ޓެކްސްގެ އަދަދު އެޕީލްކުރުމުގެ ކުރިން، އިއުތިރާޒުކުރާ އަަދަދުގެ 100 ޕަސެންޓް ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް، މަޖިލިސް ތަޅުމަށް މިއަދު ހުށަހެޅީ ސަރުކާރުން ފޮނުވި ގޮތަށް އެއްވެސް އިސްލާހެއް ނުގެނަހެވެ.

ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބިލު ފާސްކުރީވެސް ބަދަލެއް ނުގެނަހެވެ.

މި ބިލް ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި، 67 މެންބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އަައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއެކު، އެވަގުތު ޖަލްސާގައި ތިއްބެވި އިދިކޮޅު އެމްޑީޕީ މެންބަރުން ހިމެނޭހެން 12 މެންބަރުން ވޯޓު ދެއްވީ ބިލު ފާސް ނުކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޓެކްސް ދައްކާ ފަރާތަކުން ދައްކަން ޖެހޭ ޓެކްސްގެ އަދަދު މީރާއިން ކަނޑައަޅައި، އެފަދައިން ކަނޑައަޅާ އަދަދާ މެދު އިއުތިރާޒުކޮށް މީރާގެ ނިންމުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ހާލަތުގައި، އިސްތިއުނާފުގެ އެފަދަ މައްސަަލަތައް ހުށަހެޅުމުގެ ކުރިން މީރާއިން ކަނޑައެޅި އަދަދުގެ ތެރެއިން އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކަން ޖެހޭނެ ހާލަތްތައް ކަނޑައެޅުން ކަމަށެވެ.

ބިލުގައި ބުނެފައިވަނީ، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަަނޑައަޅާ ޓެކުހުގެ އަދަދާ ގުޅިގެން ނަމަ، އެ މައްސަލަ އިސްތިއުނާފު ކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ 50 ޕަސެންޓާ އެއްވަރުގެ އަދަދެއް ދައްކައި ނިންމުމަށް ފަހުގައި ކަމަށެވެ. އަދި އިއުތިރާޒުކުރާ އަދަދުގެ 100 ޕަސެންޓް ދައްކާން ޖެހޭ ހާލަތުތައް ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.

ނަމަވެސް މީރާއިން ކަނޑައަޅާ އަދަދުގެ ނަތީޖާއަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކުރިއަށް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ އަދަދު ކުޑަވުން ކަމަށް ވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް މީރާއަށް އަދަދެއް ދައްކަން ނުޖެހޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލު ގާނޫނަކަށް ވުމުން އެކުލަވައިލާން ޖެހޭ ގަވާއިދުތަކާއި، ގެންނަން ޖެހޭ އިސްލާހުތައް ގެނެސް 90 ދުވަހުގެ ތެރޭގައި އެ ބަދަލުތައް ގެޒެޓުގައި ހިމަނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ތަންފީޒުކޮށް ގެޒެޓުގައި ޝާއިއުކުރާ ހިސާބުންނެވެ.