ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ސިމްރާއާއި ބައްދަލުވުމާއެކު، ސިމްރާ އާދަޔާ ޚިލާފަށް ނެގިމަޑުވެފައި ހުރިކަން ރުއުޔާއަށް ފާހަގަ ކުރެވުނެވެ. އެހެން ދުވަސްތަކާއި ޚިލާފަށް ކޮފީ ލިބުމުން އޮފީހަށް ދިއުމުގެ ބަދަލުގައި ސިމްރާ ގޮސް އިށީނީ ކެފޭގެ ބޭރުގައި ހުރި މޭޒެއްގައެވެ. ދުވަހަކީ މޫސުން ރީތި ދުވަހެކެވެ. އުޑުމަތި ސާފުވެފައި ފިނި ރޯޅިތައް ޖެހެ އެވެ.

''އަނެއްކާ ކައިސަންގެ ކަންތައްތަ؟...'' ސިމްރާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ރުއުޔާ ސުވާލުކޮށްލިއެވެ.

ކޮފީބޮމުން ސިމްރާ ބޯހޫރާލިއެވެ. އެހެންޏާ ކޮފީން ލިބޭ ހިތްހަމަޖެހުމެއް މިއަދަކު ނުލިބުނެވެ. ފާޑަކަށް ފޫހިވެ މީހާ ނެގިމަޑުވެއްޖެއެވެ. އެހުރިހާ ބަދަލަކާ ގުޅިފައިވަނީ ޒުވައިލް އެވެ. މިއަދު ހެނދުނު އޮތް މީޓިންގްއިން ބައްދަލުވާނެތީއެވެ. ހަމައެއާއެކު ޕްރޮޖެކްޓް ނިމެންދެން ގަވައިދުން ޒުވައިލްއާއި ދިމާވާނެއެވެ. އެޚިޔާލުން އެކަނި ވެސް ސިމްރާއަށް މޫނު ހަދާލެވުނެވެ. މި ދުވަސްތަކަށް އަވަހަށް ނިމުމެއް އަންނާނެއް ހެއްޔެވެ؟

''ދެން ބުނެބަލަ؟، އޭނަ އެއްޗެކޭ ބުނީތަ؟...'' ސިމްރާގެ ހިމޭންކަމުގެ މާނަ ރުއުޔާއަށް ދޭހަކުރެވުނީ ގޯސްކޮށެވެ.

''ނޫން!...'' ފުންނޭވާއަކާއެކު ސިމްރާ ބުނެލިއެވެ. އަތުގައި އޮތް ޓޭކްއަވޭ ކަޕް މޭޒުމަތީ ބަހައްޓަމުން، ރުއުޔާއަށް ސިމްރާ ނަޒަރެއް ދިނެވެ.

ސިމްރާއަށް ބަލަމުން ރުއުޔާ ނިތްއަރުވާލީ އޮޅުންފިލުވައިދުމުގެ އިޝާރެއްގެ ގޮތުންނެވެ.

''ފާޑެއްގެ ފޫހި މީހަކާ ދިމާވީ!...'' ތުންއަނބުރާލަމުން ސިމްރާ ބުނެލިއެވެ.

''ކާކުތަ؟...'' ސިމްރާ މޫނު ހަދާލި ގޮތުން ރުއުޔާ ހައިރާން ވިއެވެ.

''ސަމްވަން ފްރޮމް ދި ޕާސްޓް!...'' މޭގައި އަތް ހުރަސްކޮށްލަމުން ސިމްރާ ބުނެދިނެވެ. އެއާއެކު ރުއުޔާ އިތުރަށް ޝައުޤުވެރިވެއްޖެއެވެ.

