ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫއާ ގުޅިގެން މިރެއިން ފެށިގެން އެމްޕީއެލް ސަރަހައްދުގެ މަގު ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ، މަގުގެ މަސައްކަތަށް މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދު ޓްރެފިކަށް ބަންދުވާނެ ކަމަށް އިއުލާންކޮށްފައެވެ.

ފުލުހުން ވަނީ އެ ސަރަހައްދުން ދުއްވާ ފަރާތްތަކުން، އާންމުކޮށްފައިވާ ޗާޓާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން، މަގުތަކުގައި ބެހެއްޓިފައި ހުންނަ ޓްރެފިކް ނިޝާންތަކަށް ސަމާލުކަންދީ، އެއާ އެއްގޮތަށް އުޅަނދުތައް ދުއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، އެމްޕީއެލް ސަރަހައްދު ބޮޑުތަކުރުފާނު މަގުގެ އިތުރުން އައްސޭރި ހިނގުން ވެސް މިރެއިން ފެށިގެން ބަންދުވާނެއެވެ. މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ޒަމާނީ ފަސޭހަތަކެއް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.