''ދެން ބުނެބަލަ، ސިމްރާއާ ބައްދަލުވީމަ ވީ ކިހިނެއްތަ؟...'' އުމާމާ ސުވާލުކޮށްލުމުން ޒުވައިލްއަށް ވިސްނާލެވުނެވެ. އެހާ ދުވަސްފަހުން ސިމްރާ ފެނުމުން އޭނަގެ ހިތަށް ގޮތެއް ވެއްޖެކަން ގައިމެވެ. ސިމްރާގެ ޚިޔާލުތަކާއި ދުރުވާން އޭނައަށް އުނދަގޫވެފައިވަނީ އެހެންވެގެންނެވެ. އޭނައަށް ނޭނގުނީ އެޖަޒުބާތުތަކަށް ދޭނެ ނަމެކެވެ. ޔަޤީނުން ވެސް އެނގޭ އެއްކަމެއް އެބަ އޮތެވެ. އޭނަ ދެކެ ސިމްރާ ފޫހިވާތީ ހިތަށް އުނދަގޫވާކަމެވެ. އާފެށުމަކުން ފަށައި، ސިމްރާއާއި އެކުވެރިކަން ބަދަހިކުރަން އޭނަގެ ޒަމީރު ބޭނުންވާން ފަށައިފިއެވެ. ފަހަރެއްގައި އަލުން ސިމްރާއާއި ބައްދަލުވީ އެފުރުސަތު ލިބުމަށް ކަމަށް ވެދާނެއެވެ. އޮތީ އެންމެ ސުވާލެކެވެ. އެކުވެރިކަމުގެ ދައުވަތު ސިމްރާ ޤަބޫލުކޮށްފާނެ ހެއްޔެވެ؟
''ވެލް، ޝީ ސްޓިލް ހޭޓްސް މީ...'' ބޮލުގެ ފުއްކިބައިގައި ފިރުމާލަމުން ޒުވައިލް ބުނެލިއެވެ.
''އެހެންދޯ ވަނީ... ޑިޑިންޓް ޔޫ ސްޓީލް ހާރ ފެވެރިޓް ސީޓް ފްރޮމް ދި ލައިބްރަރީ...'' އުމާމާ ބުންޏެވެ.
ސިމްރާއާއި އޭނަ ބައްދަލުވި ދުވަހުގެ މަންޒަރުތައް ޒުވައިލްއަށް ސިފަކޮށްލެވުނެވެ. އެދެމެދުގައި އޮތް ފިނި ހަނގުރާމައިގެ ފެށުމަކީ އެއެވެ. އެއީ ކޮލެޖްގެ ކިޔެވުން ފެށުނުތާ ހަފްތާއެއް ފަހެވެ. އޭނަ ލައިބްރަރީއަށް ދިޔައީ ކިޔަވަމުންދާ މޮޑިއުލްގެ ފޮތްތަކެއް ބަލައެވެ. ފޮތްތައް ހިފައިގެން ގޮސް އޭނަ އިށީނީ އެކަހެރިކޮށް ހުރި މޭޒެއްގައެވެ. ފޮތް ހަރުގަނޑުތައް ހުން ގޮތުން އެހިސާބު ވަނީ މީހުންގެ ލޯތަކަށް ސިއްރުވެފައެވެ. ކުޑަދޮރެއް ކައިރީ މޭޒު ކައިރިން ކޮލެޖްގައި އޮންނަ ޕާކް ވަރަށް ރީއްޗަށް ފެނެއެވެ. ކައިރީގައި ހުންނަ ވެލޯ ގަސްތަކުން ހިޔާދީފައިވުމުން އިރުގެ ހޫނޫން އުނދަގުލެއް ނުވެއެވެ. އެއީ ހިތްގައިމު ހިސާބެކެވެ. އޭނަ ގޮނޑީގައި ހަމަޖެހިލިތަނާ ކައިރިއަށް އައިސް ހުއްޓުނީ އަންހެންކުއްޖެކެވެ. އެކުއްޖާއަށް ބަލައިލުމުން ޒުވައިލްގެ ހިތަށް އެނގުން ވެގެން ދިޔަ އެވެ. ކަޅިރަވައިގެ ތޫނުން މޭގައި ތޫފާނެއް އުފެދުނެވެ. ހިތާހިތުން އެކުއްޖާގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ.
