އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭނީ، 1,500,000 (1.5 މިލިއަން) ރުފިޔާއަށްވުރެ މަތިން ލިބޭ ވިޔަފާރިތައް ކަަމަށް ކަނޑައަޅައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ މަޖިލީހަށް ހުށަހެޅުއްވި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި، 67 މެންބަރުގެ ތެރެއިން އިދިކޮޅު އެމްޑީޕީ މެންބަރުން ހިމެނޭހެން، ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުންނެވެ.
މި ގާނޫނު އެ ފަރާތެއްގެ މައްޗަށް ހިނގާ ފަރާތްތަކުގެ ތެރެއިން، ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި މިހާރު އޮންނަ އިރު، އެންމެ ފުރަތަމަ ޝަރުތެއްްގެ ގޮތުގައި މިހާރު އޮންނަނީ، އެއްވެސް 12 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ވިޔަސް ދިވެހިރާއްޖޭގައި އެ ފަރާތުގެ ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ހުރި ފަރާތަކުން ދިވެހިރާއްޖޭގައި ފޯރުވައިދިން މުދަލާއި ހިދުމަތުގެ ޖުމްލަ އަގު 1,000,000 ރުފިޔާއަށްވުރެ އިތުރުވުން ނުވަތަ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ފަރާތްތައް ކަމަށެވެ.
ނަމަވެސް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަށް ސަރުކާރުން ރައްޔިތުންގެ މަލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކުރި އިރު، އެ ބިލުގައި ކަނޑައަޅާފައި ވަނީ، އެ ގޮތަށް ވިޔަފާރި ޖަރިސްޓްރީ ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އުސޫލަށް އަަމަލު ކުރާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށެވެ.
އަދި އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން، މީރާގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނީ، 12 މަސްދުވަހުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ޖުމްލަ އަގު، 1،500،000 ރުފިޔާއަށްވުރެ އިތުރުވާ ނަމަ، ނުވަތަ އިތުރުވާނެކަަމަށް ލަފާކުރެވޭނަމަ ކަމަށްވެސް ވަނީ ގާނޫނަށް ބަދަލު ގެނަސް މަޖިލީހުން މިއަދު ފާސްކޮށްފައެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ހިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުމަށްޓަކައި، ގާނޫނުގައި އެ ޓެކްސްއާބެހޭ ގޮތުން ހިމަނާފައިވާ ހުރިހާ މާއްދާތަކެއް ގާނޫނުން އުނިކުރަންވެސް މި ބިލުގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް