'ކަލްކީ 2898 އޭޑީ' ގެ ދެވަނަ ބައިގައި ބޮލީވުޑްގެ ތަރި އާލިއާ ބަޓް ހަރަކާތްތެރިވާނެ ކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން، އެ ފިލްމުގެ ޓީމުން އެކަން ދޮގުކޮށްފިއެވެ.

މި އަޑުތައް ފެތުރެން ފެށީ، ފިލްމުގެ ފުރަތަމަ ބައިގައި 'ސުމަތީ' ގެ ރޯލު ކުޅުނު ދީޕިކާ ޕަދުކޯން މި ފްރެންޗައިޒުން ވަކިވިކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިއުލާނު ކުރުމާ ގުޅިގެންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އާލިއާ ވަނީ ދީޕިކާގެ ބަދަލުގައި ސުމަތީގެ ރޯލަށް ހަމަޖައްސައިފައެވެ. އަދި އަނެއްބައި ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ކުޅޭނީ މުޅިން އާ ރޯލެކެވެ. މީގެ އިތުރުން، ހައިދަރްއާބާދުގައި އާލިއާ ފިލްމުގެ ބައެއް މަންޒަރުތައް ނަގައިފައިވާ ކަމަށް ވެސް އަޑުފެތުރުނެވެ.

ނަމަވެސް، ފިލްމުގެ ޓީމުގެ ތަރުޖަމާނަކު 'ހިންދުސްތާން ޓައިމްސް' އަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި، އާލިއާ އެއްވެސް މަންޒަރެއް ނަގައިފައެއް ނުވެއެވެ.

"އަދި ރަސްމީކޮށް އެއްވެސް ކަމެއް ނުނިންމާ. މީހަކު މީސްމީޑިއާގައި ޕޯސްޓެއް ކުރީމާ އެހެން މީހުން އެ ހަބަރެއްގެ ގޮތުގައި ކޮޕީކުރީ. އޭނާ ފިލްމުގައި ހިމެނުމާ ގުޅޭ ގޮތުން އަދި އެއްވެސް ކަމެއް ޔަގީނެއް ނޫން،" ތަރުޖަމާނު ބުންޏެވެ.

ފިލްމު އުފައްދާ ކުންފުނި 'ވައިޖަޔަންތީ މޫވީސް' އިން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދީޕިކާއާ އެކު ކުރިއަށް ނުދާން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ފުރަތަމަ ފިލްމުގެ ދިގު ދަތުރުގައި ވެސް ދެ ފަރާތަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ.

ފިލްމުގެ ޑައިރެކްޓަރު ނާގް އަޝްވިން ވެސް މީގެ ކުރިން ބުނެފައި ވަނީ، ސުމަތީގެ ރޯލު ކުޅޭނެ ތަރިއަކު ފަހުން އިއުލާނު ކުރާނެ ކަމަށާއި މިހާރު ދެކެވެމުންދާ ވާހަކަތަކަކީ ހަމައެކަނި ލަފާކުރުންތަކެއް ކަމަށެވެ.