އިޒްރޭލުގައި އަންގާރަ ދުވަހު ބޭއްވުނު އިންތިޚާބުގެ ހަގީގީ ނަތީޖާއަކީ ކޮބައިބާވައެވެ. ބެންޖަމިން ނަތަންޔާހޫ ބަލިވެެއްޖެ ހެެއްޔެވެ. ރަސްމީ ނަތީޖާ ހާމަކުރާނީ ނޮވެމްބަރު ހަތަރެއްގައެވެ. މިހާތަނަށް އެނގިފައިވާ މިންވަރަކީ އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެެއް ނުނެގުނު ކަމެވެ. ނަތަންޔާހޫގެ ފިކުރުގެ ޕާޓީތަކަށް މަޖިލީހުގެ ފަންސާސްއެކެއް އިންސައްތަ ލިބޭނޭ ކަމަށް ބެލެވިފައިވާއިރު އޭނާޔާ ދެކޮޅު ފިކުރުގެ މީހުންނަށް ނެގޭނޭ ކަމަށް އަންދާޒާ ކުރެވެނީ ގިނަވެގެން މަޖިލީހުގެ 49 އިންސައްތަ ގޮނޑިއެވެ. މީގެ މާނަޔަކީ އަނެއްކާވެސް ކޯލިޝަން ސަރުކާރެއް އުފަންވުމެވެ. އަސްވިއްކައި ލަގަން ވިއްކުމުގެ ބާޒާރެއްގެ ތެރެއިން ނަތަންޔާހޫ އަނެއްކާވެސް އައު ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާކުރުމަށް ފުރުސަތު ހުޅުވިފައި އޮތުމެވެ. ކަނާތުފިޔައިގެ ޕާޓީތަކަށް ރައްޔިތުން އާނއެކޭ ބުނެފިކަމަށާއި އެހެންވީމާ ކަނާތުފިޔައިގެ އެންމެން ގުޅިގެން އޭނާގެ ޒައާމަތުގެ ދަށުގައި އައު ކޯލިޝަނެއް ހަދައިގެން ސަރުކާރު އެކުލަވައިލަންވީއޭވެސް ނަތަންޔާހޫ ބުނެފިއެވެ.
އިޒްރޭލުގައި ބޭއްވުނު މި އިންތިޚާބަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޒައާމަތު ދަމަހައްޓަން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ރިފަރެންޑަމެކެވެ. ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި ބަރިބަރިޔަށް ދައުވާ އުފުލިފައިވެއެވެ. އިޒްރޭލުގެ އަދުލުއިންސާފުގެ ދާއިރާޔަށް އުނދުޅި ބޭނުމާއި ވައްކަމާއި ރިޝްވަތުގެ ކަންކަން ތިލަވެގެން އައިސްފައިވުމާއެކު ރައްޔިތުންގެ ވަރަށް ގިނަބަޔަކު ތިބީ ނަތަންޔާހޫއާ މެދު ނުރުހިފައެވެ. ނަތަންޔާހޫއާމެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ވުމުގެ ބަދަލުގައި އޭނާގެ މުޅި ކެމްޕޭނު ބިނާކުރީ ފަލަސްތީނުގެ ރައްޔިތުންނާމެދު ނަފުރަތު އުފައްދައި އިސްލާމީ ދުނިޔެއާ ދިމާކުރުމަށް ކުރާނޭ ކަންކަމުގެ މައްޗަށެވެ. ނަތީޖާއެއްގެ ގޮތުން މިފަހަރުގެ އިންތިޚާބު ވެގެންދިޔައީ އިޒްރޭލުގެ މުޅި ތާރީޚުގައިވެސް މިހާތަނަށް ބޭއްވުނު އެންމެ ރޭސިސްޓް އިންތިޚާބު ކަމުގައެވެ. ސިޔާސީގޮތުން ނަތަންޔާހޫއާ ދެކޮޅު އެންމެން އޭނާ ސިފަކުރަމުންދިޔައީ ޔަހޫދީ މާސްކެއް އަޅައިގެން ފޮރުވިގެން ތިބި ފަލަސްތީނުގެ މިތުރުންގެ ގޮތުގައެވެ.