ބިޒްނަސްގެ ބައެއް ކްލާސްތައް އެކުގައި ނަގާތީ އެއަންހެންކުއްޖާ އޭނައަށް އެނގެއެވެ. ކްލާހުން ފެނި ޝައުޤުވެރިކަން އޮތީ އުފެދިފައެވެ. މިނޫނީ ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބެއެވެ. ޒުވައިލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެކުއްޖާއާއި ދިމާއަށް އޭނަ އެނބުރުނެވެ. ނަމަވެސް ޒުވައިލް ބޭނުންވި ފަދަ ޝައުޤުވެރިކަމެއް އެކުއްޖާގެ މޫނަކުން ނުފެނުނެވެ. އެއާއި ޚިލާފަށް ފެނުނީ ނުރުހުމުގެ ޝުއޫރެވެ. ހައިރާންކަމާއެކު ޒުވައިލްއަށް ބަލަން އިނދެވުނެވެ.
''ޔޫ އާރ އިން މައި ސީޓް!...'' އުނަގަނޑުގައި އެއް އަތް ވިއްދާލަމުން، އަނެއް އަތުން މޭޒަށް އިޝާރާތް ކުރަމުން އެކުއްޖާ ބުންޏެވެ.
''އެކްސްކިއުޒް މީ؟...'' ޒުވައިލްއަށް ބުނެވުނެވެ. އެއާއެކު އެކުއްޖާގެ ބުމަގޮށްޖެހުނެވެ. ދޮން މޫނުގެ ކުލަވަރު ބަނަވެ ނޭފަތުގެ ކުރީ ކޮޅަށް ރަތްކަމެއް ފޭދުނެވެ. ޒުވައިލް އިނީ އެއާދަޔާ ޚިލާފު ރީތިކަމުން އާޝޯހުވެފައެވެ. ރުޅީގެ އަސަރު ފެނުނަސް ހާދަ ރީއްޗެވެ. ހިމޭންކަމުގެ ދުލުން ތައުރީފާއި ސަނާ އޮއްސާލެވުނެވެ.
''ޔޫ... އާރ... އިން... މައި... ސީޓް!...'' ފަހަރަކު ލަފުޒެއް ތަކުރާރުކުކޮށްލުމުން ޒުވައިލް ގާތަށް އައީ ހިންޏެވެ. އެއީ ގަސްތަކު އޭނަ ކުރިކަމެއް ނޫނެވެ. އެކުއްޖާގެ ލޮލާއި ބުމައަށް ގެނައި ހަރަކާތްތައް އޭނައަށް މަޖާވީ އެވެ. ކުރެވުނީ ގޯސްކަމެއްކަން ރޭކާލުމުން ޒުވައިލް ވަގުތުން ހިމޭންވިއެވެ. އެއަށްފަހު ގޮނޑިން ތެދެވިއެވެ.
''ނަމެއް ލިޔެފަ ނެތްހެން ހީވަނީ...'' ފުރިހަމަ އިސްކޮޅަށް ތެދުވަމުން ޒުވައިލް ބުންޏެވެ. އެކުއްޖާއަށް ވެސް ދިގު އިސްކޮޅެއް ލިބިފައި ވިއެވެ. ޒުވައިލްއަށް ވުރެން ތިން ވަރަކަށް އިންޗި ކުރުވުމުން އިސްކޮޅުގައި ކުޑަކުޑަ ފަރަގެއް ހުއްޓެވެ. ފަސޭހަކަމާއެކު ލޮލާއިލޯ ސީދާކޮށްލެވޭނެހާވަރުގެ ފަރެގެކެވެ.
''ދެންމެ ތިތާ އިނދެފަ ތެވުގެދެން ދިޔައީ...'' މޭގައި ދެއަތް ހުރަސްކުރަމުން އެކުއްޖާ ބުނެލީ ޒުވައިލްގެ ދެލޮލަށް ބަލަން ހުރެއެވެ. ފަހަތަށް ނުޖެހޭނެކަމުގެ އިޝާރާތެކެވެ.
ޒުވައިލް ބަލައިލީ މޭޒަށެވެ. އެތާނގައި ކުރިން މީހަކު ހުރިކަމުގެ ނިޝާނެއް ފެނޭތޯއެވެ. ދަބަހެއް، ފޮތެއް ނޫނީ ގަލަމެއް ވިޔަސް އޮތް ތޯ އެވެ.
''ލުކްސް ވޭކެންޓް ޓު މީ...'' ޖިންސުގެ ޖީބަށް އަތްޖަހަމުން އަމިއްލަ ދިފާއުގައި ޒުވައިލް ބުނެލިއެވެ.
''ވަޓް!...'' އެކުއްޖާ ކަޅިއަޅައިލިއެވެ. ލައިބްރަރީއަށްވުމުން އަޑު ހަރުކޮށް ވާހަކަނުދެއްކުނަސް ނުރުހުން ސާފުކޮށް އަޑުން ހާމަކޮށްދިނެވެ.