ސިމްރާ ކިޔައިދިނެވެ. ޒުވައިލްއާއި އޭނަގެ މާޒީ ހިއްސާކުރަމުންނެވެ. މާޒީގެ ސަފުހާތައް ހިއްސާކުރުން މުހިންމު ކަމަކަށް ވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ނަމަވެސް ހަޤީޤަތް އައިސް ކުރިމަތިން ބައްދަލުވެ، ސިކުނޑީގައި އެފެދެމުންދާ ޚިޔާލުތައް ގިނަވެ މީހާގެ ހަމަޖެހުން ގެއްލެން ފަށައިފިއެވެ. ރުއުޔާއާއި ހިއްސާކޮށްގެން ޚިޔާލުތައް ހަމައަކަށް އެޅިދާނެކަމަށް އޭނަ އުއްމީދުކުރިއެވެ.

''ލެޓް މީ ގެޓް ދިސް!...'' ސިމްރާގެ ވާހަކަ ނިމެންދެން ހިމޭނުން އިނދެފައި ރުއުޔާ ބުނެލިއެވެ. އެއްފައި މައްޗަށް އަނެއްފައިލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ.

''ސިމީގެ ކުރީގެ ކްލާސްމޭޓަކާ ބައްދަލުވުގެން ތިހާ ރުޅިގަދަވެގެން ތިއުޅެނީ؟...'' ރުއުޔާ ބުނެލިއެވެ. އޭނައަށް ސިމްރާގެ ވާހަކަތައް ކުޑަކޮށް މަޖާ ވިއެވެ. ޒުވައިލް ދެކެ ސިމްރާ އެހާ ރުޅިއަންނަން ޖެހޭ ސަބަބެއް އޭނައަށް ނުވިސްނުނީއެވެ. ސިމްރާ ދެއްކި ބަހަނާތައް ހަމައެއް ވެސް ނުޖެހުނެވެ.

''ހަމައެކަނި ކްލާސް މޭޓެއް ނޫން، އަހަރެންގެ އެނެމީ ނަންބާރ ވަން އެއީ...'' ސިމްރާ ބުންޏެވެ.

''އޯކޭ!، އެނެމީ ނަމްބާރ ވަން... އޯލް ދިސް އޯވާރ ހިމް ސިޓިންގް އިން ޔޯރ ސީޓް؟...'' ރުއުޔާއަށް އޭނަގެ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. އެއާއެކު ސިމްރާ ލޯއަޅާލައިފިއެވެ. ވަގުތުން ރުއުޔާ ހުނުން ހުއްޓާލަމުން ސީރިޔަސްވާން އުޅުނެވެ. އެހެނަސް އޭނަގެ ބަޑިފަޅައިގެން ގޮސްފިއެވެ.

''ކީއްވެގެންތަ ތިހެނީ؟، އިޓްސް ނޮޓް ފަނީ... ހީ ސްޓޯލް މައި ސީޓް!، އެއްވެސް މީހަކަށް ނުފެންނަހެން ސިކްރެޓް ލޮކޭޝަނެއްގަ ހުރި ސީޓެކޭ!... އަދި މަޢާފަށް އެދުނީއެއް ނޫނޭ، އެއަށްފަހު އަހަންނަށް ޖެއްސުންކުރަމުން އުޅުނީ، ވަރަށް ފޫހިވޭ...'' ބުމަކައިރިކޮށްލަމުން ސިމްރާ ބުނެލިއެވެ.

''ޕަބްލިކް ސްޕޭސްއެއްގަ އަމިއްލަ ސީޓެއް ނުހުންނާނެއެއްނު...'' ރުއުޔާ ބުނެލިއެވެ.

''އޭނަ ދިފާއުކުރަނީތަ؟...'' ސިމްރާ ކުޑަކޮށް ރުންކުރުވެއްޖެއެވެ.

