ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސްގެ ތެރެއިން، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު އެ ބިލް ވީދާލައިފިއެވެ.

އެ ބިލްގެ ބަހުސްގައި މެންދުރުފަހުގެ ދަންފަޅީގައި މެންބަރަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަަމަށެވެ.

އެގޮތުން އެ ބިލަކީ ރަސްމާލޭން ބައެއް ބޭރުގެ ބަޔަކަށް ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

މައުރޫފް ވިދާޅުވީ، ރަސްމާލެ ހިއްކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް މުޅި ހައްލެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ. އަދި ރަސްމާލެ ބިލުން އެންމެ ވެލިފުކެއްވެސް ހިލޭވެސް އަދި ކުއްޔަށްވެސް، ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަަމށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން އެންމެ ލޯ ލާރިއެއްވެސް ހަަރަދުނުކޮށް އެތަން ހިއްކާނެ ވާހަކަވެސް ވިދާޅުވުމަށްފަހު ރައްޔިތުންގެ ކުރިމަތީގައި، ރައީސް މުއިއްޒު އިތުރުފުޅު ހައްދަވައި، ރަސްމާލެ ހިއްކަންދިޔަ ހަރަދުވެސް ނުލިބޭގޮތަށް ބޭރުގެ ބަޔަކަަށް އެތަން ދޭން ނިންމާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ. އަދި އެތަން ދޫކޮށްލަނީ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭގޮތަށް ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިފަހުގެ ތާރީހުގައި އިސްތިއުމާރީ ބާރުތަކުން ގައުމުތަކަށް ސަވާރުވަނީ، އިގުތިސާދީ ގޮތުން ގައުމުގެ ހާލަތު ދަށްވެފައިވާ ވަގުތުތަކުގެ ފައިދާ ނަގައިގެން ކަމަށެވެ. އެހެންކަމުން ރަސްމާލެ ޕްރޮޖެކްޓަކީ އެފަދަ ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެގޮތަށް މައުރޫފް ވާހަކަދައްކަވަނިކޮށް އަޑު ކެނޑުނެވެ. ބެލެވޭ ގޮތުގައި ވާހަކަދައްކަންދިން ފުރުސަތުގެ ވަގުތު ހަމަވީއެވެ. ނަމަވެސް ކޮޅަށް ހުންނަވައި އިތުރަށް ފުރުސަތު ހޯއްދެވުމަށް ކުރި މަސައްކަތުން ރިޔާސަތުން ދިން ފުރުސަތުގައި، އަނެއްކާ ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

މައުރޫފް ވިދާޅުވީ، ބިލަށް ވާހަކަދައްކަން އެ މެންބަރަށް ފުރުސަތު ނުދޭން މަސައްކަތް ކުރަމުންދާ ކަަމަށެވެ. އެއާއެކު ބިލް ވިދާލާނީ ކަމަށް ވިދާޅުވެ ބިލް ވީދާލެއްވިއެވެ.

އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މައުރޫފަށް އިންޒާރުދެއްވިއެވެ. މައުރޫފް ކުރެއްވީ މަޖިލިސް ގަވާއިދުގައި މަނާކަމެއް ކަމަށާއި، އަދި މަޖިލީހުގެ ގަވާއިދާ ހިލާފުނުވުމަށް މެންބަރަށް ދެންނެވިއެވެ.

އެއާއެކު މަޖިލިސް ރައީސް ވިދާޅުވީ، މައިކު ކަނޑާލެއްވީ މެންބަރު ވާހަކަދައްކަވަން ދިން ވަގުތު ހަމަވުމުން ކަމަށާއި، ބިލް ވީދާލެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ އެދިވަޑައިގަތުމުގެ މަތިން ދިން އިތުރު ފުރުސަތުގައި ވާހަކަދައްކަވަމުން ކަމަށެވެ.

ނަމަވެސް މައުރޫފް ވިދާޅުވީ، މަޖިލީހަށް އަންނަނީ ބަހުސް ކުރަން ކަމަށާއި، އެކަމަށް ރިޔާސަތުން ފުރުސަތު ދެއްވަންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކާ މެދު އިއުތިރާޒު ކުރާކަން ނުވަތަ ނުރުހުން ފާޅުކުރާކަން މަޖިލީހަށް ދެއްކުމުގެ ގޮތުން އެއްވެސް ލިޔުމެއް ވީދާލުން ނުވަތަ އެއްލާލުމަކީ މަޖިިލިސް ޖަލްސާއެއްގައި ކުރުން ހުއްދަ ކަމެއް ނޫނެވެ. އެފަދަ މައްސަލަތަކަށް ގަވާއިދުގައި އޮންނަނީ ސުލޫކީ ފިޔަވަޅު އެޅުމެވެ.