އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 3-0 ގެ ނަތީޖާ އަކުން ބްރައިޓަން ބަލިކޮށްފިއެވެ.
މި މޮޅާ އެކު ޔުނައިޓެޑް ވަނީ 52 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފައެވެ. ރޭގެ މެޗްގެ ފުރަތަމަ ހާފުގައި މެންޗެސްޓާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ގޯލް ކާމިޔާބު ކޮށްފައެވެ.
މެޗްގެ 16 ވަނަ މިނެޓުގައި ބްރައިޓަންގެ އޭރިއާގެ ބޭރުން ވަމްބިސާކާ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ވަރަށް ރީތިކޮށް ކޮށްޓާލާފައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް މެންސަން ގްރީން ވުޑް އެވެ.
މެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުނައިޓެޑަށް ލިބުނެވެ. މެޗްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 29 ވަނަ މިނެޓުގައެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. އޭނާ މިލަނޑު ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ޔުނައިޓެޑުން އެމީހުންގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ މެޗްގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މެޗްގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ބްރޫނޯ ފެނާންޑޭޒް އެވެ. އޭނާ މި ގޯލް ކާމިޔާބު ކޮށްދިނީ މެޗްގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިން ފޯވާޑް މެންސަން ގްރީން ވުޑްގެ އެހީތެރިކަމާއި އެކު އެވެ.
ލީގު ތާވަލަށް ބަލައިލާއިރު ތާވަލުގެ މިއަހަރުގެ ލީގު ލިވަޕޫލް ކާމިޔާބު ކޮށްފައިވާއިރު ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓް ލިބިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި ލެސްޓާ ސިޓީ އޮތީ 55 ޕޮއިންޓް ލިބިގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު