ކޮވިޑްގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ދައުލަތުގެ އަހަރީ މާލީ ހިިސާބުތައް ހުށަހެޅުމަށާއި، އެ ހިސާބުތައް އޮޑިޓް ކުރުމަށް އޮންނަ މުއްދަތު ފަސްކޮށްދިނުމަށް އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އޮޑިޓް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވި ބިލު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ބިލު އަނބުރާ ގެންދިޔަ ސަބަބެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.

އޮޑިޓް ގާނޫނުގައި ބުނަނީ، ކޮންމެ މާލީ އަހަރެއް ނިމޭތާ 14 ދުވަސް ތެރޭގައި ދައުލަތުގެ އަހަރީ މާލީ ހިސާބުތައް ފިނޭންސް މިނިސްޓްރީން އޮޑިޓާ ޖެނެރަލްއަށް ފޮނުވަން ވާނެ ކަމަށެވެ.

އޮޑިޓާ ޖެނެރަލް އެ ހިސާބުތައް އޮޑިޓްކޮށް، ތިން މަސް ދުވަސް ތެރޭގައި މަޖިލީހަށާއި، ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވަން ޖެހޭ ކަމަށް ވެސް ގާނޫނުގައި ވެއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ޔައުގޫބް ހުށަހެޅުއްވި ބިލުގައި ބުނަނީ، ގާނޫނު އަސާސީގައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކާރިސާއެއްގެ ހާލަތެއް ދިމާވެއްޖެނަމަ، މުއްދަތުތައް ހަ މަސް ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށް އިތުރު ކުރުމުގެ ބާރު އޮޑިޓަ ޖެނެރަލްއަށާއި މަޖިލީހަށް ލިބޭ ގޮތަށް ހެދުމަށެވެ.