މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ކްލަބު ލެޖެންޑް މައިކަލް ކެރިކް ވަކިކޮށް، އެޓީމުގެ ކޯޗުކަން މައުރީޝިއޯ ޕޮޗެޓީނޯއާ ހަވާލުކުރަން ރަސްމީކޮށް ނިންމައިފިއެވެ.

ޕޮޗެޓީނޯ މިހާރު އެމެރިކާގެ ކޯޗުކަމުގައި ހުރި އިރު، ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން މިއަދު ޕްރެސް ކޮންފަރެންސްގައި އިއުލާނު ކޮށްފައިވެއެވެ. ޕޮޗެޓީނޯ ވޯލްޑް ކަޕަށްފަހު އޮގަސްޓް މަހު އެމެރިކާގެ ކޮންޓްރެކްޓް އާކޮށްފައިވެއެވެ. އެއީ 2030 ވަނަ އަހަރު ވޯލްޑް ކަޕް ނިޔަލަށެވެ. އެހެން ނަމަވެސް ޔުނައިޓެޑުން ޕޮޗެޓީނޯގެ ސޮއި ހޯދީ، 10 މިލިއަން ޕައުންޑްގެ ރިލީސް ފީއެއް ދައްކާފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ޕޮޗެޓީނޯ ބުނެފައި ވަނީ އެމެރިކާގެ ކޯޗުކަން ދޫކޮށްލުމަކީ އޭނާއަށް ވަރަށް ހިތްދަތިވި ނިންމުމެއް ކަމަށެވެ.

"މިއީ އަހަންނަށް އުފާވެރި ނިންމުމެއް ނޫން. މިއީ ހިތްދަތި ނިންމުމެއް. އެކަމަކުވެސް މިއީ ފުޓުބޯޅައިގައި ވެދާނެ ކަމެއް. މިއީ ކޯޗުންގެ ދިރިއުޅުން އޮންނަ ގޮތް. ކްލަބުތަކާއި ފެޑަރޭޝަންތަކާވެސް ވާހަކަ ދެކެވި، މިކަހަލަ ނިންމުންތައް ނިންމާ ފަހަރު އަންނާނެ،" ޕޮޗެޓީނޯ ބުންޏެވެ.

އުމުރުން 54 އަހަރުގެ ޕޮޗެޓީނޯ ވަނީ އެމެރިކާގެ ކޯޗުކަމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. 2024 ވަނަ އަހަރު އެމެރިކާ ކޯޗުކަމާ ހަވާލުވި ޕޮޗެޓީނޯ ވަނީ ކުޅުނު 35 މެޗުން ރެކޯޑު 21 މޮޅު ހޯދައިފައެވެ. އެމެޗުތަކުން ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ ބަލިވީ 12 މެޗުންނެވެ. އަދި ދެމެޗުން އެއްވަރުވެފައިވެއެވެ.

ޕޮޗެޓީނޯއާއެކު އެމެރިކާ ވަނީ މިދިޔަ އަހަރުގެ ގޯލްޑް ކަޕް ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އެމެރިކާ އެފަހަރު ފައިނަލުގައި ބަލިވީ މެކްސިކޯ ކައިރިންނެވެ. އަދި ނިމިދިޔަ ވޯލްޑް ކަޕްގެ ގަދަ 16 ގައިވެސް އެމެރިކާއިން ވާދަކޮށްފައިވެއެވެ.

ޕްރެސްގައި ޕޮޗެޓީނޯ ބުނީ އޭނާގެ ކާމިޔާބީތަކުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ ފެޑަރޭޝަނުން ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭއްވީ ހާއްސަ ލޯތްބެއް ކަމަށާއި، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ވާސިލުނުވެވި ވަކިވާން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

އެމެރިކާއިން އާ ކޯޗަކަށް މަސައްކަތް ކުރަމުންދާ އިރު، ސާ އެލެކްސް ފާގަސަންއަށްފަހު ޔުނައިޓެޑުން ވަނީ ކޯޗުން ވަކިކުރުމާއި ހަމަޖެއްސުމަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.