ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ އެންއައިސީއަށް ފުލުހުންގެ އެއްބާރުލުން ލިބެމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ކޮމިޝަނުން މިއަދު ބުނެފައިވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން މިހާތަނަށް އެންއައިސީން ފުލުހަށް ފަސް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައި ނުވާ ކަމަށެވެ.

"އެއިން އެއްވެސް ސިޓީއެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައެއް ނުވޭ، އަދި މިހާތަނަށް އެދިފައިވާ ކަންކަމަށް ފުރިހަަމައަށް އެއްބާރުލުން ދީފައިވާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ މީސް މީޑިއާގައި ފެންމަތިވުމާއެކު ކޮމިޝަނުން އިސް ނަގައިގެން މައްސަލަ ބަލަން ފެށި ކަމަށާއި އެގޮތުން ބައެއް ފުލުހުންގެ ބަޔާންތައްވެސް މިހާތަނަށް ނަގާފައިވާ ކަމަށެވެ.

ކެންޔާ އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.