''ލުކް!، އައިމް ސޮރީ، އަހަރެން ހީކުރީ ހުސް މޭޒެއް ކަމަށް، ބޭނުން ނަމަ އިށީނަސް އެންމެ ރަނގަޅު...'' އެދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކުގެ މިސްރާބު ޒުވައިލް ބޭނުންވި މިސްރާބަކަށް ނުދިޔަ އެވެ. ނުރުންތެރިކަން އެދެމެދުގައި އޮންނަން ބޭނުންނުވާތީ ޒުވައިލް އުޅުނީ އާފެށުމަކުން ފަށާށެވެ. ސުލްހަ ޤާއިމްކުރާށެވެ. އެގޮތް އެކުއްޖާއަށް ކަމުނުދިޔައެވެ. ތުންއަނބުރާލާފައި ހިނގައިގަތީ ދުރަށެވެ. ޒުވައިލް ގޮވައިލުމުން ވެސް ބަލައެއް ނުލިއެވެ.
އެދުވަހަށް ފަހު ޒުވައިލްއާއި ސިމްރާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދުވަހަށް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ޒުވައިލް މަޢާފަށް އެދުނަސް ސިމްރާ ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން ކިޔެވުމުގައި ވާދަވެރިކަން އުފެދުނެވެ. އެހެން ގޮސް ސިމްރާ ކުރާ ކަންތައް ޒުވައިލްއަށް މަޖާކަމަކަށް ވާން ފެށިއެވެ. ރުޅިން މޫނަށް ގެންނަ ހަރަކާތްތައް ކަމުދާން ފެށިއެވެ. ސިމްރާއާއި އޭނަ ދިމާކޮށްލުމުން ރައްދުދޭގޮތްތަކާއި، ބުނެލާ ނުރުހުމުގެ ބަސްތަކުން ޒުވައިލް ދެރައެއް ނުވިއެވެ. އެއާއި ޚިލާފަށް އެދެމެދުގައި އޮތް ވާދަވެރިކަމަށް އޭނަ މަރުޚަބާ ކިޔެވެ. އެގޮތުން ވިޔަސް ސިމްރާއާއި ގުޅުމެއް ބޭއްވެނިކޮށް އޭނައަށް ނިމުނީއެވެ. ކޫސަނި ކަންތަކާ ސިމްރާ އުޅޭ ގޮތުން އޭނަގެ ދުވަސް ފުރިހަމަކޮށްދިނެވެ.
''ޒުވައިލް!...'' މާޒީގެ ހަނދާންތަކުން ޒުވައިލް ހޭލައްވާލީ އޭނަގެ މުލައްދަނޑީގައި މީހަކު ވިކާލުމުންނެވެ. ވީތަދުން މުލައްދަނޑީގައި ފިރުމާލެވުނެވެ. އުމާމާއާއެކު އުނދޯލީގައި އިނދެވުނުކަން ރޭކާލީ ދެނެވެ.
''ބަލާބަ، އަނެއްކާ ހުވަފެނީ ދުނިޔެއަށް ތި ގެއްލުނީ...'' އުމާމާއަށް ހެވުނެވެ.
ޒުވައިލް ވެސް ހިނިތުންވެލިއެވެ. އޭނައާއި ދިމާކޮށްގެން އުމާމާ ހިނިތުންވެލާ މަންޒަރު ފެނުމުން ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އެފަދަ މަންޒަރެއް ނުފެންނަތާ ވީ ދުވަހެއް ބުނާކަށް ނޭނގެއެވެ. ގިނަ ދުވަހު އުމާމާގެ މޫނުން ފެންނާނީ މާޔޫސްކަމެވެ. ދެލޮލުގައި ވާނީ ކަރުނަތަކެވެ. މުސްތަޤުބަލާ މެދު އޮތް ބިރުވެރިކަމާއި ނުހުތަނަވަސްކަމުގެ ލިސާސްތައް ފާޅުވާނެއެވެ. ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައި އޮންނަނީ ހިތްދަތިކަމެވެ. މިއަދު އެހުރިހާ އިހުސާސްތަކާ ދުރުވެލައި ހިނިތުންވެލުމުން ޒުވައިލްއަށް ލިބުނު އުފާވެރިކަން ދުލަކުން ބަޔާނެއް ނުކުރެވޭނެއެވެ. އޭނައަށް ދުޢާކުރެވުނީ ތިއްތަގެ ބައްޔަށް ޝިފާއެއް މިންވަރުކޮށްދެއްވުމަށެވެ. މާތްﷲއަކީ ހުރިހާކަމެއް ހިންމަވައިދެއްވާ ރަހުމަތްވަންތަ ރަސްކަލާނގެއެވެ. ދުޢާކުރުމުން ނާއުއްމީދުގެ އުދާސްކަމާ ދުރުވާން ފަސޭހަ ވެއެވެ.
އުމާމާއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުރި ހީވާގި ޒުވާނެކެވެ. ރެސްޓޯރެންޓްގެ ކަންތަކުގައި އޭނަ އުޅުނީ ވަރަށް ބުރަކަށޮށެވެ. މެނޫއަށް ބަދަލުތައް ގެނައުމާއި، ތަފާތު އެކިއެކި ކެއުންތައް ތައްޔާރުކުރުމަށް އޭނަ ލޯބި ކުރި އެވެ. ހަމައެއާއެކު ލޯބިވާ ޢާއިލާއަށް އޭނަ ވަގުތު ހުސްކުރިއެވެ. ފުރާވަރުގެ އުމުރަށް އާޅާފައިވާ ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނެވެ. ފިރިމީހާއަށް އޯގާތެރި އަންބެއްގެ މަސްޢޫލިއްޔަތު އަދާކުރިއެވެ. ހަމައެއާއެކު ގޭތެރޭގެ ޒިންމާތައް ނަގައި މުސްކުޅި އުމުރަށް ގޮސްފައިވާ މައިދައިތައް އެހީވުމުގައި އުޅުނެވެ. އޭރު އޭނަ އުޅުނީ އުފާވެރިކަމުގެ ދުނިޔެއެއްގައެވެ. މާތްﷲގެ ރަހުމަތުން ދިރިއުޅުގެ ރާސްތާ ދިޔައީ އޮމާންކަމާއެކުގައެވެ. މުސްތަޤުބަލަށްޓަކައި ފޮނި އުއްމީދުތަކެއް ކުރިއެވެ.
ދިރިއުޅުމުގެ ހާލަތު ބަދަލުވެގެންދާނީ ކިހިނެއް، ކޮންވަގުތެއްގައިކަން ލަފާކޮށްލުމަކީ އިންސާނުންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ވެސް ވަގުތާއި ހާލަތު ބަދަލުވެގެން ހިނގައިދާނެއެވެ. އުފާވެރިކަމާއި ހިނިތުންވުންތައް ކުއްލިޔަކަށް މިލައި، ހިތާމައިގެ ދިގު ސިލްސިލާއަކަށް ބަދަލުވެގެންދާ ފަހަރުތައް މަދެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހަޤީޤަތެވެ. އުމާމާއަށް ކުރިމަތިލާންޖެހުނީ އެފަދަ ހާލަތެކެވެ.
އުމާމާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން ފުރަތަމަ އޭނައަށް ފާހަގަ ކުރެވެން ފެށުނީ ބުރަކަށީގައި ނުފިލާ ހުންނަ ރިހުމެވެ. ވަޒީފާގެ ބުރަކަމުން ކަމަށް ނިންމައި އޭނަ ހުރީ އެކަމަށް ފަރުވާކުޑަކޮށްލައިގެންނެވެ. އެރިހުން ގަދަ ވަމުން ގޮސް ބޭހަށް ނުގުޑާ ހިސާބަށް ދާން ފެށިއެވެ. ބަނޑަށް އުނދަގޫވެ، ކާހިތް ނުވުމާއެކު، ބަރުދަން ލުއިވާން ފެށުމުން މީހާ ކަންބޮޑުވާ ގޮތް ވިއެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހަދަން ނިންމީ އެހިސާބުންނެވެ. ފަރުވާ ހޯދުމުގައި ލަސްކުރެވިއްޖެކަމުގެ ހިތިކަމާ ކުރިމަތިލާން ޖެހުނީ ދެނެވެ. ޓެސްޓްތަކުން ދެއްކީ ޗިސްމޭގެ ކެންސަރު ހުރި ކަމަށެވެ. ދެނެގަނެވުނު އިރު ކެންސަރު ހުރީ ސްޓޭޖް ތިނެއްގައެވެ. ލިބުނު ޝޮކަށްފަހު އުމާމާގެ ދިރިއުޅުން އަޑިއަޅާލިއެވެ. ބަލީގެ ހަޤީޤަތާ ކުރިމަތިލާން އޭނައަށް ވީ އުނދަގޫ ކަމަކަށެވެ. ފަރުވާ އޮތް ކަމުގައި ވިޔަސް މަރު ބައްޔަށް ވެދާނެތީ އޭނަ ބިރުގަތެވެ. ލޯބިވާ ދަރިފުޅާއި، ފިރިމީހާ ދޫކޮށް ދާން ޖެހިދާނެތީ މީހާ ހާސްކޮށްލިއެވެ. ހަމައެއާއެކު ޒުވައިލްއަށް އޭނަގެ ބަލީގެ ޚަބަރު ލިބުމުން ވާނެ ގޮތެއް ލަފާކޮށްލަން ދަތިވެ އުމާމާ ހުރީ ސިހުމެއްގެ ތެރޭގައެވެ.