''ދިފާއުކުރަނީއެއް ނޫން، ފެކްޓެއް ބުނެލީ، އޯކޭ، އޭނަ ސިމީގެ ސީޓް ނެގީ، އެކަމަކު ތިހާ ވަރަށް ރުޅިއަން ވަރުގެ ކަމެއް ނުކުރެއެއްނު؟، އެހެންނޫނަސް މިހާރު ހާދަ ގިނަ ދުވަހެއް ވެއްޖެއޭ، އައި ތިންކް އިޓްސް ޓައިމް ޔޫ ލެޓް ގޯ އޮފް ދި ހާޑް ފީލިންގްސް...'' ސުލްހަ ޤާއިމުކުރުމުގެ ނިޔަތުގައި ރުއުޔާ ބުނެލިއެވެ. އެއާއެކު ސިމްރާއަށް ވިސްނާލެވުނެވެ. ޒުވައިލް ދެކެ އޭނަ ހިތްހަމަނުޖެހޭ އަސްލު ސަބަބު ޚުދު އޭނައަށް ވެސް ނޭނގެއެވެ.

''މިހެން ބުނީމަ ރުޅި ނާންނައްޗޭ، އެއީ ވަރަށް ކުރިން ވެފަ އޮތް ކަމެއް ނޫންތަ؟... އެވަރު ކުޑަ ކަމެއްގަ ރުޅި އިސްކޮށްގެން އުޅުން ރަނގަޅެއް ނުވާނެ، ޔޯރ ބޯތް އެޑަލްޓްސް ވިތް ރެސްޕެކްޓެޑް ކެރިއާސް ނައު... ސިމީ ޖެހޭނެތާ ޒުވައިލްއާއެކު މަސައްކަތްކުރަން، ނުރުހުމުން އެކަމަށް އަސަރުކޮށްފާނެ، އަހަންނަށް ފެންނަނީ އާފެށުމަކުން ފަށަން، ސިމީ ބުނަނީ ކީކޭތަ؟...'' ރުއުޔާ ދިނީ ރަނގަޅު ނަސޭހަތެކެވެ. ސިމްރާއަށް ނުވިސްނެނީއެއް ނޫނެވެ. އޭނަގެ ހިތާއި ސިކުނޑިއާ ދެމެދު ވަރުގަދަ އަރިއިރުންވުމެއް އުފެދިފައި ވަނީ އެވެ. ހިތް ބޭނުންވަނީ ރުއުޔާ ބުނާފަދައިން އާފެށުމެކެވެ. ނަމަވެސް ސިކުނޑި ހަނދާން ކޮށްދެނީ ޒުވައިލް ދެކެ އޭނަ ފޫހިވާ ކަންތަކެވެ. ފަހުގެ ނިންމުމަށް އަންނަން އުނދަގުވީ އެހެންވެގެންނެވެ.

''ތިވަރަށް ވިސްނަންޏާ މައިގްރޭން އެޓޭކެއް އަތުވެދާނެ، މީ އަހަރެންގެ ޚިޔާލު އިނގޭ...'' ރުއުޔާ ބުނެލިއެވެ. ދެން އޭނަ ބަލައިލީ އަތުކުރީ އޮތް ގަޑި އަށެވެ. ގަޑިޖެހެން ކައިރިވުމުންދާތީ، ސިމްރާއަށް އޭނަ ގަޑި ދައްކާލިއެވެ.

''ޔޫ އާރ ރައިޓް... އައި ހޭވް ޓު ބީ ޕްރޮފެޝަނަލް...'' ސިމްރާ އެއްބަސްވުމުން ރައްދުގައި ރުއުޔާ ހިނިތުންވެލިއެވެ.

''ރަނގަޅު، މިހާރު ތީ އަހަރެން ދަންނަ ސިމީ، އެކަހަލަ ކުޑަ ކަންތަކުން މޫޑު ޚަރާބުވިޔަ ނުދެއްޗޭ...'' ސިމްރާގެ ނުގުޑާ އަޒުމަށް އަލިއަޅުވަމުން ރުއުޔާ ބުނެލިއެވެ. ސިމްރާ އެހުރި ހިސާބަށް އައުމަށް ދެއްކި ހިތްވަރު މަތިން ރުއުޔާ ހަނދާންކޮށްލަ ދިނެވެ.

