އިނގިރޭސި ޕްރިމިއާ ލީގުގައި ތާވަލުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި އެވަޓަން ރޭ ބައްދަކުރި މެޗުން 2-1 ގެ ނަތީޖާ އަކުން ލެސްޓާ ބަލިވުމުން އޭގެ ފައިދާ ނަގަން ލިބުނު ފުރުސަތު ޗެލްސީން ގެއްލުވާލައިފި އެވެ.

ލީގުގައި ރޭ ޗެލްސީއާއި ވެސްޓްހަމް ބައްދަލު ކުރި މެޗުން ޗެލްސީ މޮޅުވި ނަމަ އެމީހުންނަށް ތާވަލުގެ ތިންވަނަ އަށް އެރުނީހެވެ. ނަމަވެސް އެމެޗް ނިމުނީ 3-2 ގެ ނަތީޖާ އަކުން ޗެލްސީ ބަލިވެގެންނެވެ.

ރޭގެ ނަތީޖާ އެކު ތާވަލުގެ ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީ އާ ދެމެދު އޮތީ ދެޕޮއިންޓުގެ ފަރަގެކެވެ. ޔުނައިޓެޑަށް 52 ޕޮއިންޓް ލިބިފައިވާއިރު ޗެލްސީއަށް ލިބިފައިވަނީ 54 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް ލިބިފައިވަނީ ޗެލްސީއަށްވުރެ އިތުރަށް އެންމެ ޕޮއިންޓެކެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އުޅެނީ އަދި އެހާފަސޭހައިން އަތުވާ ހިސާބެއްގައެއް ނޫނެވެ. އެޓީމަށް ވަނީ 63 ޕޮއިންޓް ލިބިފައެވެ.

ކުރިޔަށް އަށް މެޗް ބާކީ އޮއްވައި އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އިން ވަނީ ހޯދާފައެވެ. އެޓީމަށް ވަނީ 86 ޕޮއިންޓް ލިބިފައެވެ.

ރޭގެ މެޗްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޗެލްސީންނެވެ. ވެސްޓްހަމްގެ ލަނޑުތައް ޖަހާފައިވަނީ އެޓީމަށް ލިބުނު މަދު ފުރުސަތު ތަކަކުންނެވެ. ރޭގެ މެޗްގެ 34 ވަނަ މިނެޓުގައި ވެސްޓްހަމް އިން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމެވީ އޮފްސައިޑް ގޯލެއް ކަމަށެވެ.

މެޗްގެ ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީން ވަނީ މެޗްގެ ލީޑް ނަގައިފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަން އެވެ. ޗެލްސީން މެޗްގެ ލީޑް ނެގިތާ ދެމިނެޓް ފަހުން މެޗްގެ 45 ވަނަ މިނެޓުގައި ޖެރޯޑް ބޮވެންގެ އެހީތެރިކަމާއި އެކު އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް އެވެ. ފުރަތަމަ ހާފް ނިމުނީ ވެސްޓްހަމް އިން ފަހަރުން އަރައި ޖެހި ގޯލާއިއެކު ދެޓީމު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެން މެޗްގެ 51 ވަނަ މިނެޓުގައި މައިކަލް އެންޓޯނިއޯ ވަނީ ވެސްޓްހަމް އަށް ލީޑު ނަގައިދީފައެވެ. ދެން ފެނިގެންދިޔައީ ޗެލްސީން މޮޅުވާން ގިނަ މަސައްކަތްތަކެއް ކުރަން ފެށި ތަނެވެ. ނަތީޖާއެއްގެ ގޮތުން ޗެލްސީގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ވިލިއަން ވަނީ ދެވަނަ ފަހަރަށް މެޗްގެ ލީޑް އެޓީމަށް ނަގައިދީފައެވެ.

މެޗް ނިމެން ވަރަށް ކުޑަތަން ވެފައިވަނިކޮށް ވެސްޓްހަމް ވަނީ ޗެލްސީ ކޮޅަށް ގޯލެއް ވައްދާލައި މެޗްގެ ލީޑު އަނެއްކާ ވެސް ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑްރީ ޔާމޮލެންކޯ އެވެ. އޭނާ މިލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދިން ޖެރޯޑް ބޮވެންގެ އެހީތެރިކަމާއި އެކު އެވެ. މެޗް ނިމިގެންދިޔައީ 3-2 ގެ ނަތީޖާއިން 16 ވަނައިގައި އޮތް ވެސްޓް ހަމް މޮޅުވެގެންނެވެ.