ނަމަވެސް ޢާއިލާގެ ފަރާތުން އޭނައަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. ކެތްތެރިވާން ދަސްވިއެވެ. ޢާއިލާގެ ހައްޤުޤައި ކެންސަރާއި ހަނގުރާމަކުރަން ބޭނުން ވިއެވެ. ހަ މަސް ދުވަހުގެ ކީމޯތެރަޕީ ސެޝަންއަކަށް ފަހު އިތުރު ޓެސްޓްތަކެއް ހެދިއެވެ. އޭގެން ލިބުނީ އުއްމީދެވެ. އެކަމަކު އެހިތްހަމަޖެހުން ދެމިގެން ދިޔައީ މަދު ދުވަސްކޮޅަކަށެވެ. ދާދި ފަހުން ހާލަތު ބޮޑުވެ ހެދި އިތުރު ޓެސްޓްތަކުން ދެއްކީ ކައިރީގައި ހުރި ގުނަވަންތަކަށް ވެސް ކެންސަރު ފެތުރިފައި ހުރިކަމެވެ. އެހިސާބުން އުމާމާގެ ހިތްވަރު އެލުނެވެ. ހަ މަސް ވަންދެން ނެގި ކީމޯތެރަޕީން އޭނަގެ ހަށިގަނޑު ވަނީ ބަލިކަށިވެފައެވެ. މީހާ އަނަރޫފަވެ ތަންމަތި އަޅައިފިއެވެ. ގަޔަކު ވަރެއް ނުހުރެއެވެ. ހަށިގަނޑުގައި ނުރިހޭ އެންމެ ސެލްއެއް ނެތޭ ބުންޏަސް ދޮގަތަކަށް ނުވާނެއެވެ. ކާއެއްޗެއްގައި ރަހައެއް ނުލައެވެ. އަރު ހުންނަނީ ފާރުވެފައެވެ. އެހެންކަމުން ދިޔާ އެއްޗެއް ބޯލުން ވަނީ ވޭނަކަށެވެ.
ވަރުބަލިވެފައިވުމުން ފަރުވާ ކުރިއަށް ގެންދަން އުމާމާ ބޭނުމެއް ނުވިއެވެ. ޑޮކްޓަރުންގެ ފަރާތުން އުއްމީދެއް ނެތް ތަނުގައި ބޭކާރު ގޮތުގައި ފަރުވާއަށް ވަގުތާއި ފައިސާ ހޭދާކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އޭނަގެ އަތަކު ވަގުތެއް ނެތެވެ. އެހެންކަމުން ކޮންމެ ސިކުންތެއް ވެސް ދުނިޔޭގައިވާހާ އެއްޗަކަށް ވުރެން އަގު ބޮޑެވެ. ފަހު ނޭވާ ދޫކޮށްލަން އުމާމާ ބޭނުންވީ ޢާއިލާގެ ގާތުގައެވެ. އޭނަގެ ފަހުގެ ވަސިއްޔަތަކީ އޭނަގެ މަރަށް ފަހު ހިތާމަކުރުމުގެ ބަދަލުގައި ދިރިއުޅުމާ ކުރިމަތި ލުމެވެ.
އުމާމާގެ ނިންމުމާ ރުހިޤަބޫލުވާން ޝަރަފަށް ވީ އުނދަގޫ ކަމަށެވެ. އޭނަ ހުރީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ގޮސްގެން ވިޔަސް އުމާމާއަށް ފަރުވާ ކުރާށެވެ. އެކަމަށް ބޭނުންވާ ފައިސާ ވެސް ހުއްޓެވެ. ލޯބިވާ އަނބިމީހާ ބީވެގެންދާ މަންޒަރު ބަލަން އޭނައަށް ފަސޭހައެއް ނުވިއެވެ. އުމާމާގެ އާދޭސްތަކުން ޝަރަފްގެ އަތުގައި ކަސްތަޅު އެޅުނެވެ. ހިތް ކުދިކުދި ވެފައިވާ ހާލުގައި އުމާމާގެ ފަހުގެ ނިންމުމާ އޭނަ ރުހި ޤަބޫލުވިއެވެ. އަމިއްލަ ޒަމީރާ ދެކޮޅަށެވެ.