''ސުވާލެއްކޮށްލަންތަ؟...'' އޮފީހަށް ވަންނަމުން ރުއުޔާ އަހާލިއެވެ. ''ރުޅި ނާންނައްޗޭ؟...''

''އަހާބަލަ...'' ލިފްޓްގެ ބަޓަނަށް ފިތަމުން ސިމްރާ ބުނެލިއެވެ.

''އިޒް ހީ ހޮޓް؟...'' ރުއުޔާ ސުވާލުކޮށްލިއެވެ.

ލިފްޓް ހުޅުވުމުން ސިމްރާ އެރީ ލިފްޓަށެވެ. އޭނަ އިހުތިޔާރުކުރީ ހިމޭންކަމެވެ. އެމަންޒަރު ފެނި ރުއުޔާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ރުއުޔާ ބާރަށް ހީނގަތުމުން ސިމްރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިފްޓަށް އަރަން އެހެން ބަޔަކު އައުމުން ރުއުޔާގެ އަތުގައި ހިފައި ދަމައިގަންނަމުން، ހުނުން ހުއްޓާލުމަށް ލޮލުން އިޝާރާތްކޮށްލިއެވެ.

''ސޯ ހީ އިޒް ގުޑް ލުކިންގް!، އަނެއްކާ ސިމީގެ ކްރަޝްއެއްތަ؟... އެހެންވެތަ ރުޅި އަންނަނީ؟...'' ސިމްރާއަށް އަޑުއިވޭނެހާ މަޑުން ރުއުޔާ ބުނެލިއެވެ. އެވަގުތު ރުއުޔާގެ ހިކަނދިމަސްގަނޑުގައި ސިމްރާ ބޮނޑިއެއް އަޅާލަމުން، އަނެއްކާ ވެސް މަޑުން ހުރުމަށް ބުނެލިއެވެ.

''ސިމީއަށް އެނގޭތަ، މީހުން ބުނެއެއްނު ނަފްރަތަކީ ލޯބީގެ ފެށުމޭ...'' ސިއްރުސިއްރުން ރުއުޔާ ދިމާކޮށްލިއެވެ.

ސިމްރާއަށް ލިބުނީ ސިހުމެކެވެ. މެޔަށް ފާޑެއްގެ ފިނިގަނޑެއް އަރައިގެން ދިޔަ އެވެ. އޭނައަށް އެވަގުތު ސިފަކުރެވުނީ ޒުވައިލްގެ ހިތްގައިމު ސޫރަ އެވެ. އެހިނިތުންވުމެވެ. ތޫނު ދެލޮލުގައިވާ ބާރެވެ. އެއާއެކު ހިތަށް ގޮތެއް ވާން އުޅުނެވެ. ދެފަރާތަށް ބޯހޫރާލީ އެޖަޒުބާތުތަކަށް ފުރުސަތު ނުދޭންވެގެންނެވެ. ހިތުގެ މައްޗަށް އޭނަގެ އަމިއްލަ ބާރު އޮންނާނެކަން ހަނދާންކޮށްދިނެވެ.

*****

ކެބިންއަށް ވަދެފައިއި ވެސް ރުއުޔާގެ ޖުމްލަ ހަނދާންނައްތާލެވޭ ގޮތެއް ނުވިއެވެ. މީޓިންގް އޮތް ގަޑި ކައިރިވަމުން ދިޔަ ވަރަކަށް ހިތަށް އުނދަގޫވާން ފެށިއެވެ. އެއީ ޒުވައިލްއާއި ބައްދަލުވާން ވަގުތު ކުޑަތަންވަމުންދާތީ އަންނަ ބަދަލެއް ހެއްޔެވެ؟ ރުއުޔާގެ ޖުމްލައިގައި ސިއްރެއް ފޮރުވިފައި އޮވެދާނެ ހެއްޔެވެ؟ ނަފުރަތަކީ ލޯބީގެ ފެށުމަކަށް ވެދާނެ ހެއްޔެވެ؟

