްގެ ޒިންމާ ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ނިއުޒިލެންޑުން ކޮވިޑް ޖެހިފައިވާ 1528 މީހުން ރެކޯޑު ކުރެވިފައިވާއިރު 22 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.