ޒުވައިލްއަށް އުމާމާގެ ހާލަތު ވިސްނުނެވެ. ދެރަވެ މާޔޫސް ވިޔަސް ލޮލަށް ފެންނަން އޮތް ހަޤީޤަތަށް ފިލަން ދުވޭނީ ކިހިނެއް ހެއްޔެވެ؟ ލޮލުން އޮހޮރުނު ވޭނީ ކަރުނަތައް ފޮހެލައި ޒުވައިލް މަސައްކަތްކުރީ ޢާއިލާއަށް ދިމާވެފައި އޮތް ހާލަތުން އަރައިގަނެވޭނެ ގޮތެއް ހޯދުމަށެވެ. އުފާވެރިކަމުގެ މާހައުލެއް ގޭތެރޭގައި ޤާއިމުކުރަން އޭނަ އަޒުމުކަނޑައެޅިއެވެ. މާހައުލު ހަމަހިމޭންވެއްޖެނަމަ އެކަމާ އުމާމާ ފިކުރުބޮޑުވެދާނެތީ އެކަމަށް ދުރާލާ ޒުވައިލް ތައްޔާރުވިއެވެ. އެތައް އަހަރެއް ވަންދެން ރާއްޖޭން ބޭރުގައި އުޅެފައި އައި ސަބަބަކީ އެއެވެ. އޭނައަށް ވެދިން އިހުސާންތެރިކަމުގެ ބަދަލު އަދާކޮށްދެވޭތޯއެވެ. ކަރުނަ ފޮހެލައި ހިނިތުންވެލީ ލޯބިވާ ތިއްތައަށްޓަކައެވެ. އުމާމާއަށް ފެންނަ ހިސާބުގައި ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ފޭބިޔަ ނުދޭން އަމިއްލަ ނަފުސަށް އޭނަ ވަޢުދު ވިއެވެ.
''ދަރިފުޅުމެން މިތާދޯ...'' ޓެރަސްއަށް އެރި ނުސައިބާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަސްރު ނަމާދުކޮށްލައިގެން އޭނަ އުމާމާގެ ކޮޓަރިއަށް ދިޔައީ ހާލު ބަލައިލާށެވެ. އުމާމާ ނުފެނުމުން ލިބުނު ހާސްކަމުގައި ނުސައިބާ ފުރަތަމަ ވެސް އެރީ ޓެރަސް އަށެވެ. އުމާމާ އަބަދު ހުންނަން ބޭނުންވާ ތަނަކީ އެއީއެވެ. ވަށައިގެންވާ މާމެލާމެލީގެ ގުލްޒަހާރާއި ރޯޅިތަކުން ފިނިކަމެއް ލިބޭތީއެވެ.
''މަންމައަށް ފެންނަނީ ހަވީރުގެ ސައި ޓެރެސްއަށް ބަދަލުކޮށްލަން، ދަރިފުޅު ބުނަނީ ކީކޭ؟...'' ނުސައިބާ ބަލައިލީ ޒުވައިލް އަށެވެ.
''ތީ ހަމަ ސަތޭކައިގެ ނިންމުމެއް...'' ޒުވައިލް ބުނެލިއެވެ.
ނުސައިބާ ގާތަށް ހިނި އައެވެ. ޒުވައިލް އައުމުން ގޭތެރޭގެ ހާލަތު ކުޑަކޮށް ހަމައަކަށް އެޅެމުންދާކަމުގެ އިހުސާސްކުރެވުނެވެ. ޒުވައިލް އުޅެނީ އަބަދު ކޮންމެވެސް ކަމެއްގައެވެ. ހަމަހިމޭންވުމުގެ ފުރުސަތެއް ނުދޭނެއެވެ. އެކަމަށް ނުސައިބާ ޝުކުރެވެރިވެއެވެ. ފިކުރުތަކާ ދުރަށް ގެންގޮސްދޭތީއެވެ.
ޓެރަސްގައި ހަމަޖެހިލައިގެން ސައިބޯލެވޭނެހެން ކުޑަ ޕެވީލިއަންއެއް ހުރެއެވެ. ހަވީރުގެ ސަޔަށް ބޭނުންވާ އެއްޗިސް މައްޗަށް އުފުލުމުގައި ނުސައިބާއަށް އެހީވީ ޒުވައިލް އެވެ. އޭރު ޝަރަފް ވެސް އަތުވެއްޖެއެވެ. ޒުވައިލްއަށް އެހީވާން ޝަރަފް އުޅުމާއެކު ޒުވައިލް މަނާވެގަތެވެ.
''ޝަރަފްބެ ދޭބަލަ ތިއްތަ ގާތަށް، އަހަންނަށް ވާނެޔޭ، ޖިމަށް ދަނީ ކޮންމެވެސް ކަމެއްގައޭ...'' ޒުވައިލް ބުނެލިއެވެ.
''ޖިމަށް ގޮސްގެން ވާކަމެއް ނެތެއްނު، ސިންގަލްކޮށް ވިއްޔަ ތިހުންނަނީ...'' އުމާމާ ރައްދު ދިނެވެ. އެއާއެކު ޒުވައިލް މޫނު ހަދާލިއެވެ.