''އެހެންނެއް ނުވާނެ، އަހަންނަށް ޒުވައިލް ކަމަކު ނުދޭ، ހީ އިޒް ޖަސްޓް އެނޯއިންގް!...'' ތުންދަމަލާފައި ސިމްރާ އޭނަގެ ޒަމީރަށް ބުނެލިއެވެ. ޒުވައިލްއާ މެދު އުފެދުނު ޝައުޤުވެރިކަން ސިމްރާ ގުޅުވާލީ ބޭރު ފުށުގެ ރީތިކަމާ އެވެ. ރީތި މީހަކު ފެނުމުން ބެލުމަކީ އިންސާނާގެ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ. އޭނައަށް ވަނީ އެފަދަ ގޮތެކެވެ. އެއީ ޝައުޤުވެރިކަމެއް ނޫނެވެ. ހިތަށް އެވާ އުނދަގޫތަކުގެ ސިއްރަކީ އެއީ އެވެ.

*****

ސިމްރާގެ އޮފީސް ހުންނަ އިމާރާތް ކައިރިއަށް ސައިކަލު މަޑުކޮށްލަމުން ކުރިމަތިން ފެންނަން ހުރި އިމާރާތަށް ޒުވައިލް ބަލައިލިއެވެ. ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުން އައުމުން އެކަމުގެ އުފާވެރިކަން ޒުވައިލްގެ މޫނުން ރަމްޒުކޮށްދެއެވެ. ސައިކަލު ޕާކުކޮށްލަމުން އޭނަ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ރިސެޕްޝަން ކައިރިއަށް ހުއްޓެމުން އޭނަ އައި ބޭނުން އޮޅުންފިލުވައިދިނެވެ. ރިސެޕްޝަނުގައި ތިބި އަންހެންކުދިން މާވަރަކަށް ބަލާތީ ޒުވައިލް ހިނިތުންވެލިއެވެ. އެތަނުން އެއްކުއްޖަކު ރަކި ހިނިތުންވުމަކާއެކު ދާންވީ ފަންގިފިލާ ބުނެދިނުމުން، ޝުކުރުއަދާކޮށްލަމުން ޒުވައިލް ހިނގައިގަތެވެ. ލިފްޓަށް މަޑުކޮށްލަމުން ގަޑިއަށް އޭނަ ނަޒަރެއް ދިނެވެ. ހަމަޖެހިގެން ދެވޭނެހާ ވަގުތު އޮތުމުން، ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން ހިނިތުންވެލިއެވެ.

މައްޗަށް ގޮސް ލިފްޓް ހުޅުވުނުއިރު އޭނަގެ އިންތިޒާރުގައި ހުރީ އިތުރު ދެވަނަ މީހެއް ނޫނެވެ. ސިމްރާއަށް ފުން ނަޒަރަކުން ބަލައިލި ޒުވައިލްގެ ހިނިތުންވުން ފުންވިއެވެ. އެރިފިރިހެންވަންތަ މޫނަށް ދިރުން ގެނެސްދެމުންނެވެ.

''ގުޑް މޯނިންގް...'' ލިފްޓުން ނިކުންނަމުން ޒުވައިލް ބުނެލިއެވެ. ސިމްރާ ވެސް ރައްދުގައި ޒުވައިލްގެ ޖުމްލަ ތަކުރާރުކޮށްލިއެވެ. ސިމްރާ އިޝާރާތްކޮށްލީ ސަރައްކާލީގެ އެންމެ ފަހަތަށް ވާހެން ހުރި މީޓިންގް ރޫމަށެވެ. ސިމްރާގެ ފަހަތުން ހިނގައިގަތް ޒުވައިލްގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. މާވަރަކަށް ޒުވައިލް ހިނިތުންވާތީ ސިމްރާ ލޯ އަޅާލިއެވެ. ހެވިދާނެތީ ޒުވައިލް ތުންފިއްތާލިއެވެ. ސިމްރާއާއި ދިމާކޮށްލަން ހިތަށް އެރިޔަސް، ވަގުތުގެ ގޮތުން އޭނައަށް އެފުރުސަތެއް ނުލިބުނެވެ.