ނަތަންޔާހޫ އެގޮތަށް ބުނަމުންދިޔައަސް ބޮޑުވަޒީރު ކަމަށް ފައިނަގައިގެން ކެމްޕޭނު ކުރަމުންދިޔަ އިސް ކެންޑިޑޭޓުންގެ ތެރެއިން ހަމައެކަކީވެސް ފަލަސްތީނުގެ ރައްޔިތުންގެ މިތުރެއް ނޫނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެެއް އުފެދުމަށް ތާއީދުކުރާ އެއްވެސް ކެންޑިޑޭޓަކު ނެތެވެ. އެންމެންނަކީވެސް ފަލަސްތީނުގެ ބިމުގައި ޔަހޫދީ އާބާދީތައް ގާއިމުކުރުމާއި އިތުރު ކުރުމަށް ގަދައަޅައި ވަކާލާތުކުރާ އަދި ކުރި މީހުންނެވެ. ހަމައެޔާއެކު ނަސްލީ އަދި ދީނީ ތަފާތުކުރުންތައް ދަމަހައްޓަން ބާރުއަޅާ މީހުންނެވެ. އިއްޔެވެސް މިއަދުވެސް އިޒްރޭލުން އެގެންދަނީ ގާޒާގައި ގަތުލުއާއްމު ހިންގަމުންނެވެ. ހުޅަގުއައްސޭރިޔާއި ގާޒާގައި ނަސްލު ނައްތައިލުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ. ލުބުނާނުގެ ދެކުނަށް އަރައި އެތަނުގައިވެސް ޖަރީމާތައް އެގެންދަނީ ހިންގަމުންނެވެ. އެކަމަކު މިއިން އެއްވެސް ޖަރީމާއަކީ މި އިންތިޚާބުގައި ވާހަކަ ދެކެވުނު ކަމެއް ނޫނެވެ.
އެންމެންވެސް ބެލީ އެއީ ކުރަންޖެހޭ ކަންކަމުގެ ގޮތުގައެވެ. ކެމްޕޭނު ނުގުތާތަކެއް ކަމުގައި ނުވީ އެހެންވެއެވެ. އިޒްރޭލުގައި ރޭސިސްޓް ބަޔަކީ ހަމައެކަނި ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ބައިވެރިންނެެއް ނޫނެވެ. މުޅި އިޒްރޭލަކީވެސް ރޭސިސްޓް ދައުލަތެކެވެ. މުޅި ނިޒާމު ބައްޓަން ކުރެވިފައިވަނީ ނަސްލީ އަދި ދީނީ ތަފާތުކުރުންތަކުގެ މަތީގައެވެ. އިޒްރޭލުގެ ގާނޫނުއަސާސީވެސް ރޭސިސްޓެވެ. މިހެން ބުނަންޖެހޭ ސަބަބުތައް ބައިވަރެވެ. މި ގާނޫނުއަސާސީ ބަޔާންކުރާ ގޮތުން ޔަހޫދީން ނޫންބަޔަކަށް އަމިއްލަ ކުރިމަގު ކަޑައަޅައި ނިންމުމުގެ ހައްގެެއް ނެތެވެ. އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ދައުލަތެކެވެ. އެހެންވީމާ އެ ދައުލަތުގައި އަރަބީންގެ މައްޗަށް ހުރިހާ ގޮތަކުންވެސް ޔަހޫދީން އިސްވެގެންވެއެވެ. އިޒްރޭލުގައި ދިރިއުޅުނަސް، އިޒްރޭލުގެ ރަށްވެހިކަމާއި ޕާސްޕޯޓު އޮތަސް ޔަހޫދީއެއް ނޫންމީހަކަށް ރަށްވެހިކަމުގެ ފުރިހަމަ ހައްގެއް ނެތެވެ. ކުރުގޮތަކަށް ބުނަންޏާ އިޒްރޭލަކީ އެންމެން ހަމަހަމަ ގައުމެއް ނޫނެވެ.