އުނދޯލީގައި އިށީންނަމުން، އުމާމާގެ ހަށިގަނޑުގައި އޮޅާލެވިފައި އޮތް ރަޖާގަނޑު ޝަރަފް ރަނގަޅުކޮށްލަ ދިނެވެ. އެއަށްފަހު އަތް ފުޅާކޮށްލައި، އުމާމާގެ އުނަގަނޑުގައި ފަހަތުން ވަށާލައި ގާތަށް ގެނެއެވެ. ޝަރަފްގެ ހަރަކާތުގައި ވަނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޖަޒުބާތީވުމުން ޝަރަފްގެ މޭގައި އުމާމާއަށް މޫނު ފޮރުވާލެވިއްޖެއެވެ.
''އެއްކަލަ ފެށީއޭ، އެސޮރާ ދިމާނުކޮށްބަލަ... ދަރިފުޅު އެހެން ބުނާ އެއްޗިއްސަށް އަޅާނުލައްޗޭ، މަންމައަށް ޔަޤީން ލައްކައިން ގުނާލެވޭނެ ކަހަލަ ކުއްޖަކާ ދަރިފުޅު ދިމާވާނެ...'' ސުފުރާމަތި ތައްޔާރުކުރަން އުޅެފައި ނުސައިބާ ބުނެލިއެވެ.
ޒުވައިލްގެ ޚިޔާލުތަކާ އަނެއްކާ ގުޅުނީ ސިމްރާ އެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަ ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ އަންހެންކުއްޖަކީ އެއީ އެވެ. ހޯދަން އެދޭ ހުވަފެންތަކުގެ ރާނީ އަކީ ވެސް އެއެވެ. ހިތުގައި އުތުރިއަރަމުންދާ އިހުސާސްތަކުގެ ސިއްރަކީ އެއީ ހެއްޔެވެ؟ ބުނެދޭން ނޭނގޭ ޖަޒުބާތުތަކާ ގުޅިފައިވާ ހަޤީޤަތަކީ އެއީ ހެއްޔެވެ؟ އެހެންވެއްޖެނަމަ ސިމްރާއަށް އޭނަ ކަމުގޮސްފާނެ ހެއްޔެވެ؟
''ނައު ދެޓްސް އެ މިލިއަން ޑޮލާރ ކުއެޝަން...'' އަމިއްލަ ޒަމީރަށް ޒުވައިލް ބުނެލިއެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ސިމްރާއާއި މާދަން ބައްދަލުވާނެ އިރަކަށް އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔަ އެވެ.
ސައި ތައްޔަރުކުރެވުމުން އުމާމާއި ޝަރަފްއަށް ނުސައިބާ ގޮވާލިއެވެ. އުނދޯލި ތެދުވަމުން އުމާމާ ގޮވައިގެން ޝަރަފް އައެވެ. ގޮނޑީގައި އިށީންނަން ވެސް އެހީވީ ޝަރަފް އެވެ. އެމަންޒަރު ފެނި ޒުވައިލްގެ ހިނިތުންވުން ފުން ވިއެވެ. ޝަރަފް އުމާމާ ދެކެ ވާ މަތިވެރި ލޯބިން ޒުވައިލް ފިލާވަޅުތަކެއް ދަސްކޮށްފިއެވެ. އެއީ ހައްދެއް ނެތް އިންތިހާ ދަރަޖައިގެ ސާފު ލޯތްބެވެ. އޭނަ ވާން ބޭނުންވަނީ އެފަދަ ހިތްވަރުގަދަ މީހަކަށެވެ. ލޯބީވާ މީހަކަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާން ތައްޔާރަށް ހުރެވޭނެ ފަދަ ޒުވާނަކަށެވެ. ހިމާޔަތާއި ރައްކާތެރިކަން ދެވޭނެ ބައިވެރިޔަކަށެވެ. އޯގާތެރި ހިތެއްގެ ވެރިޔަކަށެވެ. އޭނަގެ ހަޔާތަށް އަންނާނެ އަންހެންކުޖެއްދެކެ އިންތިހާއަށް އޭނަ ލޯބި ވާނެއެވެ. ދެހިތެއްގެ އެގުޅުމަށް ފުރިހަމައަށް އިތުބާރުކުރާނެއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކުން ހިމާޔަތް ދޭނެއެވެ. ހިތާމަތަކާ ދުރަށް ގެންގޮސް ދޭނެއެވެ.
''އަންނާނަން ޔުލްވީ ގޮވައިގެން...'' ކާމޭޒުދޮށުގައި މީހުން ހަމަވުމުން ޒުވައިލް ބުނެލިއެވެ. ޔުލްވީއަކީ އުމާމާއާއި ޝަރަފްގެ ދަރިފުޅެވެ.