މީޓިންގް ރޫމްގައި ޒުވައިލްގެ އިންތިޒާރުގައި ހުސެއިން ހުއްޓެވެ. ޒުވައިލް ފެންނައިރަށް ގޮނޑިން ތެދުވެގެން އައިސް ސަލާމްކޮށްލިއެވެ. ސަލާމް ބަލައިގަންނަމުން ހުސެއިންއާއި ޒުވައިލް ވާހަކަދެއްކިއެވެ. އޭގެ އިރުކޮޅެއް ފަހުން މީޓިންގް ރޫމްގައި ތިބި ޓީމް މެންބަރުންނަށް ޒުވައިލް ތަޢާރަފްކޮށްދިނީ ސިމްރާ އެވެ. ހުސެއިން އިނީ ހަމައެކަނި މީޓިންގް ދާ ގޮތެއް ބަލައިލަން އައިހެވެ. މީޓިންގް ރޫމަށް ވަނުމާއެކު ޒުވައިލްއަށް ފެންނަން ފެށީ މުޅިން ތަފާތު ސިމްރާ އެކެވެ. ވާހަކަދެއްކުމުގެ ރާގުން ހާމަކޮށްދިނީ އަމިއްލަ ނަފުސަށް އޮތް ވަރުގަދަ އިތުބާރެވެ. މުޅި މީޓިންގް ކުރިއަށް ގެންދިޔަ ގޮތް ފުރިހަމަކަމުން ސިމްރާގެ ޝަހުސިއްޔަތު ހާމަކޮށްދިނެވެ. ހަމައެއާއެކު ސިމްރާއަށް ޓީމުގެ ފުރިހަމަ އިތުބާރާއި އިހުތިރާމް ލިބިފައިވާކަން ޒުވައިލް ފާހަކުރިއެވެ. މާނަ ފުން ހިނިތުންވުމަކާއެކު ގޮނޑީގައި ޒުވައިލް އިނެވެ. ސިމްރާގެ ކާމިޔާބީއާ މެދު އޭނަ އުފާވިއެވެ. ސިމްރާއެކު މަސައްކަތްކުރެވޭތީ ހަމަޖެހުން ލިބުނެވެ. މަސައްކަތުގެ މާހައުލުން އެފެނުނު ސިފަތަކަށްފަހު، އިހުނަށްވުރެން ބޮޑަށް އޭނައަށް ސިމްރާ ކަމުގޮސްފިއެވެ.

''އަޅުގަނޑު ބޭނުންވަނީ އަންނަ މަހު ދިހައެއްގަ ރެސްޓޯރެންޓް ހުޅުވަން...'' ރެސްޓޯރެންޓްގެ ނުނިމި ހުރި ކަންތަކަކާ ގުޅިގެން ސިމްރާ ހިއްސާ ކުރި މަޢުލޫމާތަށްފަހު ޒުވައިލް ބުނެލިއެވެ. ދުވަސް އަވަސްކުރަންވުމުން އުނދަގޫވާނެކަން ޒުވައިލްއަށް އެނގެއެވެ. ގޮންޖެހުންތައް ހުންނާނެކަން ވެސް މެއެވެ. ނަމަވެސް މަޖުބޫރީ ހާލަތުން އިތުރު ގޮތެއް ނެތެވެ. މާދަމާ ވެދާނެ ގޮތެއް ނޭނގޭތީ ހިތް ނުތަނަވަސްވެއެވެ. އެރެސްޓޯރެންޓަކީ ތިއްތަ ދުށް ދިގު ހުވަފެނެކެވެ. އެހެންކަމުން އެހުވަފެން ހަޤީޤަތަކަށް ހަދަން އޭނަ އިންތިހާއަށް ބޭނުމެވެ.

