ޔަމަންގެ ހޫތީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި މާލީ މަރުކަޒުގެ އިތުރުން ދެކުނުގެ ޖީޒާން އަދި ޚަމީސް މުޝައިތަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި، ރިޔާދުގެ މުހިންމު ތަންތަނަށް ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ކްރޫޒް މިސައިލް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ޖީޒާންގެ ސަރަހައްދަށް ބެލިސްޓިކް މިސައިލް އަދި ޚަމީސް މުޝައިތުގައިވާ އަސްކަރީ ބޭހަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާތަކަކީ ޔަމަންގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ސައޫދީން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް ހޫތިީން ބުނެއެވެ. ނަމަވެސް، މި ހަމަލާތަކުން ލިބުނު ގެއްލުމުގެ ތަފްސީލެއް ނުވަތަ އެކަމުގެ އެއްވެސް ހެެއްކެއް އެ ޖަމާއަތުން ހާމަކޮށްފައެއް ނުވެއެވެ.
މި ކަމާ ގުޅިގެން ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފައްދާފައިވާ ކޯލިޝަނުން ބުނީ ރިޔާދާ ދިމާއަށް ދަތުރުކުރި ދެ ކްރޫޒް މިސައިލާއި، ރިޔާދާއި ސައޫދީގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯން ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ސައޫދީ ކަމާބެހޭ އިދާރާތަކުން ކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ހޫތީން ވަނީ ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.
ކޮމެންޓް