އެންމެން ހަމަހަމަ ނުވިޔަސް އަދި ނުކުރިޔަސް އިޒްރޭލުގެ ޖުމްލަ އާބާދީގެ އެކާވީސް އިންސައްތަޔަކީ އަރަބީންނެވެ. ވަކިން ޚާއްސަކޮށް ފަލަސްތީނުގެ އަރަބީންނެވެ. އެކަމަކު އެ އެންމެންނަކީވެސް ހަތަރުވަނަ ދަރަޖައިގެ ރައްޔިތުންނެވެ. ނިޒާމުގެ ކުރިމަތީގައެވެ. ގާނޫނުގެ ކުރިމަތީގައެވެ. އިޒްރޭލަކީ ހުރިހާ ރައްޔިތުން ހަމަހަމަވެގެންވާ ގައުމެެއް ކަމަށް ހެދުމަށް މަސައްކަތް ކުރުމާއި ވަކާލާތު ކުރުމަކީވެސް ކެންޑިޑޭޓުންނާއި ޕާޓީތަކަށް ގާނޫނީގޮތުން މަނާވެގެންވާ ކުށެކެވެ. އިންސާނުންނަކީ ހަމަހަމަ ވެގެންވާ ބައެއްކަމަށް ބަޔާންކޮށް އަސާސީ ގަވާއިދެއް އެކުލަވައިލި ޕާޓީއެއް ރަޖިސްޓްރީވެސް ނުކުރެވޭނެއެވެ. އެހެންވީމާ މިހާރު އެފެންނަ ހުރިހާ ޕާޓީތަކަކީވެސް ޔަހޫދީންގެ މޮޅުކަމާއި އިސްކަމުގެ މައްޗަށް ގަދައެޅުމުގެ ފިކުރުގެ މަތީގައި އުފައްދައި އޮޕަރޭޓްކުރާ ޕާޓީތަކެކެވެ. ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެބިންތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ އެންމެހައި ޔަހޫދީންނަށް ވޯޓުލެވެއެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އެކަމަކު ހަމަ އެސަރަހައްދުތަކުގައި އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަކަށް ވޯޓެއް ނުލެވެއެވެ. އެހައްގެެއް ނެތެވެ. ގާޒާޔާއި ހުޅަގުއައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ އެންމެންނަކީ ވޯޓުލުމުގެ ހައްގު ނިގުޅައިގަނެވިފައިވާ ބައެކެވެ. އެނޫން ހިސާބުތަކުގައި އިޒްރޭލުގެ ރަށްވެހިކަން ލިބިފައިވާ އަރަބިން އުޅުނަސް އަދި ވޯޓުލެވުނަސް އެއީ ޔަހޫދީންނަށްވުރެ ދަރަޖަޔާއި ހައިސިއްޔަތު ކުޑަ ބައެކެވެ. ނިޒާމުގެ ކުރިމަތީގައެވެ. ގާނޫނުގެ ކުރިމަތީގައެވެ. މިކަންކަން މިހެން ހުރުމުން އިޒްރޭލަކީ މިއުޑުދަށުގައިވާ އެންމެ ރޭސިސްޓް ދައުލަތެވެ. ގައުމެވެ. ނަމުން ޑިމޮކްރަސީއެވެ. ކަމުން ނަސްލީ ތަފާތުކުރުމުގެ ހުތުރު މޫނެކެވެ. ދެކުނު އެފްރިކާގައި ދޮންމީހުން ވެރިކަންކުރި ޒަމާނުގައި ކަންކަން ހިންގި ގޮތަށްވުރެވެސް އިޒްރޭލުގައި އެކަންކަން މާބޮޑެވެ. ގޯސްވަނީ މި ހަގީގަތް ފާޅުކުރާ މީހުންނެވެ. އެންޓިސެމިޓިޒަމަކީ މިހާރު އިޒްރޭލުގެ އަނދިރި ފަރާތް ކިޔައިދިނުމަށް ދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތަކެވެ.
ސިނާން އަލީ
އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ
އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ
އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ
އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ
ކޮމެންޓް