ހުސެއިން ބަލައިލި ސިމްރާ އަށެވެ. ސިމްރާ ހުރީ ޕްރެޒެންޓޭޝަން ދޭން ކޮޅަށެވެ. އޭނަގެ ނަޒަރު ދަތުރުކޮށްލީ މީޓިންގައި ބައިވެރިވަމުން ދިޔަ އޭނަގެ ޓީމަށެވެ. އެންމެން ބޯޖަހާލުމާއެކު، ދެން ސިމްރާ ބަލައިލީ ޒުވައިލް އަށެވެ. އޭރު ޒުވައިލް އިނީ ސިމްރާއަށް ބަލަހައްޓައިގެންކަމުން ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ސިމްރާގެ މެޔަށް ފިނިވެލީ ކުއްލިޔަކަށެވެ. އަތްފައިން ފިނިދަލެއް ހިއްލައިގަތެވެ. މިފަހަރު އޭނަގެ ސަމާލުކަން އަތުލީ ޒުވައިލްގެ ދެލޮލުން ފެނުނު ޝުޢޫރުތަކުންނެވެ. އެއީ ކުރީ ދުވަހު ޝަރަފްއާއި ޒުވައިލް ބަދަލުކުރި ނަޒަރުގައި ހުރި އިހުސާސްތަކެވެ. އިރުކޮޅަކަށް ސިމްރާ ހުއްޓުން އެރިއެވެ. ދުވަސް އަވަސްކުރަން ޒުވައިލް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ކުރިން ލަފާކުރެވުނު ގޮތަށް ޢާއިލީ ކަމެއް ހެއްޔެވެ؟ ޒުވައިލްގެ ދެލޮލުން ފެނުނު ޖަޒުބާތުތަކުގެ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟

ޒުވައިލްގެ ހުށަހެޅުމާއި ސިމްރާއަށް އެއްބަސްވެވުނެވެ. އެވަގުތު ޒުވައިލް ދޫކޮށްލި ހަމަޖެހުމުގެ ނޭވާއާއި، ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ސިމްރާއަށް ފާހަގަކުރެވުނެވެ. ސިމްރާއަށް އެމަންޒަރު ބަލަން ހުރެވުނެވެ. ކުރަން ހުރި މަސައްކަތަށް ވުރެން އެސިކުންތުކޮޅުގައި ސިމްރާއަށް މުހިންމުވީ ޒުވައިލް އެވެ. ހުރެވުނު ތަން ރޭކާލުމާއެކު ސަމާލުކަން އަނބުރާލީ މީޓިންގް އަށެވެ. އިހުތިޔާރަކާ ނުލައި ޒުވައިލްއަށް ބެލޭތީ ސިމްރާ ހުރީ ގޮތް ހުސްވެފައެވެ.

މީޓިންގް ނިމުމާއެކު ސަލާން ބަދަލުކުރެވުނެވެ. ޒުވައިލް މަޑުކޮށްލީ ސިމްރާ އަށެވެ. ފަހަރަކު މީހަކު މީޓިންގް ރޫމް ދޫކޮށް ގޮސް ސިމްރާއާއި ޒުވައިލް އެކަނި ވިއެވެ. އެކަން ލެޕްޓޮޕް ކައިރީ ހުރި ސިމްރާއަށް ފާހަގަ ކުރެވުނެވެ. ލޮލުގެ ހިމަކޮޅުން ޒުވައިލް ގޮނޑިން ތެދުވުނު މަންޒަރު ސިމްރާއަށް ފެނުނެވެ. ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލައި ސިމްރާއަށް ބަލައިލެވުނެވެ.

ލަސްފިޔަވަޅުތަކެއްގައި ސިމްރާގެ ގާތަށް ޒުވައިލް އައެވެ. ހުދުކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ފަޓުލޫނެއްގައި، މުށި ކުލައިގެ ބެލްޓަކާއި ހަމަ އެކުލައިގެ ބޫޓެއްގައި ހުރި ޒުވައިލް ފިރިހެންވަންތައެވެ. ޝޭވްކޮށްފައި ހުއްޓަސް ކުދިކުދިކޮށް ތުނބުޅި ފަޅަން ފަށައި އެކަމުގެ ހިޔަނި މޫނުން ފެންނަން ހުއްޓެވެ. ކުރިއެކޭ އެއްގޮތަށް ނިއްކުރިމައްޗަށް އިސްތަށިތަކެއް ފައިބާފައެވެ. އޭނަގެ ގާތަށް ޒުވައިލް ހުއްޓުމާއެކު ސިމްރާގެ ހިތް ތެޅިލައިފިއެވެ.

