ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓަކީ އިސްލާމްދީނަށް ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި އެމާއްދާގައި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް މިހާރަކަށް އައިސް މުޖުތަމައުން ފެންނަމުންދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީއަތުގެ މަގްސަދުތަކާއި ގާނޫނު އަސާސީގެ ރޫހާވެސް ހިލާފު ކަންކަން ކަމަށް ބަޔާނުގައި ވެއެވެ.
އަދާލަތުން ބުނީ އަންހެނުންނާ މެދު ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ. ގެ ބައިނަލްއަގްވާމީ މުއާހަދާ (ސީޑޯ) ކޮމިޓީއަށް ހުށަހެޅުމަށް އުތެމަ ޖަމިއްޔާއިން 20 އޭޕްރިލްގައި އާންމުކުރި ރިޕޯޓަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓަށް ތާއީދުކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ.
"އިސްލާމްދީނަށް ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލާފައި، މިކަންކަމަކީ ސައްތައިން ސައްތަ އިސްލާމީ މި ދިވެހި މުވާތިނެއްގެ ކިބައިން ފެނިގެންވާނޭ ކަންކަމެއް ނޫން، ޝައްކެއް ނެތް ގޮތުގައި މި ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއްކަން ކަށަވަރު،" އަދާލަތުން ބުންޏެވެ.
އަދާލަތުން ބުނީ މުޖުތަމައުން ފެންނަމުންދާ ނޭއްގާނީ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި އަންހެންކުދިންގެ އިއްފަތްތެރިކަން ފޭރިގަތުން ފަދަ ކަންކަމަކީ އެންމެހާ މީސްތަކުންގެ މަސްލަހަތަށްޓަކައި އިސްލާމްދީނުގައި ވަރަށް ވަރުގަދައަށް ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށެވެ.
"ޤާނޫނީގޮތުން ވެސް ޖަރީމާތަކެއް، އަދި މިފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި އާއްމު ވެގެން ދިއުމަކީ ބަލިމަޑުކަމާއި ތަދުމަޑުކަން
ފެތުރިގެން ހިނގައިދާނެ ނުރައްކާތެރި ކަންކަން، ވީމާ މިފަދަ ހަޑިމުޑުދާރުކަންކަމާ ދުރުހެލިވެ ތިއްބެވުމަށާއި ﷲ އަށް ބިރުވެތިވެލެއްވުމަށް އެންމެހާ ލޮބުވެތި މުވާތިނުންނަށް ވަސިއްޔަތްކޮށް ނަސޭހަތްތެރިވަން، އަދި މިފަދަ މުންކަރާތްތައް ހުއްޓުވައިދެއްވުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވަން" އަދާލަތުގެ ބަޔާނުގައި ވެއެވެ.
އަދާލަތުން ބުނީ އިސްލާމްދީނުގެ އަސްލު އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ކުރެވޭ ކަންކަން ހުއްޓުވައި، މިކަންކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ލަސްނުކޮށް އެފަރާތްތަކަށް ފިޔަވަޅު އަޅައިދެއްވުމަށް ހުރިހާ މުއައްސަސާތަކަށް އަދާލަތުން ވަނީ ގޮވާލާފަ އެވެ.
އުތެމަ ޖަމިއްޔާއާ ގުޅޭ ގޮތުން އަދާލަތުން މިފަދަ ބަޔާނެއް ނެރުނު އިރު، ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވީ އަދާލަތުގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ. އަދި ހޯމަ މިނިސްޓަރު ކަމުގައި ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އެވެ. އަދާލަތަކީ ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު