މިއަދު މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓްގެ ބިލުން ޑުއެލް ޕާސްޕޯޓު އޮންނަ އިޒްރޭލު މީހުންނަށް ވެސް ރަސްމާލޭން ބިން ނުގަނެވޭނެ ކަމަށާއި ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގާނޫނުގައި މިހާރު ކަނޑައަޅާފައި ވަނީ އިޒްރޭލުން ފަލަސްތީނަށް މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ހާލަތު ބަދަލުވަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭނެކަން ކަމަށެވެ. އެކަމަކު އެ ހާލަތަށް ރިއާޔަތްނުކޮށް، އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ގޮތަށް ބަދަލުކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި މިހާރު ހިމަނާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައި، މިހާރު ވެސް ގާނޫނުގައި ކަނޑައަޅާފައި އޮންނާނީ 7 އޮކްޓޫބަރުގައި ހާދިސާއާ ގުޅިގެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭނެ ކަމަށް، އެ ހާލަތު ބަދަލުވަންދެކަށް. އެހެން ނަމަވެސް މި ބިލުގައި އެ ހާލަތަށް ރިއާޔަތް ނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިީ އާ އިސްލާހުގައި ވާނީ އިޒްރޭލު ޕާސްޕޯޓު އޮންނަ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެކަން ވަރަށް ސާފުކޮށް، ބަޔާންކޮށްފައި ކަމަށެވެ.

އޭގެ އިތުރުން ރިއަލް އެސްޓޭޓް ބިލްގައި އިތުރަށް ތަފްސީލުކޮށް އެކަން ބަޔާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން އިޒްރޭލްގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެއްވެސް އިންވެސްޓަރަކަށް އަދި ކުންފުންޏަކަށް ވެސް ރާއްޖޭގައި އިންވެސްޓް ކުރަން ނުވަތަ ބިން ގަތުމަށް ހުއްދަ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެއަށް ޑުއަލް ޕާސްޕޯޓްގައި އަޔަސް، މިތަނަށް އިންވެސްޓް މި ކުރެވެނީ އިތުރު ތަފްސީލަށް ބަލާފައި، ކޭވައިސީ ޗެކްކޮށްފައި. އެ ކެޗްކޮށްފައި ކަށަވަރު ކޮށްފައި ނޫނީ އެ އެޕްރޫވަލެއް ނުދޭނަން އޮތޯރިޓީއެއް. ޑުއަލް ޕާސްޕޯޓްގައި އެތެރެވިޔަސް އަދި އިންވެސްޓެއް ނުކުރެވޭނެ. އިންވެސްޓް ކުރާއިރު ބަލަންޖެހޭ، ބެލޭނެ ކަންކަން ހުންނާނެ. އެހެންވީމަ އެއްވެސް ލޫޕްހޯލެއް އޮތް ކަމެއް ނޫން މިއީކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިމުގެ ތެރެއަށް އެ ގައުމުގެ އެއްވެސް މީހަކަށް އާދެވުމަކީ ދިވެހިން އެދޭ ކަމެއް ނޫން ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.