''ތެންކިއު...'' ޒުވައިލް ޝުކުރުއަދާކުރުމުން ސިމްރާއަށް ނަގައިގަނެވުނެވެ.

''ސިމީއަށް ނޭގނުނަސް ވަރަށް ބޮޑު ހެލްޕެއް ތިވެދިނީ، އައިމް ރިއަލީ ގްލޭޑް ވީ އާރ ވޯކިންގް ޓުގެދާރ...'' ޒުވައިލް ބުނެލިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ސިމްރާއަށް ހުރެވުނީއެވެ. ހިތުގެ ފުންމިނުން ޒުވައިލް ބުނި ޖުމްލައެއްކަން ހާމަކޮށްދިނި އަޑުގައިވި އަސަރުންނެވެ. މިނުނީ އެފަދަ މޭރުމަކުން ޒުވައިލް ވާހަކަދައްކާފައިނުވުމުން ސިމްރާ ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އޭނައަށް ބެލެނީ ޒުވައިލްގެ މޫނަށެވެ. އެހެން ހުއްޓާ އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިގެން އައި ތަން ފެނުނެވެ.

''މޭއިބީ ވީ ކޭން ޕުޓް ދި ޕާސްޓް ބިހައިންޑް އަސް އެންޑް ސްޓާޓް ފްރެޝް؟...'' ޒުވައިލް ބުނެލީ ސަލާމްކޮށްލުމަށް އަތްތިލަ ދިއްކޮށްލަމުންނެވެ.

ސިމްރާ ހުރީ ގަބުއަރާފައެވެ. ހަރަކާތެއް ގެންނަން ނޭނގިފައި ހުއްޓާ ޒުވައިލްގެ މޫނުގެ ކުލަވަރު ބަދަލުވިގެން ދިޔައެވެ. ހިނިތުންވުން ފަނޑުވެ، ބަޔާންކުރަން އުނދަގޫ ޝުއޫރުތަކެއް އެދެލޮލުން ސިމްރާ ދުއްޓެވެ. އެއީ އައު ފެށުމަކުން ފަށަން ޒުވައިލް ބޭނުންވެ، އެކަމަށް އޭނަ އެއްބަސްނުވުމުން އުފެދުނު މާޔޫސްކަމެއް ހެއްޔެވެ؟ އޭނަގެ ހިތަށް އެކަމުން އުނދަގޫވީ ކީއްވެގެން ހެއްޔެވެ؟

ޒުވައިލް ބޯޖަހާލީ ސިމްރާގެ ހިމޭންކަމުން ޖަވާބު ލިބުނު ފަދައަކުންނެވެ. ސިމްރާގެ ނިންމުމަށް އިހުތިރާމްކުރަމޭ ބުނާ ފަދައަކުން ހިމޭންކަމާއެކު އޭނަ ހިނގައިގަތީ މީޓިންގް ރޫމުން ނިކުންނާށެވެ. ދޮރުގެ އަތްގަނޑުގައި ހިފިތަނާ ސިމްރާ ގޮވާލައިފިއެވެ. ޒުވައިލް ފަހަތް ބަލައިލިއެވެ.

''ޔެސް... ވީ ކޭން ސްޓާޓް އެ ނިއު...'' ސިމްރާ ބުންޏެވެ. ޒުވައިލްގެ ހިނިތުންވުން އަނބުރާ އަންނަން ނެގީ ފަޅި ސިކުންތުކޮޅެކެވެ.

(ނުނިމޭ)