*****
ޔުލްވީގެ ކޮޓަރީގެ ދޮރުގައި ޒުވައިލް ޓަކި ޖަހާލިއެވެ. އުމުރުން ސަތާރަ އަހަރުގެ ޔުލްވީގެ ކޮޓަރިއަކީ އޭނަގެ ''ސެންޓުއަރީ'' އެވެ. އެހެންކަމުން އެތަނަށް ވަދެވެނީ ހުއްދަ ލިބިގެންނެވެ. ފަހަކަށް އައިސް އަބަދު ޔުލްވީ އުޅެނީ ކޮޓަރީގެ ހަތަރުފާރުތެރޭގައެވެ. ގެއިން ސްކޫލަށް، އެއަށްފަހު ސޫކުލް ގެއަށް އައުން އެއީ ޔުލްވީގެ ތާވަލެވެ. ރައްޓެހިންނާ ވެސް ދުރުވެއްޖެކަން ޒުވައިލްއަށް އޮތީ ފާހަގަ ވެފައެވެ. އުމާމާގެ ބަލިހާލަތާ މެދު ފިކުރުކޮށް އެކަމުގެ ނޭދެވޭ އަސަރު ޔުލްވީގެ މިޒާޖުން ފެންނަން ފަށައިފިއެވެ. ކުރިން ބޭރަށް ގޮސް، ރައްޓެހިންނާއެކު މަޖާކޮށް ހަދާ، އަބަދު ހިނިތުންވެފައި ހުންނަ އަންހެންކުއްޖާގެ ފަރާތުން މިހާރު ފެންނަނީ ހިމޭންކަމެވެ. އެކަމާ ޒުވައިލް ހާސްވެއެވެ. އޭނައާއި ޔުލްވީއާއި ހާއްސަ ގުޅުމެއް އޮވެއެވެ. އެހެން މީހުންނާއި ހިއްސާކުރަން އުނދަގޫ ކަންތައް އޭނައާއި ޔުލްވީ ހިއްސާކުރެއެވެ. ނަމަވެސް ފަހަރަށް އައިސް އޭނައާއި ވެސް ޔުލްވީ ދުރު ވެއްޖެއެވެ. އެހެންކަމުން ޒުވައިލް ބެލީ އެކަމުގެ ހަޤީޤަތް ހޯދާށެވެ.
''ޔޫލީ...'' ޒުވައިލް ގޮވާލުމުން، ޔުލްވީ ކުޑަކޮށް ދޮރު ހުޅުވައި ބޭރަށް ބޯދިއްކޮށްލިއެވެ.
ސައި ތައްޔާރުކުރެވުނު ވާހަކަ ޒުވައިލް ބުނުމުން ޔުލްވީ ބޯޖަހާލަމުން ދޮރު ލައްޕާލިއެވެ. ޔުލްވީ ނިކުންނަންދެން ބޭރުގައި ޒުވައިލް މަޑުކޮށްގެން ހުއްޓެވެ.. ޔުލްވީގެ ހިމޭންކަމުން އޭނައަށް އުނދަގޫވެއްޖެއެވެ.
''މިރޭ ހިނގާބަ ދޮންބެއާއެކީ ބޭރަށް ގޮސްލަން...'' ޔުލްވީއާއެކު ސިޑިން އަރަމުން ޒުވައިލް ބުނެލިއެވެ. ''މޫވީ ނައިޓެއް ކިހިނެއްވާނެ؟...''
ޔުލްވީ ޖަވާބެއް ނުދިނެވެ. ބަހެއް ނުބުނެ ސިޑިން މައްޗަށް އަރަމުން ދިޔަ އެވެ. އެގޮތް ޒުވައިލްއަށް ކަމު ނުދިޔައެވެ. އޭނަ އިތުރު ޚިޔާލެއް ދިނެވެ.
''މިރޭ އެކްސްޕޯގެ ފަހު ދުވަހެއްނު، ކިހިނެއްވާނެ އެތަނަށް ގޮސްލަން؟...'' އުމާމާ ފަދައިން ޔުލްވީއަކީ ވެސް ތަފާތު ކާއެއްޗިއްސަށް މަރުދޭ ކުއްޖެކެވެ. އެޖުމްލައިން ޔުލްވީގެ ސަމާލުކަން ހޯދުމުގައި ޒުވައިލް ކާމިޔާބު ހޯދި އެވެ.
ފަނޑު ހިނިތުންވުމެއް ޔުލްވީގެ ތުންފަތަށް ވެރިވިއެވެ.
(ނުނިމޭ)
ލޯބިން ބޭނުމޭ
ކޮމެންޓް