ގަތަރު މެދުވެރިކޮށް އީރާނުން އެމެރިކާއަށް ނިއުކްލިއާ ހުށަހެޅުމެއް ފޮނުވައިފިއެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށޭނީ ތެހްރާނުން ކަނޑައަޅާފައިވާ ހަތް ޝަރުތު ވޮޝިންޓަނުން ފުރިހަމަ ކުރުމުންނެވެ. އަދި އެމެރިކާއިން މިހާރު އެ ހުށަހެޅުން ދިރާސާކުރަމުން އަންނަ ކަމަށާއި، ނަމަވެސް އޭގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ގުޅުގެން އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސް އޮފިޝަލު މުހްސިން ރިޒާއީ، ރަޝިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި އިއްޔެ ވިދާޅުވި ގޮތުގައި، ޑިޕްލޮމަސީގެ ދާއިރާއިން އެމެރިކާއަށް ހަތް ޝަރުތެއް ވަނީ ހުށަހަޅައިފައެވެ. އެ ޝަރުތުތައް ތަންފީޒު ނުކުރާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ނުހުޅުވާނެ ކަމަށާއި، އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ވެސް ރިޒާއީ ވިދާޅުވިއެވެ. އަލް އަރަބިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމުގެ އިތުރުން ހަނގުރާމައިގެ ބަދަލު ހޯދުން ހިމެނެއެވެ.
ނަމަވެސް، އެ ހަތް ޝަރުތުގެ ފުރިހަމަ ތަފްސީލު ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މި ހުށަހެޅުމާއި މެދުވެރިކަމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެމެރިކާއިން ނުވަތަ ގަތަރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިވާ ކަން ކަށަވަރުވެފައެއް ނުވެއެވެ. ދެ ގައުމުގެ ދެމެދުގައި އަށް މަސް ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ގަތަރު މެދުވެރިކޮށް ކުރެވޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް އީރާނުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
ބަންގްލަދޭޝް
އިރާން
ވިޔަފާރި
ކޮމެންޓް